- މަޝްރޫއު ދެ މަސް ތެރޭ ފަށާނެ
- އަހަރުގެ ފަހުކޮޅު ބައެއް ތަންނަން ހުޅުވާނެ
- އަގުތައް ހެޔޮ، ފައިނޭންސް ހަމަޖައްސައިދޭނެ
(އައްޑޫއިން: މުހައްމަދު އަފްރާހު)-- ގެސްޓްހައުސް ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ތައާރަފުކޮށް، މި ސިޓީގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއެކު އިންވެސްޓަރުންގެ ފޯރަމް މިއަދު ފަށައިފި އެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އައްޑޫ ސިޓީ، އީކުއޭޓާ ވިލެޖުގައި ބާއްވާ މި އިންވެސްޓާސް ފޯރަމްގައި 150 ވިޔަފާރިވެރިން ބައިވެރިވެ އެވެ. މި ފޯރަމް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.
މި މަޝްރޫއާ ބެހޭ ގޮތުން، މިނިސްޓަރު ޒަމީރު ވިދާޅުވީ މި މަޝްރޫއަކީ ވަރަށް ތާރީހީ ކަމެއް ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މި ފެށޭ ޕްރޮޖެކްޓުގެ ސަބަބުން ވަޒީފާތައް އިތުރު ވެގެންދާނެ. ސަރުކާރުގެ އަމާޒަކީ 3،000 ގިނަ އެނދު އައްޑޫއަށް އިތުރު ކުރުން. މިމަޝްރޫއަކީ އައްޑޫގައި މިހާތަނަށް ނުހިންގޭ ވަރުގެ ބިޔަ މަޝްރޫއެއް،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އައްޑޫ އަށް ވަންނަ ބޭރު ފައިދާގެ އަދަދު ވަރަށް ބޮޑުތަން އިތުރު ވެގެންދާނެ ކަމަށެވެ.
އައްޑޫ ގެސްޓްހައުސް މަޝްރޫއު ކުރުކޮށް
- 25 ކޮޓަރީގެ ގެސްޓްހައުސްތަކެއް
- ތިންހާސް އެނދު އިތުރު ކުރެވޭނެ
- އަގު އުޅެނީ ގާތްގަނޑަކަށް 3.8 މިލިއަނަށް
- މާކެޓުކޮށް ތަރައްގީކުރާނީ އެމްއައިޓީޑީސީއިން
- މުޅި އައްޑޫއަށް ވިޔަފާރި ފުޅާވެގެންދާނެ
- ގެސްޓްހައުސް ހުންނާނީ ބޭރުން ގެނެސް ރާވާ ގޮތަށް
"މި މަޝްރޫއުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ބޭރުގެ އެއާލައިންތަކަށް އިތުރު މާކެޓު ލިބިގެންދާނެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އިންޓަނޭޝަނަލް އެއާޕޯޓަށް ދާއިމީކޮށް ޝެޑިއުލް ފްލައިޓް ޖައްސަން ފުރުސަތު ލިބުން. މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
އައްޑޫގައި ފަށާ، މި މަޝްހޫރުގެ ދަށުން އަމިއްލަ ފަރުދުންނަށް މިލްކު ކުރެވޭނެ ގިނަ ޕްރޮޕަޓީތަކެއް ޑިވްލޮޕްކުރާނެ އެވެ. މިގޮތުން މޫދު ހޮޓާތައް އަދި ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ސްޕާ އާއި ވެލްނަސް ސެންޓަރު އަދި ރެކްރިއޭޝަނަށް އޭރިއާތަކާއި ފެހި ސަރަހައްދުތައް ވެސް ހުންނާނެ އެވެ. އައްޑޫގައި ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގައި ފައިނޭންސް ކުރާ ބޭންކްތަކުން ވެސް ބައިވެރިވެފައިވެ އެވެ.
ދެ މަސް ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ
މި މަޝްރޫއު ތަރައްގީކުރާ ސަރަހައްދުތަކަކީ ހިކިހެރާ އާއި މީދޫ އަދި ހުޅުދޫގެ އިތުރުން ފޭދޫ އާއި ހިތަދޫ އަދި މަރަދޫ ފޭދޫ ހިމެނެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ 25 ކޮޓަރީގެ ގެސްޓްހައުސްތަކެވެ. މިގޮތުން 97 ޕްރޮޓް ހަދާއިރު، މީގެ ތެރެއިން 67 ތަނަކީ ގެސްޓްހައުސް އެވެ. މި ތަންތަނުގެ އަގުތައް އުޅެނީ 250000 ޑޮލަރު (ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ) އަށެވެ. މި ތަންތަން ތަރައްގީކުރާނީ އެމްއައިޓީޑީސީ އިންނެވެ އަދި މާކެޓު ހޯދާނީ އެމްއައިޓީޑީސީ އާއި އެމްއެމްޕީއާރުސީ ގުޅިގެންނެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 20-25 މިލިއަން ޑޮލަރެވެ. އަދި މިތަންނަން 50 އަހަރަށް ލިބޭނެ އެވެ.
މި މަޝްރޫއާ ބެހޭ ގޮތުން، އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ މި މަޝްރޫއަކީ ވަރަށް ތާރީހީ ކަމެއް ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ޕްރޮޖެޓްތައް ފެއްޓުމަކީ ފަސޭހަކެއް ނަމަވެސް އަމަލީ މަސައްކަތް ފެށުމަކީ އެހާ ފަސޭހަކެއް ނޫން. ނަމަވެސް މި ޕްރޮޖެކްޓް ހަވާލުވެފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން ބުނެލަން ޖެހޭނީ އަޅުގަނޑުމެން އަބަދުވެސް ތިޔަ ފަރާތްކާއެކު ތިބޭނެކަން،" ޝާހިދު ވިދާޅުވި އެވެ.
މި ރަސްމިއްޔާތަށްފަހު، އެމްޑީ ޝާހިދު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމަން ޕްލޭން ކޮށްފައިވާ ކަމަށެވެ.
"މި ޕްރޮޖެކްޓަކީ އެމްއައިޓީޑީސީގެ މުހިންމު ޕްރޮޖެކްޓެއް. ދެ މަސް ދުވަހުން މަސައްކަތް ފެށޭނެ. އަދި މި އަހަރު ތެރޭގައި ހުޅުވެން ހުރި ތަންތަން ހުޅުވޭނެ،" ޝާހިދު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިމަޝްރޫއުތަކުން ތަރައްގީ ކުރާ ތަންތަނަށް ފައިނޭންސް ހޯދުމުގައި ވެސް އެހީތެރިވެދޭނެ ކަމަށެވެ.
"މިތަން ހަދަނީ ޕްރީ- ފެބް އިމާރާތްތަކެއް. މީގެ ބޭނުމަކީ އަވަސް ކުރުން. ކުންފުނިން މަސައްކަތް ކުރަނީ އިންވެސްޓަރު 30 ޕަސެންޓް ރެއިޒްކުރީމަ ބާކީއޮތްބައި ކުންފުނިން ރެއިޒްކުރެވޭނެ ފައިނޭންޝަލް މޮޑެލްއަކަށް ދާން. މިކަމަށް ބޭންކްތަކަށް ބޭނުންވާނެ ފީސިބިލީޓީ ކުންފުނިތަކުން ތައްޔާރު ކުރަމުން ދަނީ،" ޒަމީރު ވިދާޅުވި އެވެ.
އައްޑޫގައި ގެސްޓްހައުސް އެއް ފަށަން ތައްޔާރުވާނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ވަނީ އިންޓަނޭޝަނަލް ފްލައިޓް ޖައްސަން ފަށާފައެވެ.