އަހުމަދު ނަބީލްއަކީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއް ފެށިގެން އައި ދުވަހުން ފެށިގެން ވެސް އެންމެ ވަރުގަދަ އެއް ބައިވެރިޔާ ގޮތުގައި ތައްގަނޑު ޖެހިގެން ދިޔަ ބައިވެރިޔެކެވެ. އޭނާއަކީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޒޫނާގެ ދަރިފުޅަށް ވީމައެއް ނޫނެވެ. އޭނާގެ ލަވަ ކިޔުމުގެ ހުނަރާއި ލަވަ ކިޔުމުގައި ގެންގުޅޭ އަމިއްލަ ގޮތެއްގެ ސަބަބުންނެވެ.
ޝޯގެ ގަދަ ހަޔަކާ ހަމައަށް އައިއިރު ކޮންމެ ރެއަކު ވެސް ނަބީލް ހުށަހަޅައިދީފައިވަނީ ރީތި ލަވަތަކެވެ. ޖަޖުންގެ ރަނގަޅު ކޮމެންޓްތަކާއެކު ޖަޖުންގެ ލިސްޓްގެ ވެސް ވަރަށް ކުރީގައި ނަބީލް އުޅުނެވެ. މި ހަފުތާ ނަބީލް ހުށަހަޅައިދިން ލަވައަށް ވެސް ޖަޖުންގެ ފަރާތުން ރަނގަޅު ކޮމެންޓްސް ލިބުނެވެ. އެ ރޭ ހުށަހެޅުންތަކުން ނަބީލްގެ ހުށަހެޅުން ގުނާލެވެ އެވެ. ނަމަވެސް ނެގުނު ލަވަ ތަންކޮޅެއް އާދައިގެ ކަމަށް ޖަޖުން ބުންޏެވެ. ކޮންމެއަކަސް އެ ލަވަޔާއެކު ނަބީލްގެ އައިޑޮލްގެ ދަތުރު މިވަނީ ނިމިފަ އެވެ. ޖަޖުންނާއި ބެލުންތެރިންގެ މާކްސް އެއްކޮށްލުން އެންމެ ދަށް މާކުހެއް ލިބި ވަކިވާން ޖެހުނީ ނަބީލަށެވެ.
ނަބީލަކީ މިޔުޒިކީ އާއިލާއެއްގެ ދަރިއަކަށްވެފައި ދާއިރާއިން އޭނާ ފެންނާނެ ކަމާމެދު މާބޮޑު ސުވާލެއް ނުފެދެ އެވެ. ނަބީލް ހުރީ ދާއިރާގައި ފިޔަޖަހާފައި ކުރިއަށް ދާށެވެ.
"މިއީ ދެން ފެށުމެއް، އައިޑޮލްގަ ބައިވެރިވާ ކޮންމެ ކުއްޖެއް ވެސް ކަޓައިގެން ދިޔަސް އެއީ ފެށުމެއް، އެއީ އެ ފޭމްއާއި ދަސްވި އެއްޗެއްސާއެކު ކުރިއަށް ދެވޭނެ، ނަބީލް ވެސް ހަމަ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތާ ފެންނާނެ،" އަވަސްއަށް ރޭ ދިން އިންޓަވިއުގައި ނަބީލް ބުންޏެވެ. "އަޅުގަނޑު ވެސް ޓާގެޓަކީ ބޭންޑެއް ފޯމްކޮށްލައިގެން، ފްރެންޑްސްއާއެކު، ރިސޯޓް މިޔުޒިކާއި އެހެން ގޮސް އެކި ޖޮންރާތައް ދަސްކުރުން ނަބީލްގެ ޓާގެޓަކީ،"
ބޭންޑެއް އުފައްދައިގެން ކުރިއަށް ދިޔުމަށް ވިސްނައިގެން ހުރި ނަބީލަށް މޯލްޑިވިއަން އައިޑޮލްގެ ދަތުރު ވެގެން ދިޔައީ ހީވެސް ނުކުރާވަރުގެ ދަތުރަކަށެވެ. އެހާ ގިނަ އެއްޗެހި ދަސްވިއިރު ދަތުރުގެ ހަނދާން ދުވަހަކު ވެސް ފިލާ ނުދާނެ ކަމަށް އޭނާ ބުންޏެވެ.
"މޯލްޑިވިއަން އައިޑޮލްގެ މި ދަތުރަކީ ހަމަ އެމޭޒިން އެކްސްޕީރިއަންސެއް، ހިތަށް ވެސް ނާރާ ކަހަލަ ސަޅި އެކްސްޕީރިއެންސެއް، އޭރުން ފެށިގެން މިހާ ހިސާބަށް، ޓޮޕް ސިކްސްއާ ހަމައަށް އައިއިރު ބައިވަރު ކަންކަން ދަސްވެއްޖެ، ބޭންޑް ފަރާތުން، އަޅުގަނޑުމެންގެ ކޯޗް ސަމީއު ފަރާތުން، އެހެން ގޮސް މިޔުޒިކް ޑައިރެކްޓަރު އިކްރާމްގެ ފަރާތުން، އެހެން ގޮސް ބައިވަރު ކަންކަން ދަސްވެއްޖެ،" ނަބީލް ބުންޏެވެ.
