ވާހަކަ

މުޅިޖާންހިތާ

(13 އޭޕްރީލް 2017 އާ ގުޅޭ)

"ބައްޕައަށް މިވަގުތު ގެއަށް ދެވޭކަށްނެތް... އައިރާއާ މެދު ނިޔާނު ނުވިސްނާ... ބައްޕަ ތިކަންކޮށްދޭނަން... ހިތްހެޔޮކުރާތި... ބަލައިގެން އުޅޭތި އިނގޭ... ބައްޕައަށް ގުޅާލައްޗޭ ދޭތެރެއަކުން" ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރި ނިޔާނަށް އަމީރުގެ އަޑު އިވެމުންދިޔައެވެ. މިވަގުތު އަމީރު ނޫނީ އައިރާގެ މައްޗަށް ރައްކާތެރިވާނޭ މީހަކު ނެތްކަން ނިޔާނަށް އެނގެއެވެ. ފޯނުކޯލު ނިންމާލާފައި ނިޔާނު އައިސް އެޕާޓްމެންޓަށް ވަނުމާއެކު ސޯފާގައި އިން އައިރާ ތެދުވިއެވެ.

ނިކަން ލޯބިން އައިރާ ގާތްކޮށްލުމާއެކު ނިޔާނުގެ ދެއަތުގެ ތެރޭ ހިފަހައްޓާލައިގެން ހުއްޓެވެ. އައިރާގެ ދޮން ކޯތާފަތުގައި ބޮސްދިނުމަށްފަހު ނިޔާނު ގޮވާލިއެވެ.

"އައިރާ ތި ދައްކާ ވާހަކަ ވެސް އަހަރެން ޤަބޫލު ކުރަން. މިފަހަރު މަށަށް ވެސް ނޭނގެ މިވާ ގޮތެއް... އައިރާއާ ދުރަށް ދާން ބޭނުން ނުވެފައި ހުއްޓާ ދާންޖެހޭތީކަންނޭނގެ ދޯ. މާބޮޑަށް އައިރާ ގެންދަން ބޭނުންވަނީ... އަހަރެންގެ ގާތުގައި ބަހައްޓަން ބޭނުންވަނީ... ފެންނަ ހިސާބުގައި"

"އައި ނޯ... އަހަރެން ވެސް ބޭނުން ނުވަނީކީނޫން... ހުރިހާ ވަގުތެއްގައި ނިޔާނު ފެންނަ ހިސާބުގައި ހުންނާނަން" ނިޔާނުގެ މޭގައި ފިރުމާލަމުން އައިރާ ހިނިތުންވެލަން މަސައްކަތްކުރި އެވެ.

"އަހަންނަށް މިހެންނެއް ނޫޅެވޭނެ. އައިރާއާ ދުރުގައި ހުންނަން ހާދަ އުނދަގުލޭ. އައިރާއާ މެދު އަބަދު ވިސްނެނީ... ކިހިނެއް މަސައްކަތެއް ރަނގަޅަށް ކުރާނީ" ނިޔާނާއި އައިރާ ތިބީ ހަތަރުކަޅި ބައްދަލު ކޮށްލައިގެންނެވެ.

"އަހަރެން ހުންނާނީ ފޯނުކޯލެއްގެ ދުރުމިނުގައި... ހަނދާންވާ ކޮންމެ ވަގުތަކު ނިޔާނު އަހަންނަށް ގުޅާލަންވީ. އެހެންނޫނަސް މިފަހަރު ކުރީ ފަހަރަށްވުރެ ވެސް މަދު ދުވަސްކޮޅަކަށް ތި ދަނީ... ދުވަސްތައް އަރައިގެން ހިނގައިދާނެ"

"މި ދަތުރު ނިންމާފައި އަންނަތަނުން އައިރާ އަހަރެން ފޮނުވާލަން އުޅެންޏާ ދެން ދާ ގޮތަށް އެނބުރި ނާންނާނަން" ޝަކުވާގެ ޒާތަށް ނިޔާނު ބުންޏެވެ. އަދި އައިރާގެ ބޮލުގައި ބޯޖައްސާލަމުން ލޯތްބާއެކު އަނބިމީހާގެ ގައިގާ ބައްދާލި އެވެ. އިރުކޮޅަކު ހިމޭންކަމުގައި ދެމަފިރިން ތިބުމަށްފަހު ނިޔާނު ދުރަށް ޖެހިލިއެވެ. ދާންވީ ވަގުތު ޖެހުނީއެވެ.

