ދުނިޔެ

ގާނޫނު އަސާސީ ބަދަލުކުރާ ވޯޓް އަރުދުޣާން ކާމިޔާބު ކުރައްވައިފި

Apr 16, 2017
4

ރިޔާސީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލައި ރައީސަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް ތުރުކީގެ ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ތުރުކީގައި މިއަދު ނެގި ވޯޓްގައި އެކަމަށް އާނބަސް ބުނާ މީހުން ކާމިޔާބުކޮށްފި އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އަރުދުޣާން އަށް 2029 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު ލިބޭ އެ ބަދަލުތަކާ އެއްކޮޅަށް ކެމްޕޭން ކުރެއްވީ އަރުދުޣާންގެ ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީ އޭކޭޕީ) އިންނެވެ. ތުރުކީ ސަރުކާރުގެ އަނާޑޮލޫ ނިއުސް އެޖެންސީން ބުނީ ވޯޓްލާން ނިކުތް މީހުންގެ ނިސްބަތް އާދަޔާ ހިލާފަށް މަތި ރިފަރެންޑަމްގެ ވޯޓްގެ 98 ޕަސެންޓް ގުނާ ނިމުނު އިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން، ބަދަލުތައް ގެންނަން ފެންނަ ކަމަށް 51 ޕަސެންޓް މީހުން ވަނީ ވޯޓްލާފައިވާ ކަމަށެވެ. އެއީ 24،323،672 މީހުންގެ ވޯޓެވެ. ނުފެންނަ ކަމަށް ވޯޓް ދިން މީހުންގެ އަދަދަކީ 23،164،190 އެވެ.

މިއަދު ނަގާ ފެންނަ ނުފެންނަ ވޯޓްގައި ބައިވެރިވުމުގެ ހައްގު ލިބިފައިވާ 55 މިލިޔަން މީހުން ތުރުކީގައި އެބަތިއްބެވެ. އެމީހުން ވޯޓްލުމަށްޓަކައި އެގައުމުގެ އެކި ކަންކޮޅުތަކުގައި 167,140 ވޯޓްލާ މަރުކަޒު ވަނީ ގާއިމްކޮށްފަ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ކަން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އަރުދުޣާން މިހާރު ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އެކަމުގެ މަރުހަބާ ވިދާޅުވުމަށް އޭނާ ވަނީ ވެރިކަން ކުރާ އޭކޭޕީގެ އިސް ލީޑަރުންނާ ގުޅުއްވާ ވާހަކަފުޅު ވެސް ދައްކަވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ވޯޓުގެ ނަތީޖާއަކީ ތުރުކީ ރައްޔިތުންނަށް ނަސީބަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ނަމަވެސް ތުރުކީގެ އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓުގެ ނަތީޖާގެ ސައްހަކަމާއި މެދު ސުވާލު އުފައްދާފަ އެވެ.

މައި އިދިކޮޅު ޕާޓީ ސީއެޗްޕީ އިން ބުނެފައި ވަނީ ވޯޓުގެ 60 ޕަސެންޓްގެ ސައްހަ ކަމާ މެދު އެމީހުން ސުވާލު އުފައްދާ ކަމަށެވެ. އެއީ ގިނަ އަދަދެއްގެ ވޯޓުކަރުދާހުގައި އޮފިޝަލް ސްޓޭމްޕް ނެތްކަން ކަށަވަރު ކުރެވިފައިވާތީ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ގާނޫނު އަސާސީއަށް ގެންނަ ބަދަލުން ތުރުކީގެ ރައީސަަށް ލިބޭނެ ބާރުތަކަކީ ގަރާރުތައް ނެރުއްވުމާއި ކެބިނެޓް އެކުލަވައިލުމާއި ޕާލަމެންޓް އުވައިލުމާއި އިސް ފަނޑިޔާރުން ކަނޑައެޅުމުގެ ބާރެވެ. އެހުރިހާ ބާރެއް ރައީސަށް ލިބުމުން ތުރުކީގެ ވެރިކަން ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުވާނެ ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރިއްސުރެ އަންނަނީ ބުނަމުންނެވެ. އަދި އެ ބުނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް ތާއީދު ކުރެއެވެ. އެހެންވެ، ފެންނަ ނުފެންނަ ވޯޓަށް ކެމްޕޭން ކުރުން ވެސް ޔޫރަޕްގެ ބައެއް ގައުމުތަކުގައި މަނާކުރި އެވެ. އެގޮތަށް މަނާ ކުރި ގައުމުތަކާ ދެކޮޅަށް އަރުދުޣާން ވަނީ ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކަވާފައެވެ.