މިއުޒިކް

"އަހަރެން މިއަދު ކައިވެނި ކުރަން، އެންމެން ސްނެޕްޗެޓް ބަލާ"

މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާ މުަހއްމަދު މާޖިދު އަދި މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި އަބްދުﷲ ފާލިހު މިއަދު ކައިވެނި ކުރާނެ އެވެ.

މިކަމާ ބެހޭގޮތުން އެއްވެސް އިންޓަވިއުއެއް އަދި ދޭން ބޭނުން ނުވާ ކަމަށް މީރާވަނީ ބުނެފަ އެވެ. ހަމައެކަނި ބުނީ "ސްނެޕްޗެޓް" މެދުވެރިކޮށް އަޕްޑޭޓްތައް ލިބެމުންދާނެ ކަމަށެވެ. އެންމެން ސްނެޕް ޗެޓް ބަލަން ތިބުމަށް ވެސް މީރާ ވަނީ ދައުވަތު ދީފަ އެވެ.

މީރާގެ ބައްޕަ، ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މެޒޯ މުހައްމަދު މާޖިދު ވެސް ވަނީ ދަރިފުޅު ކައިވެނި ކުރާ ވާހަކަ ޓުވީޓްކޮށްފަ އެވެ. މެޒޯގެ ޓުވީޓްގައި ބުނެފައިވަނީ ދަރިފުޅު ކައިވެނި ކުރަނީ ކަމަށާއި އޭނާ ވަރުގަދަ އަޑެއްގެ ވެރިއެއްގެ ބަފާބެއަކަށް ވަނީ ކަމަށެވެ.

މީރާ ބުނީ ކައިވެނީގެ ހަފްލާއާއި ކައިވެންޏާ ބެހޭ ހުރިހާ ކަމެއްވެސް އަދި އޮތީ ފޭނުންނާއި ސަޕޯޓަރުންނަށް ސިއްރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ސްނެޕްޗެޓް މެދުވެރިކޮށް ލައިވް އަޕްޑޭޓްތައް ލިބެމުންދާނެ ކަމަށެވެ. މިއަށްވުރެ އިތުރު ތަފްސީލެއް މީރާ ނުދިނެވެ. މީރާ ރޭ އޭނާގެ ސްނެޕްޗެޓަށް ލާފައިވާ ސްޓޯރީއެއްގައި ބުނެފައިވަނީ މާދަމާ އަކީ އޭނާގެ "ބޮޑު ދުވަސް" ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށެވެ.

މީރާ އަކީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ކާމިޔާބު ތަރި އެކެވެ. މީރާގެ މަގްބޫލުކަން އާންމުންގެ ތެރޭގައި ކުއްލިއަކަށް ބޮޑުވެ ގޭތެރޭގައި ހިފައިގެންގުޅޭ ނަމަކަށް "މީރާ" ބަދަލުކޮށްލީ ޓީވީއެމްގެ ކާމިޔާބު އެހަނދާނުގައި ޝޯތަކެވެ. މޯލްޑިވިއަން އައިޑޮލްގެ މިހާރުގެ ޖަޖު އައްމަޑޭއާ އެކު މީރާ ރިކޯޑްކުރި "އަދު މިހާލާތު" ވެގެން ގޮސްފައި ވަނީ އިންސްޓެންޓް ހިޓަކަށެވެ.

އެހަނދާނުގައިގެ އެޕިސޯޑްތަކުން ދިވެހިންގެ ހިތަށް ތިރިކުރި މީރާ ލަވަކިޔުންތެރިއެއްގެ ގޮތުގައި ހަމަޖެހިލީ ކުރީގެ ލޯބިވެރިޔާ އަދި ޒުވާން ލަވަކިޔުންތެރިޔާ ޔާމީން ރަޝީދުއާ އެކު ރިކޯޑްކޮށް އާންމުކުރަން ފެށި ކަވާ ސޯންގްތަކަކުންނެވެ. މިއީ ދިވެހި ލަވައިގެ ޕޮޕްސްޓާރަކަށް މީރާ ބަދަލުކޮށްލި ހިސާބެވެ. މީރާގެ ލަވަތަކަކީ އާންމުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަ ކިޔުންްތެރި އެކެވެ.

މީރާގެ ލޯބިވެރިޔާ ފާލިހު އަކީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދައިގަތް ތަރިއެކެވެ. މޯލްޑިވިއަން އއިޑޮލް އަށްފަހު ފާލިހުގެ އާ ލަވައެއް އަދި މިހާތަނަށް އިވިފައި ނެތަސް ކުރިއަށް އޮތްތަނުގައި އިވޭނެ ކަމަށް ފާލިހު ބުނެ އެވެ. ފާލިހު އަކީ އެ ސީޒަންގެ ފަސް ވަނަ އެވެ.

މިއީ މީރާގެ ފުރަތަމަ ކައިވެންޏެވެ. އަދި ފާލިހުގެ ދެ ވަނަ ކައިވެންޏެވެ.