ދުނިޔެ

ސައުދީ ބަނދަރަކުން ބޭރުކުރަން އުޅުނު 46 ކިލޯ ކޮކެއިން އަތުލައިގެންފި

Apr 16, 2017
2

ސައުދީ އަރަބިއްޔާގެ ބަނދަރަކުން އެހެން ގައުމަކަށް ބަޔަކު ގެންދަން އުޅުނު 46 ކިލޯގެ ކޮކެއިން އެ ގައުމުގެ ސަލާމަތީ ބާރުތަކުން އަތުލައިގެންފި އެވެ.

ސައުދީ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫހެއް ކަަމަށްވާ އަރަބް ނިއުސް އިން ހުކުރު ދުވަހު ބުނީ ރަތް ކަނޑުގެ އައްސޭރީގައިވާ ރާބިޣު ނަމަކަށް ކިޔާ ރަށުގެ ބަނދަރުން އަތުލައިގަތް ކޮކެއިން ޝިޕްމަންޓް ފޮރުވާފައި ހުރީ ފިނިކޮށްފައިވާ ކުކުޅު ކޭސްތަކެއްގެ ތެރޭގައި ކަމަށެވެ.
.

ސައުދީ އަރަބިއްޔާ ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ ، ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ވަނީ މޫނު ނިވާކޮށްގެން ތިބި އޮފިޝަލުން ކޮންޓެއިނާއަކުން ކޮކެއިން ފޮށިގަނޑެއް ހޯދަައިގެން ނަގާ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުކޮށްފައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ސައުދީ ސިފައިން ވަނީ މިދިޔަ ފެބްރުއަރީ މަހު ހިފަހައްޓާފައެވެ. އެފަހަރު ހިފެހެއްޓި ބޯޓްގައި 400 ކިލޯގެ ހަޝިޝްއާއި އެމްފިޓަމިންގެ 100000 ގުޅަ ހުއްޓެވެ. އެވައްތަރުގެ 191000 ގުޅަ އެއްގަމު މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަން ސައުދީ އޮފިޝަލުން މިއަދުވެސް ވަނީ ހާމަކޮށްފައެވެ. އުރުދުން މަގުން ސައުދީ އަށް އެތެރެކުރަން އުޅުނު އެ ގުޅަތަކާއި އެކު ހައްޔަރުކޮށްފައި ވަނީ ސައުދީ ރައްޔިތެކެވެ.