"ނިޔާނު! މީ އެންމެ ފަހު ދަތުރުކަމުގައި ހީކުރޭ... ދެން ނުބުނާނަން ދާށޭ"

"އޭތް! ނާންނާނަމޭ ބުނީމަ ދެރަވީތަ... އެއީ އެހެންބުނި އެއްޗެއް ނޫނޭ... ހިނގާ އަހަންނާއެކު ތިރިއަށް. ޓެކްސީ އަތުވެދާނެ މިހާރު"

އައިރާގެ އަތުގައި ހިފާލުމާއެކު ވައަތުން ފޮށި ދަމަމުން އެޕާޓްމެންޓުން ނިޔާނު ނުކުތެވެ. ފޮށި ހިފައިގެން ސިޑިން ފައިބަމުންދިޔަ ނިޔާނުގެ ފަހަތުގައި ހުރެ އައިރާ ސިޑިން ފައިބަމުންދިޔަ އެވެ. ދޮރޯށި ހުޅުވާލެވުނު އިރު ދޮރުމަތީ ކަހަލަ ގޮތަކަށް ޓެކްސީއެއް އޮވެގެން ދުއްވާއެއްޗިއްސަށް ދަތިވެ ބަރުގޮނުތައް އަޅަމުން ދިޔައެވެ.

"އަހަރެން ގެނައި ޓެކްސީ އެއީ... ދަނީ ލޯބީ... އެއަރޕޯޓަށް ގޮސްފައި ގުޅާނަން އިނގޭ" އަވަސް އަރުވާލާފައި ނިޔާނު ގެއިން ނުކުތީ އައިރާގެ ކޯތާފަތުގައި ފިރުމާލައި ނިތްކުރީގައި ބޮސްދީފައެވެ. ނިޔާނުގެ އަތުގައި ހިފަހައްޓާލައިގެން ހުރި އައިރާއަށް އޭނާގެ އަތުގެ ތެރެއިން ނިޔާނުގެ އަތް ވީއްލިގެން ދިއުމުން ލިބުނު ހުސްކަމުގައި ދެއަތްތިލަ ޖޯޑުކޮށްލިއެވެ. އަދި ދޮރޯށި ދޮށުގައި ނިޔާނު ޓެކްސީއަށް އަރާ ޑްރައިވަރު ކާރު ދުއްވާލަންދެން ބަލަން ހުއްޓެވެ.

ސިޓިންރޫމު ސޯފާގައި އިންއިރު ގޭތެރޭގެ ހިމޭންކަން އައިރާއަށް އުނދަގޫކުރިއެވެ. އަވަސްއަވަހަށް ރިމޯޓު ނަގާ ޓީވީ ހުޅުވާލިއެވެ. އަދި އެއްވެސް ކަމެއް ކުރާހިތްނެތިފައި ސޯފާގައި އޮށޯވެލައިގެން އޮތެވެ. ނިޔާނު ދިއުމުން އައިރާގެ ނަފްސުގެ ހަމަޖެހުން ގެއްލިފައިވެއެވެ. މާބޮޑަށް އެކަނިވެރިވާން ފެށުމުން އައިރާ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ގުޅިއެވެ. މިފަދަ ވަގުތެއްގައި ލިޒީގެ މަޖާ ވާހަކަތަކުން އައިރާއަށް ހަމަޖެހުމެއް ލިބިދާނެކަމުގައި ހީކޮށެވެ.

ރޭގަނޑު އިޝާ ނަމާދުކޮށްގެން ގެއަށް ވަން އަމީރު ފުރަތަމަ ވެސް ދިޔައީ އައިރާގެ ގާތަށެވެ. ރުބީނާ ގޭގައި ނެތްކަން އެނގޭތީ ވެސް މެއެވެ. އަމީރު ބޭނުންވީ ރުބީނާ އެނބުރި އަންނަންދެން އެމީހުންގެ ބައިގައި އުޅުމަށެވެ. އަދި ނިދަންވުމުން އެނބުރި އައިރާ ނިދާ ކޮޓަރިއަށް އަންނާނީ ކަމުގައެވެ. ފުރަތަމަ އެގޮތް ޤަބޫލުނުކުރަން ހުރެފައި ވެސް އަމީރުގެ އާދޭހަށް އިޚުތިރާމު ކުރަން އައިރާ ނިންމީއެވެ.

* * * *

ފުރަތަމަ ދެ ދުވަސް ރިސޯޓުގައި ހޭދަވެގެން ދިޔައިރު މައުރީންގެ ދެ ތުންފަތް ލެއްޕޭ އިރެއްނުދެއެވެ. އުފަލުން އޭނާ އުޅޭއިރު ހީވަނީ ހުވަފެނީ އާލަމަކަށް ދެވިގެން އުޅޭހެނެވެ. ތަފާތު ފޮޓޯތައް ނަގައި އިންސްޓަގްރާމް ކުރުމާއި ފޭސްބުކްގައި ތަފާތު ސްޓޭޓަސްތައް ޖެހުން އިތުރު ވެފައި ވިއެވެ. ރައްޓެހި ރަޙުމަތްތެރިންނަށް މައުރީންގެ "ފެންސީ" ދިރިއުޅުން ދައްކުވައިދޭން އޭނާ މަސައްކަތްކުރަމުން ދިޔައެވެ. އެ ފޮޓޯތަކަށް އަންނަ ލައިކްތަކާއި ކޮމެންޓުތައް ފެނި މައުރީންގެ އުފާވެރިކަން އިތުރުވެގެންދެއެވެ.

އަތިރިމަތީގައި ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޤައިސް އޮތެވެ. އޭނާއާ ޖެހިގެން ހުރި ގޮނޑީގައި ޤައިސްއާ ކުރިމަތިވާނޭހެން ރުބީނާ އިށީނދެގެން އިނެވެ. މޫނުމަތި ނިވާވާރުގެ ބޮޑު ތޮތްޕެއް އަޅާލައިގެންނެވެ. މެންދުރުގެ ގަދަ އަވިން ސަލާމަތްވުމަށް އަތާފަޔާ ތަންތާ އެކަމަށް ޚާއްޞަކުރެވިފައި ހުރި ލޯޝަން ލަމުންދިޔައެވެ.

"ރޫބީ! އަހަރެން ދަރިފުޅު ގިނަ ދުވަހެއްނުވެ މާލެ އަންނާނެ... އެކަމަކު އޭގެ ކުރިން އަހަރެން އޭނާގެ ގާތުގައި އަހަރުމެންގެ ވާހަކަދައްކާނަން. އޭނާ ވެސް މާލެ އަންނަނީ އަހަންނާއެކު މިކޮޅުގައި ދިރިއުޅެންވެގެން... އެއީ ވަރަށް ދުވަހުގެ އިންތިޒާރެއް. އަހަރެން އަބަދުވެސް ފުރިހަމަ ޢައިލާއެއްގެ ހުވަފެން ދުށިން... އެ ހުވަފެން މިހާރު ސީދާވާން އުޅޭކަމުގެ އަލާމާތްތައް ފެންނަން ފަށައިފި... މިހާ ދުވަހު އަހަރެން އެދުމުން ވެސް އޭނާ ހުރީ މާލެ ނާންނަންވެގެން... އެކަމަކު ކުއްލިއަކަށް ހަމަ ޚިޔާލު ބަދަލުވީ ކަމުގައި ބުނެ ފޯނުކުރީ"

