ދުނިޔެ

މެދުއިރުމަތީގެ ބޭންކްތަކުގެ ނެޓްވޯކް އެމެރިކާއިން ބެލިކަން ފަޅާ އަރައިފި

Apr 15, 2017

ބޭންކްތަކުގެ މެދުގައި މުއާމަލާތް ކުރަން ބޭނުންކުރާ ސޮސައިޓީ ފޯ ވޯލްޑްވައިޑް އިންޓަބޭންކް ފައިނޭންޝަލް ޓޭލެކޮމިއުނިކޭޝަން (ސްވިފްޓް) ގެ ނެޓްވޯކަށް އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން ވަދެ، މެދުއިރުމަތީގެ ގިނަ ބޭންކްތަކުގެ މުއާމަލާތްތައް ސިއްރުން ބަލާފައިވާކަން ފަޅާ އަރައިފި އެވެ.

އެންއެސްއޭއިން އެގޮތަށް ކަންތައް ކުރިކަން ފަޅާ އަރުވާލީ "ޝެޑޯ ބްރޯކާސް" ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުންނެވެ. އެންއެސްއޭ އިން އެގޮތަށް އަމަލުކުރިކަން އެނގޭ ލިޔެކިއުންތައް ކަމަށް ބުނާ ލިއުންތަކެއް އެގްރޫޕުން ވަނީ އާއްމުކޮށްފައެވެ. އާއްމު ކުރި ލިއުންތަކަކީ އެންއެސްއޭގެ ލިއުންތަކެއް ކަމަށް، ލިއުންތައް ތަހުލީލުކުރި މާހިރުން ވިދާޅުވާ ކަމަށް އަލްޖަޒީރާ ބުންޏެވެ.

ލީކްވެފައިވާ ލިއުންތަކުން އެނގޭ ގޮތުގައި އެންއެސްއޭ އިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ މައިކްރޯސޮފްޓް ވިންޑޯސް އުފެއްދުންތަކުގެ ބަލި ފައިތައް ބަލައި، އެކަންތައްތަކުގެ ބޭނުންވެސް ހިފާފައެވެ. އެ ލިއުންތަކުން އެނގޭ ގޮތުގައި އެންއެސްއޭ އިން ވަނީ ސްވިފްޓްގެ ސާވިސް ބިއުރޯ ތަކަށް ވެސް ވެސް ވަދެފައެވެ. އެގޮތުން އީސްޓްނެޓްސްއަށް ވެސް އެ އެޖެންސީން ހަމަލާދީފައި ވެއެވެ. އެއީ މެދުއިރުމަތީގެ ބޭންކްތަކަށް ޓެކްނިކަލް އެހީތެރިކަން ދޭ ވެބްސައިޓެވެ.

އެކަމާ ގުޅޭ ގޮތުން ސްވިފްޓް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރި މީހުން ތުހުމަތުކޮށްފައި ވަނީ ސްވިފްޓްގެ އަމިއްލަ ނެޓްވޯކަށް ނޫން ކަމަށާއި ސާވިސް ބިއުރޯ ތަކަށް ކަމަށެވެ. އަދި ބުނެފައި ވަނީ ސްވިފްޓްގެ އިންފްރާ ސްޓްރަކްޗާއަށް ނުވަތަ ޑާޓާ އަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށެވެ.

އެކަމާ ބެހޭ ގޮތުން އީސްޓްނެޓުން ނެރުނު ބަޔާނުގައި ވަނީ ހުރިހާ ތުހުމަތުތަކެއް ދޮގު ކޮށްފައެވެ.

"އީސްޓްނެޓްސް ސާވިސް ބިއުރޯއަށް ހެކަރުން ވަތް ކަމަށް ފެތުރިފައިވާ ރިޕޯޓްތަކަކީ މުޅިން ދޮގެވެ. އެކަހަލަ ކަމެއް ފެނިފައެއް ނުވެއެވެ،" އީސްޓްނެޓްސް އިން ނެރުނު ބަޔާނުގައި ވެއެވެ.