"ނަބީލް މިޔުޒިކް އިންޑަސްޓްރީގައި އަސްލަކު ނޫޅެން، އެހެންވީމަ މިއިން ކޮންމެ އެއްޗަކީ ނަބީލަށް ވަރަށް ބޮޑު ޓްރެޝާއެއް، އެ ޕްރެކްޓިސް ކުރަމުން މި ހިސާބަށް އާދެވިފަ މިހުރީ، ހަނދާނުން ފިލައިގެން ނުދާނެ ޖާނީއެއް މި،"
ކުއްލިއަކަށް ޝޯ ދޫކޮށްލަން ޖެހުމަކީ ނަބީލަށް ޝޮކެއް ނޫނެވެ. މިހާރު ތިބީ އެއްވަރުގެ މޮޅެތި ބައިވެރިންކަން އޭނާ ގަބޫލުކުރެ އެވެ. ކޮންމެ ގޮތެއް ވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ރޭގެ ނަތީޖާ ކިތަންމެ ހިތި ނަމަވެސް އެ ނަތީޖާ ނަބީލް ގަބޫލުކުރެ އެވެ.
"ކޮންމެ ޝޯއެއްގަ ވެސް ޕޮޒިޓިވްކޮށް ވެސް އަދި އަނެއް ގޮތަށް ވެސް އެކްސްޕެކްޓް ކުރަން، އެއީ ރިއަލިޓީ އެއްޗެއްގަ ވާނެ ގޮތެއް ނޭނގޭނެ އެއްވެސް ބައިވެރިއަކަށް، އެހެންވީމަ މީގަ ނަބީލް މި ނަތީޖާ ގަބޫލުކުރަން، ހަމަ ވަރަށް މޮޅެތި ކުދިން މިތިބީ، ނަބީލަށް ހަމަ ވަރަށް ޔަގީން ދިވެހިރާއްޖެއަށް ދެން ވަރަށް އުނދަގޫވާނެ ބުނަން ދެން ކަޓާނީ މިވެނި ކުއްޖެކޭ، އެހާ ވެސް މޮޅެތި ކުދިން ތިބީ، އެހެންވީމަ އުއްމީދުކުރިން ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށް،" ނަބީލް ބުންޏެވެ.
ނަބީލް، ބަލިކޮށް ގަދަ ފަހަކުން ޖާގަ ހޯދި ބައިވެރިންނަށް ނަބީލް ވަނީ ހިތްވަރުދީ ކާމިޔާބަށް އެދިފަ އެވެ. އަދި އެ ބައިވެރިންނަށް އަގުހުރި ނަސޭހަތެއް ވެސް އޭނާ ވަނީ ދޫކޮށްފަ އެވެ.
"ޓޮޕް ފަހަކަށް ނަބީލް ބުނެލާނީ މިހާރު އެ ކުރަމުންދާ މަސައްކަތާއި ހިތްވަރު ނުހުއްޓާ ކުރިއަށް ދާށޭ، އެއްވެސް ގޮތަކަށް ގިވްއަޕް ނުކުރައްޖޭ، ކޮންމެ ގޮތެއް ވިޔަސް އައިޑޮލްއަށް ވާނީ އެއް ކުއްޖެއް، އެކަމަކު މިހާރަށް ޓޮޕް 16 އިން ތެރެއިން ކަޓާ ކޮންމެ ކުއްޖަކީ ވެސް ވިނާއެއް، އެއީ އޮޑިޝަންނަށް ބަލާލާއިރު 1547 ބައިވެރިންގެ ތެރެއިން މިތިބީ ޓޮޕް 16 އަށް އާދެވިފަ، އެހެންވީމަ ޓޮޕް ފަހަކަށް ވެސް ބުނެލާނީ މާޔޫސް ނުވައްޖާ ކުރިއަށް ދާށޭ، މިތަނުން ނިކުމެގެން ދާން ޖެހުނަސް އެއީ ފެށުމެކޭ،"
މުޅި އައިޑޮލްގެ ޓީމުން ވެސް ވަރަށް ބަސްއަހާ، އަހުލާގު ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ސިފަކުރާ ނަބީލަށް މިހާ ހިސާބަށް އާދެވުމުގައި އެހީތެރިވި އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ. ނަބީލް ބުނީ އޭނާގެ ޝުކުރު ލިސްޓް ވަރަށް ދިގު ކަމަށާއި އެ ލިސްޓް ކިޔާ ކިޔާ ނުނިމޭނެ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ނަންތައް ނަބީލް ހިއްސާކޮށްލި އެވެ.
"ޝުކުރު ލިސްޓް ކިޔާ ނުނިމޭނެ، އެންމެ ފުރަތަމަ ޝުކުރު އަދާކުރަން ޖެހޭނީ ޕީއެސްއެމްއަށް، އެއީ މިކަހަލަ ޕްލެޓްފޯމެއް ގެނެސްދިނީމަ، ވަރަށް ބޮޑު ޕްލެޓްފޯމެއް މި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޕްލެޓްފޯމް، އެކަމަށް ޕީއެސްއެމްއަށް ޝުކުރު އަދާކުރަން، ދެން މެނޭޖްމެންޓް ހުރިހާ ބޭފުޅުންނާއި ބޭންޑާއި އަޅުގަނޑުގެ މަންމަ އާއި ބައްޕައާއި ފޭންސް އާއި ހުރިހާ މީހުންނަށް ޝުކުރު އަދާކޮށްލަން،" ނަބީލްގެ ޝުކުރުގެ ލިސްޓް ކިޔައިދިނެވެ.