ޗެލްސީގެ ތަފާތަކީ ޕީއެފްއޭގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ވެފައިވާ ޗެލްސީގެ އެޑެން ހަޒާޑް އާއި އެންގޯލާ ކަންޓޭ އެކަނި ނޫން ކަމަށާއި މުޅި ޗެލްސީ ޓީމު މޮޅުވެފައި ތަފާތު ކަމަށް އެޓީމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޕީއެފްއޭ އެވޯޑަށް ނޮމިނޭޓްވެފައިވާ ކުޅުންތެރިންގެ ތެރެއިން، ޗެލްސީ ފިޔަވައި ދެ ކުޅުންތެރިން ނޮމިނޭޓްވި އެހެން ޓީމެއް ނެތެވެ.
ކޮންޓޭ ބުނީ އޭނާ އާއި އޭނާގެ ސްޓާފުންގެ މަސައްކަތަކީ ވަކި ވަކި ކުޅުންތެރިން ވެސް، އެ ކުޅުންތެރިންގެ އެންމެ ރަނގަޅު ޕާފޯމަންސަށް ގެންދިއުން ކަމަށެވެ.
ދެ ކުޅުންތެރިން [ހަޒާޑް އާއި ކަންޓޭ] ވެސް ދަނީ ރަނގަޅު ސީޒަނެއް ހޭދަ ކުރަމުން، އެ ދެ ކުޅުންތެރިންގެ ޕާފޯަމަންސް ވެސް ފެންނާނެ، އަހަރެން ވަރަށް ބޮޑަށް މިކަމާ ހިތްހަމަ ޖެހޭ، ސަބަބަކީ އަހަރެންގެ މަސައްކަތަކީ އަހަރެމެންގެ ހުރިހާ ސްޓާފުން ލައްވައި ވަކި ވަކި ކޮންމެ ކުޅުންތެރިޔަކު އެންމެ ރަނގަޅު ފެންވަރަށް ގެންދިއުން، ޓެކްނިކަލް އަދި ފިޒިކަލީ އަދި މެންޓަލީ ވިޔަސް އެމީހަކަށް ދެވޭ އެންމެ ރަނގަޅަކަށް ގެންދިއުން، ކުޅުންތެރިންނަށް ހާއްސަކޮށްގެން އަހަރެމެން މިކުރާ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" މިރޭ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ ބޯޅަ ނެތަސް، ހަޒާޑް އާއި ކަންޓޭގެ މަސައްކަތް ރަނގަޅު ކަމަށާއި ބޯޅަ ހޯދަން ކުރާ މަސައްކަތް ވެސް ވަރަށް ފުރިހަމަ ކަމަށެވެ. އަދި އޭނާ ވަނީ ޗެލްސީގެ ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ޕީއެފްއޭ އެވޯޑަށް ނޮމިނޭޓް ނުވި ނަމަވެސް، ޔޫރަޕްގައި ކުޅޭ އެންމެ މޮޅު ޑިފެންޑަރަކީ ލުއިޒް ކަމަށެވެ.
"ޑޭވިޑް [ލުއިޒް] އަކީ ޔޫރަޕްގައި މިހާރު ކުޅޭ އެންމެ މޮޅު ޑިފެންޑަރު، އަދި އަހަރެން އުންމީދު ކުރަނީ ދުނިޔޭގައި ވެސް ހުރި އެންމެ މޮޅު ޑިފެންޑަރަށް އޭނާ ވާނެ ކަމަށް، ޕައުލޯ މަލްޑިނީ ދުނިޔޭގެ އުފެދުނު އެންމެ މޮޅު ޑިފެންޑަރު ނަމަވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑެއް ނުލިބޭ،"
ކޮންޓޭ ބުނީ ޑިފެންޑަރުން ކިތަންމެ މޮޅަށް ޕާފޯމް ކުރިޔަސް އެހާ ބޮޑަށް އެކަން ފާހަގަ ނުވާ ކަމަށެވެ. ޑޭވިޑް ލުއިޒްއާ މެދުވެސް ކަންތައް ވެފައި އޮތީ އެހެން ކަމަށެވެ.
އޭނާ އިތުރަށް ބުނީ ކުޅުންތެރިންނާ ރަނގަޅު ވަގުތެއްގައި ރަނގަޅަށް މުއާމަލާތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ ޗެލްސީއަށް އައިއިރު ކުޅުންތެރިންނާ ރަނގަޅަށް މަހައުލާތް ކުރާނެ މާހައުލެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
"ސީޒަން ފެށުނު އިރު ހަމަ ޔަގީން އެއީ ވަރަށް އުނދަގޫ ވަގުތެއް، އަދި ސީޒަން ތެރޭގައި ވެސް ސަމާލުކަން ހުންނާނީ ވަރަށް ކުޑަކޮށް، އަދި ބޮޑު ލީޑެއް ލިބުނެއް ކަމަކު ކުޅުންތެރިން ނޯމަލް ވާނެ ކަމަށް ވިސްނައިގެން ނުވާނެ، އަހަރެން ދެކޭ ގޮތުގައި ރަނގަޅު ވަގުތެއް ހޯދައި ކުޅުންތެރިންނާ ރަނގަޅަށް މުއާމަލާ ކުރުމަކީ ވަރަށް މުހިންމު ކަމެއް."