މިއުޒިކް

އިންޑިއަން ތީމެއްގައި މީރާ އާއި ފާލިހު ކައިވެނިކޮށްފި

ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އަދި މޯލްޑިވިއަން އައިޑޮލްގެ ތަރި އަބްދުﷲ ފާލިހު މިއަދު ކައިވެނި ކޮށްފި އެވެ. ދާދި ދެންމެއަކު މީރާ ވަނީ އެނާ ކައިވެނި ކުރި މަންޒަރު އޭނާގެ ސްނެޕްޗެޓް ސްޓޯރީއަށްލާ އެ ހާއްސަ ވަގުތުކޮޅު ފޭނުންނާ ހިއްސާ ކޮށްލާފަ އެވެ. --ދެމީހުންނަށް ވެސް ބާއްޖަވެރި ކައިވެންޏަކަށް އެދެމެވެ.

މިއަދާއި ހަމައަށް މީރާގެ ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. ފޭނުންނަށް ސަޕްރައިޒެއް ދޭން ބޭނުންވީ ކަންނޭނގެ އެވެ. މިކަމާ ބެހޭގޮތުން އޮޅުން ފިލުވާލަން މީރާއަށް ގުޅާލުމުން މީގެ ކުރިން ބުނީ ވަގުތު ޖެހުމުން ހާމަކުރާނެ ކަމަށެވެ. އަދި އިތުރު އެއްވެސް ވާހަކައެއް މީޑިއާ އާ ހިއްސާކުރެވެން ނެތް ވާހަކަ އެވެ. ނަމަވެސް އިއްޔެ މީރާވަނީ އޭނާގެ ފޭނުންނަށް އުފާވެރި ހަބަރެއް ދީފަ އެވެ. އެއީ ސްނެޕްޗެޓުން މީރާ ފޮލޯކޮށް ކައިވެނީގެ މަންޒަރުތައް ބަލައިލަން ދައުވަތު ދީފަ އެވެ.

މީރާގެ ސްނެޕްޗެޓް ސްޓޯރީތަކުން ފެންނަ ގޮތުގައި ކައިވެނީގެ ތީމަކީ އިންޑިއަން ތީމެކެވެ. އަތުގައި ހީނާފަތް އަޅާފައިވާއިރު ހެދުން ވެސް އަޅާފައިހުރި އިންޑިއާގެ ސަގަފަތާއި އެއްގޮތަށް ޓޮޕަކާއި ދިގު ތިރި އެކެވެ. ބޭނުންކޮށްފައި ހުރި ގަހަނާތައް ވެސް ހުރީ އިންޑިއާގެ ސަގާފަތާއި ގުޅުވާލާފަ އެވެ. ސްނެޕްޗެޓް ސްޓޯރީތަކުން ފެންނަ ގޮތުގައި ފާލިހުވެސް ލާފައި ހުރީ އިންޑިއާގެ ސަގާފީ ހެދުމެއް ކަމަށްވާ ޝަރުވާނީ އެކެވެ.

މީރާއަކީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ކާމިޔާބު ތަރި އެކެވެ. މީރާގެ މަގްބޫލުކަން އާންމުންގެ ތެރޭގައި ކުއްލިއަކަށް ބޮޑުވެ ގޭތެރޭގައި ހިފައިގެންގުޅޭ ނަމަކަށް "މީރާ" ބަދަލުކޮށްލީ ޓީވީއެމްގެ ކާމިޔާބު އެހަނދާނުގައި ޝޯތަކެވެ. މޯލްޑިވިއަން އައިޑޮލްގެ މިހާރުގެ ޖަޖު އައްމަޑޭއާ އެކު މީރާ ރިކޯޑްކުރި "އަދު މިހާލާތު" ވެގެން ގޮސްފައި ވަނީ އިންސްޓެންޓް ހިޓަކަށެވެ.

އެހަނދާނުގައިގެ އެޕިސޯޑްތަކުން ދިވެހިންގެ ހިތަށް ތިރިކުރި މީރާ ލަވަކިޔުންތެރިއެއްގެ ގޮތުގައި ހަމަޖެހިލީ ކުރީގެ ލޯބިވެރިޔާ އަދި ޒުވާން ލަވަކިޔުންތެރިޔާ ޔާމީން ރަޝީދުއާއެކު ރިކޯޑްކޮށް އާންމުކުރަން ފެށި ކަވާ ސޯންގްތަކަކުންނެވެ. މިއީ ދިވެހި ލަވައިގެ ޕޮޕްސްޓާރަކަށް މީރާ ބަދަލުކޮށްލި ހިސާބެވެ. މީރާގެ ލަވަތަކަކީ އާންމުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަ ކިޔުންްތެރި އެކެވެ.

މީރާގެ ލޯބިވެރިޔާ ފާލިހު އަކީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދައިގަތް ތަރިއެކެވެ. މޯލްޑިވިއަން އއިޑޮލް އަށްފަހު ފާލިހުގެ އާ ލަވައެއް އަދި މިހާތަނަށް އިވިފައި ނެތަސް ކުރިއަށް އޮތްތަނުގައި އިވޭނެ ކަމަށް ފާލިހު ބުނެ އެވެ. ފާލިހުއަކީ އެ ސީޒަންގެ ފަސް ވަނަ އެވެ. ކުރިން ކައިވެންޏެއްކޮށް ފާލިހަށް ކުއްޖަކު ލިބިފައި ވެއެވެ. މިއީ މީރާގެ ފުރަތަމަ ކައިވެންޏެވެ.