ދުނިޔެ

ގާނޫނުއަސާސީ ބަދަލުކުރުމާމެދު ގޮތް ނިންމަން ތުރުކީގައި ވޯޓްލާން ފަށައިފި

Apr 16, 2017

ތުރުކީގެ ރައީސަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމާމެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް އެ ގައުމުގެ ރައްޔިތުން މިއަދު ވޯޓްލާން ފަށައިފި އެވެ.

ބަރުލަމާނީ ނިޒާމު ދޫކޮށް ރިޔާސީ ނިޒާމަކަށް ބަދަލުވެ، ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާނަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް ތުރުކީ ޕާލަމެންޓުން އެގައުމުގެ ގާނޫނު އަސާސީއަށް ބަދަލު ގެންނަން ފާސްކުރީ މިދިއަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. ތުރުކީ ޕާލަމެންޓުން ފާސްކޮށްފައިވާ އެ ބަދަލުތައް ގާނޫނު އަސާސީއަށް ގެނެވޭނީ ރައްޔިތުންގެ މެދުގައި މިއަދު ނަގާ ފެންނަ ނުފެންނަ ވޯޓްގައި އެގޮތަށް ފާސް ވެއްޖެ ނަމައެވެ. އެ ބަދަލުތަކަށް ތުރުކީ މީހުން އާނބަސް ބުނެފި ނަމަ 2029 ވަނަ އަހަރާ ހަަމައަށް އެގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އަރުދުޣާން ވެރިކަން ކުރެއްވުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.

ހިޔާލު ހޯދުމުގެ ވޯޓްކުގެ ނަތީޖާ ދައްކާ ގޮތުން ބަދަލުތަކަށް އާނބަސް ބުނާ މީހުންގެ އަދަދު އުޅެނީ ކުޑަ ތަންކޮޅެއް ގިނަކޮށެވެ.

މިއަދު ނަގާ ފެންނަ ނުފެންނަ ވޯޓްގައި ބައިވެރިވުމުގެ ހައްގު ލިބިފައިވާ 55 މިލިޔަން މީހުން ތުރުކީގައި އެބަތިއްބެވެ. އެމީހުން ވޯޓްލުމަށްޓަކައި އެގައުމުގެ އެކި ކަންކޮޅުތަކުގައި 167,140 ވޯޓްލާ މަރުކަޒު ވަނީ ގާއިމްކޮށްފަ އެވެ. ތުރުކީގެ އިރުމަތީ ސަރަހައްދުތަކުގައިވާ ވޯޓްލާ މަރުކަޒުތައް ހުޅުވީ ތުރުކީ ގަޑިން ހެނދުނު 7.00 ގައެވެ. އަދި އެހެން ހިސާބުތަކުގައިވާ ވޯޓްލާ މަރުކަޒުތައް ހުޅުވީ ހެނދުނު 8.00 ގައެވެ. ވޯޓްލާ މަރުކަޒުތައް ބަންދުކުރާނީ ހަވީރު 5.00 ގައެވެ. ގައުމުން ބޭރުގައި ތިބި ތުރުކީ މީހުން މިހާރު ވޯޓުލައި ނިންމާފައިވާ ކަމަށް ރޮއިޓާސް ބުންޏެވެ.

މިއަދު ނަގާ ވޯޓުގައި ގާނޫނު އަސާސީއަށް ބަދަލު ގެނައުމާ އެއްކޮޅަށް އަޣުލަބިއްޔަތު ހޯދުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އަރުދުޣާން ވަނީ ވަރުގަދަ ކެމްޕޭނެއް ކުރައްވާފައެވެ. އެގޮތުން އޭނާ ބޭއްވެވި އެންމެ ފަހުގެ އެއްވުންތައް ބޭއްވީ ތުރުކީގެ ތާރީހީ ރަށް އިސްތަންބޫލްގަ އެވެ.