"އަހަރެން ވެސް ޤައިސްގެ ދަރިފުޅާ ބައްދަލުކޮށްލާ ހިތްވޭ. އަހަރެންގެ ކުދީންގެ އެއްވެސް މައްސަލައެއްނެތް މި ގުޅުމާމެދު... ޤައިސް އެދިލައްވާއިރަކުން ކައިވެނީގެ ކަންކަން ހަމަޖައްސަންވީ... ނޫނީ ޤައިސްގެ ދަރިފުޅު މަލޭ އައީމަތޯ އެކަން ހަމަޖައްސާނީ" ރުބީނާ މަޢުނަވީ ގޮތަކަށް ޤައިސްއަށް ބަލާލިއެވެ.

"ލޫކަންއާ އެ ވާހަކަ ދައްކަން ބޭނުންވަނީ އެހެންވެ. އަހަރެންގެ އުފާތަކަށް އޭނާ ހުރަހެއްނާޅާނެ. އެހެންވިޔަސް ދަރިފުޅުގެ ގާތުގައި ނާހާ އެވަރުގެ ބޮޑުކަމެއް ނިންމާލުން ރަނގަޅުނުވާނޭ ހިތް ބުނަނީ... ރޫބީއަށް އަހަރެންގެ ލޫކަން ވަރަށް ކަމުދާނެ... އޭނާ މާގިނަ ވާހަކައެއްނުދައްކާނެ. އެކަމަކު ބައެއްފަހަރަށް ވަރަށް ހަރުކަށި ގޮތެއް ހުންނާނެ... މިހާތަނަށް ވެސް އޭނާގެ ވިސްނުން ހުރީ އެމެރިކާގައި ދިރިއުޅޭ ގޮތަށް... ނަސީބެއް އަމިއްލަ ވަޒަނަށް އަންނަ ކަހަލަ ޚިޔާލެއް ކުރިކަން"

"ދަރިފުޅު އައުމުން ވިޔަފާރީގައި ޤައިސްއަށް ފަސޭހަވާނެ ދޯ" ރުބީނާ ހިނިތުންވެލިއެވެ.

"އޭނާ ވިޔަފާރީގެ ތެރެއަށް ވަދެދާނެހެން ހިޔެއްނުވޭ... ލޫކަންއަކީ ޑަކްޓަރެއް. އޭނާ ޕްރެކްޓިކްސް ކުރަމުން އަންނަނީ އެމެރިކާގައި. ދުވަސްދުވަސްކޮޅުން އޭނާގެ ގާތަށް ދާން ޖެހެނީ އަހަންނަށް... މިހާރު ބުނެފިން ބައްޕަ ވެސް ދެން ޒުވާނެއް ނުވާނެއޭ... މިކޮޅަށް އައިސް ޢާއިލާގެ ކަންކަން ބަލަހައްޓަން ހުރި މީހަކީ ލޫކަންއޭ" ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންހެން ޤައިސް ވާހަކަދެއްކިއެވެ.

"ލޫކަން އުޅެނީ މީހަކާ އިނދެގެންތަ؟" ރުބީނާއަށް އުނދަގޫކުރަމުން އައި ޚިޔާލެއް ބޭރުކޮށްލިއެވެ.

"އުމުރުން އަށާވީސް އަހަރުވީ... ތިކަހަލަ ޚިޔާލެއް ވެސް އޭނާގެ ނެތް... ބައެއްފަހަރު ހިތަށް އަރާ ޒުވާން ދަރިފުޅު އަދިވެސް މީހަކާ ނީނދެ ހުއްޓާ ބައްޕަ ދެވަނަ ކައިވެނިކުރަން އުޅޭތީ މީހުން ހާދަ ފާޑުފާޑުގެ އެއްޗިއްސެއް ކިޔާނޭ"

"ޤައިސް... މީހުންގެ ކަމަކީ އެއީ... އަބަދުވެސް ފާޑުކިޔާނޭކަމެއް ނުލިބިފަ ތިބޭނީ... އެ ފަދަ ފާޑުކިޔުންތައް ބަލައިގެން އުޅޭންވެއްޖެނަމަ ދުވަހަކު ވެސް ރަނގަޅު ގޮތެއް ނުފެންނާނެ... ދިރިއުޅުމައިގެން ކުރިއަކަށް ނުދެވޭނެ"

