ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އިއްވި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ. ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ވިސާމްގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅިކަމުގެ ދައުވާ އެވެ. އެ ދައުވާގައި ބުނަނީ މާޗް 25، 2015 ވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަކުން މީހަކު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން އެމީހާ ހައްޔަރުކުރީ ކީއްވެތޯ ބަލަން ބަންދުކޮށްފައިވާ ސަރަހައްދަށް ވިސާމް ވަދެފައިވާ ކަމަށެވެ. -- އެއީ އަދާލަތު ޕާޓީ އާއި އެމްޑީޕީއިން ކުރި މުޒާހަރާއެކެވެ.
މި މައްސަލާގައި ދަށު ކޯޓުން ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، މައްސަލާގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯއަކީ ސައްހަ ވީޑިއޯއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެ ވީޑިއޯ ނެގި ދުވަހެއް ނޭނގޭ ކަމަށެވެ. އަދި ވީޑިއޯއިން ވިސާމް ހައްޔަރުކުރާ މަންޒަރު ނުފެންނަ ކަމަށާއި ވީޑިއޯ ހުރީ ބައިބަޔަށް ކަމަށެވެ.
އޭގެ އިތުރުން އެ ވީޑިއޯއިން ވިސާމް ނޫސްވެރިއެއްކަން އަންގައިދޭ ފާސް އަޅާފައިހުރި ތަން ފެންނަ ކަމަށާއި ނޫސްވެރިން ބެރިކޭޑް ތެރެއަށް ވަނުމަށް ފުލުހުން ގޮވަމުންދާ މަންޒަރު ވީޑިއޯއިން ފެންނަ ކަމަށެވެ. އެހެންކަމުން ނޫސްވެރިން ބެރިކޭޑް އެތެރޭގައި ތިބުމަކީ ފުލުހުންނަށް ދަތިކުރުން ނޫން ކަމަށެވެ. އެއީ ފުލުހުންގެ އެންގުމަށް ތަބާވުން ކަމަށެވެ.
މައްސަލާގައި ދައުލަތުން ވަނީ ފުލުހުންތަކެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. ނަމަވެސް ވިސާމްގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ފުލުހުންގެ ހެކި ބަސް ނަފީވެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ވިސާމްގެ މައްޗަށް ވަނީ 28،800 ރުފިޔާގެ ޖޫރިމަނާ ހުކުމެއް އެހެން މައްސަލައެއްގައި އައިސްފަ އެވެ. އެ ހުކުމް ވިސާމްގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.