ވިޔަފާރި

ގަމާއި ޔޫރަޕު ގުޅާލަން އިތުރު އެއާލައިނަކުން ދަތުރު ފަށަނީ

Apr 22, 2017
3
  • ދަތުރު ފަށަނީ އަންނަ އަހަރުގެ މާޗްމަހު
  • ސްރީލަންކަން ފްލައިޓުތައް އިތުރު ކުރާނެ
  • ދަތުރުތަކަށް ރަނގަޅު ތަރުހީބެއް ލިބެމުންދޭ

(އައްޑޫ ސިޓީއިން: މުހައްމަދު އަފްރާހު)-- އައްޑޫ ގަމާއި ޔޫރަޕު ގުޅާލަން އަންނަ އަހަރު މެދުއިރުމަތީގެ އެއާލައިންގެ ދަތުރުތައް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

އައްޑޫގައި މިއަދު ބޭއްވި އިންވެސްޓާސް ފޯރަމް އަށް ފަހު، އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ގަމާއި މެދުއިރުމަތި އަދި ޔޫރަޕު ގުޅާލަން އިތުރު ޝެޑިއުލް ފްލައިޓެއް އަންނަ އަހަރު ފަށާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"އިތުރު އެއާލައިންތައް މިތަނަށް ފަށާނެ. އަންނަ އަހަރު މެދުއިރުމަތީ/ ޔޫރަޕު ކަނެކްޓިވިޓީއެއް އަންނާނެ. މިކަން ވެގެންދާނީ މިސަރަހައްދަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް. މި އެއާލައިންއަކީ މެދުއިރު މަތީގެ ކެރިއާއެއް، ގާތްގަނޑަކަށް އީސްޓަން ޔޫރަޕާއެކު 60 ވަރު ގައުމަށް ފްލައިކުރާނެ،" ގިނަ އެއާލައިންތަކެއްގެ ޓިކެޓު ވިއްކާ ކުންފުނީގެ އެމްޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހު ރަސްމީކޮށް، މި އެއާލައިން ލޯންޗް ކުރާނެ ކަމަށާއި އަދި އަންނަ އަހަރުގެ މާޗު މަހު ދަތުރު ފަށާނެ ކަމަށެވެ.

"އަލަށް ފަށަން އުޅޭ އެއާލައިންތަކުން މިތަން ވެސް ސާވޭކޮށް އިތުރަށް ލޯޑް ލިބޭނެ ގޮތްތަކާމެދު ދިރާސާ ކުރަމުން ދަނީ،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓުކަން ވެސް ކުރަމުން ގެންދާ އިނަ މޯލްޑިވްސްގެ އެމްޑީ ފިރާގު ވިދާޅުވީ ސްރީލަންކަން އެއާލައިންސުން ވެސް ގަމަށް ދަތުރުތައް ބާއްވާއިރު، އެއާލައިންސްގެ ހިސާބުތަކާ އެއްވަރަކަށް ކުރިއަށްދާ ކަމަށެވެ.

"އައްޑޫ އިން މާބޮޑަށް ޕިކެއް ނުކުރެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުން މިދަނީ ހުވަދޫއާވެސް ގުޅިގެން މަސައްކަތް ކުރަން،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫއަކީ މޯލްޑިވިއަންގެ ކަނެކްޓިވީޓީތައް ވެސް ގުޅުމާއެކު ފުދޭވަރެއްގެ ފަސޭހަކޮށް ދަތުރުކުރެވޭ ސަރަހައްދެއް ކަމަށެވެ.

"މި އަހަރުގެ ސެޕްޓެމްބަރު މަހު އަނެއްކާ އިތުރު ދެ ފްލައިޓް އިތުރު ކުރާނަން. އޭރުން ހަފުތާއަކު ހަ ފްލައިޓް އިތުރުވާނެ. މި ފްލައިޓް އިތުރު ކުރަނީ ހުވަދޫގެ ޓޫރިސްޓު ޓްރެފިކަށް ޓާގެޓް ކޮށްގެން،" ފިރާގު ވިދާޅުވި އެވެ.

އިތުރު ފްލައިޓެއްގެ ދަތުރު ގަމަށް ފަށަން ތައްޔާރުވަމުންދާއިރު، ސަރުކާރުން ވެސް ދަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް މަތި ކުރެވޭނެ ގޮތްތަކެއް ހޯދަމުންނެވެ. މިގޮތުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އައްޑޫގައި މިއަދު ލޯންޗް ކުރި 3،000 އެނދުގެ ގެސްޓްހައުސް މަޝްރޫއު ދެ މަހެއްގެ ތެރޭގައި ފަށައި އަންނަ އަހަރު ކުރީކޮޅު ޓޫރިސްޓުން ގެންނަން ފެށުމުން ބޮޑު ބަދަލެއް އަންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.