"ވަރަށް ބޮޑު ތެދެއް ރޫބީ ތިބުނީ... މި ދަތުރު އާދެވުމުން މައު ހީވަނީ ވަރަށް އުފާވެފައި ހުންނަހެން. ރޫބީގެ ދެން ހުރި ދަރިފުޅު ކޮބާ. އަދި އެއްފަހަރު ވެސް ބައްދަލުނުވޭ" ޤައިސް ގޮނޑިން ތެދުވެ ރުބީނާއާ ކުރިމަތިވާގޮތަށް އިށީނެވެ.

"މައުރީންގެ ދޮށީމީހާ އެއީ... ނިޔާނު ކިޔާނީ. އޮފީސްކަމަކު ރާއްޖެތެރެއަށް ގޮސްވީ. އެހެންވެ ބައިވެރިނުވެވުނީ"

"އޭނާ އެނބުރި އައީމަ ވާނެ އެންމެން އެކުގައި ކެއުމެއް ބާއްވާލަން. ރޫބީގެ ކުދީން އަހަރުމެންގެ މިގުޅުމާ ރުހޭކަން އެނގޭތީ އަހަރެން އަސްލު ވަރަށް އުފާވެއްޖެ. އަހަރެން ދުށީ މައުއަކީ ވެސް އަހަރެންގެ ދަރިއެއްފަދަ ކުއްޖެއްގެ ގޮތުގައި. އަންހެން ދަރިއެއްގެ ނަސީބު ރޫބީގެ ފަރާތުން އަހަންނަށް މިލިބުނީ. ހުރިހާ ކުދީން ގުޅިގެން އެއްފުރާޅެއްގެ ދަށުގައި އުޅޭތަން ދެކެން މިހާރު އެންމެ ބޭނުންވަނީ. އެނގޭތަ... ކުރިން ވެސް ކޮފީތަކުން ރުބީ ފެނޭ... އެކަމަކު ރޫބީއާ ވާހަކަދައްކާލާނެހާ ހިތްވަރު އަހަރެންގެ ނުހުންނަނީ... ވަޖީހު މިކަމަށް ބާރު ނޭޅިނަމަ އަހަންނަށް ރޫބީ ނުލިބުނީސް" ޤައިސްގެ ވާހަކަ އަހާފައި ރުބީނާ ލުއި ގޮތަކަށް ހީނލިއެވެ. އަދި އިންތަނުން ތެދުވެގެން އައިސް ޤައިސްގެ ގާތުގައި އިށީނެވެ.

* * * *

ނިޔާނު އެހެން ފަހަރުތަކަށްވުރެ ގިނައިން އައިރާއަށް ގުޅައެވެ. ބުނެދޭންނޭނގޭ ބަދަލުތަކެއް ނިޔާނަށް އައިސްފައި ހުރި ކަހަލައެވެ. އައިރާއާ މެދު އޭނާ ވަރަށް ބޮޑަށް ވިސްނަނީއެވެ. އެކަމާ އައިރާ އުފާ ވެސް ވެއެވެ. އެހެންނަމަވެސް ނިޔާނު ބައެއްފަހަރަށް މާކަންތައް ބޮޑުކޮށްލާތީ އެކަމާ ޝަކުވާ ވެސް ކުރެވެއެވެ.

ނިޔާނު ފުރައިގެން ދިޔައީ ދެމަހަށެވެ. ހަފްތާއެއްކޮށްފައި ރުބީނާމެން ވެސް މާލެ އަތުވެއްޖެއެވެ. އޭނާ އައިރާއާ ވާހަކައެއް ނުދައްކައެވެ. އިހުގެ ދިރުއުޅުމަށް އައިރާ އެނބުރުނެވެ. ގޭތެރޭގެ މަސައްކަތްތައް ކުރުމަށްފަހު އައިރާގެ ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. އޭނާއާ އަނގައިން ބުނާނޭ މީހަކު ނުހުރެއެވެ. މައުރީން ވެސް އެނބުރި އައިފަހުން ފެންނަނީ އަމިއްލަ ކަންތައްތަކައިގެން މާވަރަކުން އުޅޭތަނެވެ. އަބަދު ފޯނު ހިފައިގެން ނޫނީ އޭނާގެ ކޮޓަރީގައެވެ.

