ވިޔަފާރި

އައްޑޫގައި ގެސްޓްހައުސް ހަދަން އިންވެސްޓަރުން ބައްދަލުވަނީ!

Apr 16, 2017
2
  • ފޯރަމް އޮތީ 22 ވަނަ ދުވަހު
  • ފޯރަމްގައި 150 ފަރާތް ބައިވެރިވޭ
  • ޓާކެޓު ކުރަނީ 3،000 އެނދު ހަދަން

އައްޑޫގައި ގެސްޓްހައުސް 3000 އެނދު ތަރައްގީ ލަނޑުދަނޑިއާއެކު، މިމަހުގެ 22 ވަނަ ދުވަހު އިންވެސްޓްމަންޓް ފޯރަމެއް ބާއްވަން، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ތައްޔާރު ވެއްޖެ އެވެ.

މެދު ފަންތީގެ ޓޫރިޒަމް ފައްކާ ކުރުމަށް ސަރުކާރުން އުފައްދާފައިވާ "އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު އަވަސް" އަށް ވިދާޅުވީ އައްޑޫގެ އެކި ހިސާބުތަކުގައި ގެސްޓްހައުސް އެނދުތަކެއް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާން ރާވާ މަޝްރޫއުގެ ދަށުން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި 150 ވިޔަފާރިވެރިން ބައިވެރިވާނެ ކަމަށެވެ.

"މި ފޯރަމްގައި ވިޔަފާރިވެރިންގެ އިތުރުން ފައިނޭންޝަލް އިންސްޓިޓިއުޓްތައްވެސް ބައިވެރިވާނެ،" ޝާހިދު ވިދާޅުވި އެވެ.

އެމްއައިޓީޑީސީން އެއް ދުވަހުގެ މުއްދަތައް ބާއްވާ މި ފޯރަމް އޮންނާނީ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖުގަ އެވެ.

އައްޑޫގައި ޓޫރިޒަމް ފައްކާ ކުރަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގެ ޝެޑިއުލް ފްލައިޓްތައް ވަނީ ފަށާފަ އެވެ. އަދި މި ދަތުރުތަކާއެކު، ލޯކަލް ޓޫރިޒަމަށް ފައިދާ ކުރާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.