އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުރިމަތިލާއިރު، މިއީ ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ މެޗެކެވެ. މި މެޗަށް ނުކުންނައިރު، ޗެލްސީން ބަލާނީ ޔުނައިޓެޑުން ބަލިނުވެ ލީގުގައި ދަމަހައްޓަމުން އަންނަ ރެކޯޑް ނިންމާލުމަށެވެ.
ޔުނައިޓެޑް ވަނީ ބަލިނުވެ 21 މެޗު ހަމަކޮށްފަ އެވެ. ލީގުގައި ޔުުނައިޓެޑް އެންމެ ފަހުން ބަލިވީ އޮކްޓޯބަރު މަހު، ޗެލްސީ އަތުންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 4-0 އިންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ މެޗަކީ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ޖޯސޭ މޮރީނިއޯ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނަ ފުރަތަމަ ފަހަރެވެ. ޗެލްސީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ މޮރީނިއޯ، ޔުނައިޓެޑާއެކު މި ސީޒަންގައި ޗެލްސީއާ ދެކޮޅަށް ނިކުތް ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
މި ދެ ޓީމު މިރޭ ކުރިމަތިލާއިރު މޮރީނިއޯގެ އަމާޒަކަށް ވަނީ ކުރީގެ ކްލަބު ހިތި ނަތީޖާއަކާއެކު އެނބުރި ފޮނުވާލުމަށެވެ.
އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުގައި އޮތް ޗެލްސީ އޮތީ ލީގު ޗެމްޕިއަންކަމާ މިސްރާބު ޖަހައިފަ އެވެ. މިރޭގެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ، އެ ޓީމަށް ލީގު ޗެމްޕިއަންކަމާ ދިމާލަށް އިތުރު ފިޔަވަޅެއް އެޅޭނެ އެވެ. އަނެއްކޮޅުން ޔުނައިޓެޑަށް ގަދަ ހަތަރެއްގެ ޖާގައެއް ހޯދަން ކުރަމުންދާ މަސައްކަތުގައި އިތުރު ހުރަހެއް ކުރިމަތިވާނެ އެވެ. މެޗަށް ނުކުންނައިރު، ކޮންޓޭ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސްކޮޑުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމެވެ.
މެޗުގެ ކުރިން ވާހަކަދައްކަމުން ކޮންޓޭ ބުނީ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަސޭހައެއްނުވާނެ ކަމަށެވެ.
"ޔުނައިޓެޑް މެޗަށް ނުކުންނާނީ ވަރަށް ބޮޑު އިތުބާރަކާއި ހިތްވަރަކާއެކު. އަހަރެން ކުޅުންތެރިން ކައިރީގައި ބުނިން މި މެޗަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނޭ. މި މެޗު އަހަރެމެންނަށް ވަރަށް އުނދަގޫވާނެ،" ކޮންޓޭ ބުންޏެވެ.
ޔުނައިޓެޑްގެ ދެ ޑިފެންޑަރުން ކަމަށްވާ ކްރިސް ސްމޯލިން އާއި ފިލް ޖޯންސް އަދި މިޑްފީލްޑަރު ހުއާން މަޓާ އަށް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. ވޭން ރޫނީ އާއި އޭޝްލީ ޔަންގް ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު، ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެެވެ. ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވެސް ވަނީ މިހާރު ފިޓުވެފަ އެވެ.