ނިޔާނު ފުރިތާ އެއްމަސް ފާއިތުވެ ހިނގައްޖެއެވެ. ކަލަންޑަރުގައި ދުވަސްތައް އައިރާ އައީ ފާހަގަކުރަމުންނެވެ. ނިޔާނު އަންނާނެކަމަށް ލަފާކޮށްފައިވާ ތާރީޚަށް އިންތިޒާރުކުރަމުންނެވެ. ހަމައެއާއެކު އޭނާ މިހާރު އުޅެނީ ބޮލެއްގައި ރިހޭތީއެވެ. ބައެއްފަހަރަށް ވަރުދެރަވެ ބޯއަނބުރާހެން ވެސް ހީވެއެވެ. އަމިއްލަ ނަފްސާމެދު ފަރުވާކުޑަކުރެވެނީކަން އައިރާއަށް އިހުސާސްކުރެވުނީ ދެނެވެ. ނިޔާނު ފުރިފަހުން އައިރާ ކަނީ މަދުންނެވެ. ބޭކާރު ޚިޔާލުތަކުގައި ފިކުރުކުރަން އޮވެވޭ ވަގުތު ގިނައެވެ. ނިޔާނު އެނބުރި އަންނައިރު އައިރާއަށް ކަމެއްވެފައި ހުރިކަން އެނގިއްޖެއްޔާ އޭނާ ވަރަށް ކަންބޮޑުވާނޭކަން އައިރާއަށް އެނގެއެވެ. އަމިއްލަ ސިއްޙަތަށް ބަލައިގެން އުޅެން އައިރާ ނިންމީ އެހެންވެއެވެ. ނިޔާނު އެނބުރި އަންނައިރު އޭނާއަށް ބަދަލުތަކެއް އައިސްފައި ހުރިކަން ނިޔާނަށް އެނގޭކަށް ބޭނުމެއްނޫނެވެ.

ސަލްމާމެންނަށް ދައުވަތު ދީގެން ރުބީނާ އޭނާގެ ގޭގައި ރޭގަނޑުގެ ކެއުމެއް ބޭއްވިއެވެ. އައިރާ ގޭގައި ކައްކާފައި ހުއްޓާ ވެސް ކާއެއްޗެހި ގެނުވީ އޯޑަރުކޮށްގެންނެވެ. އައިރާ އެއްވެސް އެއްޗެއް ނުބުނެ އެމީހުން އައުމުން ކޮޓަރިއަށް ވަންގޮތަށް ނުނިކުމެވެ. ނަމަވެސް އޭނާއަށް ރުބީނާ ގޮވާއަޑު އިވިގެން ނުކުންނަން މަޖުބޫރުވީއެވެ.

"އަޒުމީއަށް ޖޫސްތަށްޓެއް ގެނެސްދީބަލަ... ފުރިޖުގަ ހުންނާނެ ޖޫސްޕެކެޓު" ހިނިއައިސްފައި އިން ރުބީނާ ބުންޏެވެ. އެހިނދު އައިރާއަށް ބަލާލެވުނީ ސޯފާގައި އިން ޒުވާނާއަށެވެ. އޮޅަލިކުލައިގެ ހަންގަނޑެއް ލިބިފައިވާ އިސްކޮޅުން ކުރު މީހެކެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ކަންފަތު ފޫޅުގަނޑާ ހަމައަށް ދިގުކޮށް އޮތެވެ. ލާފައި ހުރީ ގިރުވާނު ނެތް އަތްކުރު ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޖިންސެކެވެ. ސަލްމާއާއި ހިދާ އެގެއަށް އައިއިރު އެ ޒުވާނާއެއް ނެތެވެ. އެހެންވެ ކޮންބޭނުމަކު އައިސްފައި އިން ޒުވާނެއްބާއޭ އައިރާގެ ހިތަށް އެރިއެވެ. ނަމަވެސް އެތަނުގައި ހިނގާ އެއްވެސް ކަމަކާ މެދު ސުވާލު ކުރުމުގެ ހައްޤެއް އައިރާގެ ނެތްކަން އޭނާ ދެނެގަތެވެ. އެހެންވެ ރުބީނާ އެދުނު ފަދައިން ތަށްޓަކަށް ޖޫސް އަޅައި ކުޑަ ތަބަކެއްގައި ބަހައްޓައިގެން އައިސް ސޯފާތައް ކައިރީ މެދުގައި ހުރި ބިއްލޫރި މޭޒުގައި އައިރާ ތަބަށް ބެހެއްޓިއެވެ.

"ޖޫސްތަށި ނަގާ އޭނާއަށް ދީބަލަ" އައިރާ ދާން އުޅެން ފެށުމުން ރުބީނާ ހިތްހަމަނުޖެހުމުގެ ރާގެއްގައި ބުނެލިއެވެ. އެއާއެކު ޖޫސްތަށި ނަގާ ސޯފާގައި އިން ޒުވާނާއަށް އައިރާ ދިއްކޮށްލިއެވެ. އައިރާ ހުރީ އުނދަގޫވެފައެވެ. އެ ޒުވާނާގެ ދެލޮލުގައިވަނީ ބަނޑުހައިކަމުގެ އަސަރު ކަހަލައެވެ. ނަމަވެސް ކާއެއްޗަކަށް ނޫނެވެ. އިތުރަށް އައިރާއަށް ސިހުން ގެނުވީ ޖޫސްތަށީގައި ދެއަތުން ހިފާލަމުން އައިރާގެ މަޑުއަތްތިލާގައި އެ ޒުވާނާ ބީހުމުންނެވެ. އައިރާ އަތްދަމައިގަތް ވަގުތު ޖޫސްތަށި ނުވެރުނީ ކިރިޔާއެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި އައިރާ ހަލުވިކޮށް އައިސް ކޮޓަރިއަށް ވަދެ ދޮރުތަޅުލިއެވެ.

ރޭގަނޑުގެ ފަހު ދަން ނިމި ފަތިސް ވަގުތު ކައިރިވެފައި ވެއެވެ. ނިދިފައި އޮތް އައިރާއަށް ފުންމައިގެން ތެދުވެވުމާއެކު ރޮވިއްޖެއެވެ. ފެނުނީ ނުބައި ހުވަފެނެއްކަން އެނގުނީ ދެނެވެ. އެހެންނަމަވެސް އޭނާގެ ނަފްސު ހަމައަކަށް އަޅުވަން ވަގުތު ނެގިއެވެ. ދެ ލޮލުން ނިދީގެ އަސަރު ވެސް ފިލާ ހިނގައްޖެއެވެ. އެނދުގައި ދެފައިވަށްކޮށްލައިގެން އައިރާ އިނީ ފެނުނު ހުވަފެނާމެދު ވިސްނާށެވެ. އޭނާއަށް ހީވީ ގެއަށް އައި ގޮތް ނޭނގެ ޒުވާނާއާ ހެދި ފެނުނު ނުބައި ހުވަފެނެއްކަމުގައެވެ. ޔަގީނުން ވެސް އެއީ ރަނގަޅު ހުވަފެނެއްނޫނެވެ. އެ ހުވަފެނުގެ ވާހަކަ އެކަކު ކައިރީ ވެސް ނުދައްކަން އައިރާ ނިންމީ އެހެންވެއެވެ. ނަމަވެސް ނިޔާނާ މެދު އައިރާގެ ހިތުގައި ބިރުވެރިކަން އުފެދިފައި ވެއެވެ.

(ނުނިމޭ)