ދުނިޔެ

އުތުރުކޮރެއާގެ މިސައިލް ޓެސްޓް މިފަހަރުވެސް ދިޔައީ ތޮޅިއަށް

Apr 16, 2017

އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދިނުމަށް ފަހު އުތުރުކޮރެއާއިން މިއަދު ކުރި މިސައިލް ޓެސްޓް ނާކާމިޔާބު ވެއްޖެއެވެ.

އުތުރުކޮރެއާގެ އިރުމަތީ އައްސޭރިން އުދުއްސާލި މިސައިލް ހަމަ އުދުއްސައިލުމާއި އެކު ގޮވާފައިވާ ކަަމަށް އެމެރިކާގެ ޕެސިފިކް ކޮމާންޑާ ހަވާލާދީ ރޮއިޓާސް ނޫހުން މިއަދު ބުންޏެވެ.

މިސައިލެއް ޓެސްޓްކުރަން އުތުރުކޮރެއާއިން މަސައްކަތްކޮށްފައި މިވަނީ އެފަދަ ކަމެއް ނުކުރަން ޗައިނާއިން ނަސޭހަތްތެރިވަމުން ދަނިކޮށެވެ. ޗައިނާއަކީ އުތުރުކޮރެއާއާ ސިޔާސީ ގުޅުން ބާއްވާ މަދު ގައުމުތަކުގެ ތެރެއިން ބާރުގަދަ ހަމަ އެކަނި ގައުމެެވެ. އަދި އެމަސައްކަތް ކޮށްފައި މިވަނީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އަވަށްޓެރި ދެކުނު ކޮރެއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފެއްޓެވުމާ ދިމާކޮށެވެ.


އުތުރުކޮރެއާގެ ބާނީ ކިމް އިލްސަންގެ 105 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ވެރިރަށް ޕިޔޮންޔޮންގައި އިއްޔެ ބޭއްވި ޕެރޭޑްގައި ގިނަ އަދަދެއްގެ މިސައިލާއި އެހެނިހެން ބަރު ހަތިޔާރު ވަނީ ދައްކާލާފައެވެ. އެގޮތުން ދުރުރާސްތާގެ ބެލިސްޓިކް މިސައިލްގެ އާ ވައްތަރެއް ވެސް އިއްޔެ ވަނީ ދައްކާލާފައެވެ. އަވަށްޓެރި ދެކުނު ކޮރެއާއިން ބުނެފައި ވަނީ އުތުރުކޮރެއާއިން ބާރު ދައްކައިލުމަކީ މުޅި ދުނިޔެއަށް ވެސް ހުރި ނުރައްކަލެއް ކަމަށެވެ.

އެމެރިކާގެ މަނަވަރު ތަކުގެ ފްލީޓެއް ކޮރެއާ ސަރަހައްދަށް ފޮނުވުމާއި އެ ދެ ގައުމުގެ ޒުވާބު ހޫނުވަމުންދާތީ ކޮންމެ ހިނދެއްގައި ވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުން ޗައިނާއިން ވަނީ ފާޅުކޮށްފަ އެވެ. ޗައިނާއަކީ އުތުރު ކޮރެއާއާ ގުޅުން އޮންނަ، ބާރުގަދަ ހަމަ އެކަނި ގައުމެވެ. އުތުރު ކޮރެއާ ހުއްޓުވުމަށް ޗައިނާއިން ވަނީ ބައެއް ފިޔަވަޅުތައް ވެސް އަޅާފައެވެ. އެގޮތުން އެ ގައުމުން ބޯޓް ދެލި ގަތުން ޗައިނާއިން ވަނީ ވަގުތީ ގޮތުން ހުއްޓައިލާފަ އެވެ. އަދި މިހިނގާ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން، ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުތައް ހުއްޓައިލަން ޗައިނާއިން ވަނީ ނިންމާފަ އެވެ.

ހަނގުރާމައެއްގެ ބިރުވެރިކަން ޗައިނާއިން ފާޅުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މައްސަލަތައް ހައްލު ކުރުމަށް ފަސޭހައިން އަސްކަރީ ވަރުގަދަ ފިޔަވަޅުތައް އަޅުއްވާ ބޭފުޅެއްކަން ސާބިތުވާން ފެށުމުން ކަމަށް ބެލެވެއެވެ. ޓްރަމްޕް އެގޮތުން އެޅުއްވި ފުރަތަމަ ފިޔަވަޅަކީ ސޫރިޔާގެ ރައީސް އަސަދާ ދެކޮޅަށް އެމެރިކާއިން ދިން ވަރުގަދަ ހަމަލާ އެވެ. އަދި އޭގެ ދެވަނަ ފިޔަވަޅެއް އެމެރިކާއިން އިއްޔެ ވަނީ އަޅާފަ އެވެ. އެއީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާގެ ކޮށާރުގައި އޮތް އެންމެ ބާރުގަދަ ހަތިޔާރުތަކުގެ ތެރެއިން ހަތިޔާރެއް ބޭނުން ކުރުމެވެ.

ޖީބީޔޫ-43/ބީ މެސިވް އޯޑިނެންސް އެއާ ބްލާސްޓް (މޯބް) ނަމަކަށް ކިޔާ އެ ބޮން އެމެރިކާއިން އިއްޔެ ވަނީ އައިއެސް މީހުން އުޅޭ ހޮހަޅަތަކަކަށް އަޅާފަ އެވެ. މިއީ އެމެރިކާއިން އެހަތިޔާރު ބޭނުންކުރި ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން އުތުރު ކޮރެއާއިން ބުނެފައި ވަނީ އެގައުމާ ދެކޮަޅަށް ހަމަލާއެއް ދީފި ނަމަ "ރަޙުމު ކުޑަ ގޮތަކަށް" ބަދަލު ހިފާނެ ކަމަށެވެ. އުތުރު ކޮރެއާއިން ނިއުކްލިއަ ޓެސްޓެއް ކުރުމަކީ މިހާރު އެ ގައުމުގެ ބަސްމަގު ހުރި ގޮތުން، ކޮށްފާނެ ކަމަށް ބެލެވޭ ކަމެކެވެ. އެފަދަ ޓެސްޓެއް ކޮށްފި ނަމަ އެމެރިކާއިން އެގައުމަށް ހަމަލާދިނުން ގާތެވެ.

މަޝްރަހު މިހާ ބޮޑަށް ގޯސް ވުމުން ޗައިނާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. އެގޮތުން އުތުރުކޮރެއާ އާ ޗައިނާއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިއަށް 150000 ސިފައިން ވަނީ ފޮނުވާފަ އެވެ.