ކުޅިވަރު

ލީޑް ފުޅާކުރަން ޗެލްސީއަށް ޔުނައިޓަޑުން ހުރަސް އަޅައިފި

Apr 16, 2017

ބޮޑު މެޗުގައި، ޗެލްސީގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ތާވަލުގެ އެއް ވަނައިގައި ލީޑް ފުޅާ ކުރަން ޗެލްސީއަށް ލިބުނު ފުރުސަތަށް މެންޗެސްޓާ ޔުނައިޓަޑުން ހުރަސް އަޅައިފި އެވެ.

މިރޭގެ މެޗުން ޗެލްސީ މޮޅުވިނަމަ، ތާވަލުގެ އެއް ވަނައިގައި، ޗެލްސީއަށް ހަތް ