ވިޔަފާރި

މަސައްކަތް ކުރަން ޓޫރިސްޓް ވިޒާގައި އެތެރެވާ މައްސަލަ ބޮޑުވެއްޖެ

Apr 17, 2017
9

ޓޫރިސްޓު ވިޒާގައި ރާއްޖެ އެތެރެވެ، ރާއްޖޭގައި މަސައްކަތް ކުރުން އިތުރުވަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ. އެކަމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އިމިގްރޭޝަނުން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

ރާއްޖޭގެ މައި ދޮރާށި ބަލަހައްޓާ، އިމިގްރޭޝަނުން ބުނީ މިހާރަކަށް އައިސް ޓޫރިސްޓު ވިޒާގައި އެތެރެވެ ރާއްޖޭގައި އެކި މަސައްކަތްތައް ކުރާ ބިދޭސީން ގިނަވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަން ހުއްޓުވުުގެ ގޮތުން، އެ މުއައްސަސާގެ ބޯޑަރު ކޮންޓްރޯލް ސެކްޝަނަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޓޫރިސްޓު ވީޒާ ގައި ރާއްޖެ އެތެރެ ވެވޭނީ ހަމަ އެކަނި ޗުއްޓީ ހޭދަ ކުރުމަށެވެ. އަދި ޓޫރިސްޓު ވިސާއަކީ ރާއްޖޭގައި އެއްވެސް ވަޒީފާއެއް އަދާ ކުރަން ނުވަތަ އާމްދަނީ ލިބޭނެ މަސައްކަތެއް ކުރުމުގެ ނިޔަތެއް ނެތި، ރާއްޖެ އަންނަ ބިދޭސީ މީހާ ރާއްޖޭގައި ހުރުމަށް ދޭ ހުއްދަ އެކެވެ.

ބިދޭސީއަކު އެއްވެސް މަސައްކަތެއް ކުރާނަމަ އެބިދޭސީއަކު އަދި އޭނާ އާއި ހަވާލުވެ ހުރި ދިވެހި މީހާ (ސްޕޮންސަރު) ޓޫރިސްޓު ވިޒާ އާއި ހިލާފުވީކަމަށް ކަނޑައަޅައި ފިޔަޅު އެޅެ އެވެ.

މި ކުށުގެ އަދަބެއްގެ ގޮތުގައި މި ގާނޫގައި ބަޔާވެފައިވާ ކުށް ކުރީ ދިވެއްސެއްނަމަ ބައިލައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ބިދޭސީއެއްނަމަ 15،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ޓޫރިސްޓު ވިޒާގައި ރާއްޖެއަށް މަސައްކަތް ކުރަން އެތެރެވާ މައްސަލަ އިމިގްރޭޝަނުގެ ސަމާލުކަމަށް އައިއިރު، ރާއްޖެ އެތެރެވެ، ފިލައިގެން ގިނަ އަދަދެއްގެ ބިދޭސީން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތަށް ފިލައިގެން 30،000 މީހުން އުޅޭ ކަމަށް ބައެއް އިދާރާތަކުން ލަފާކުރެ އެވެ.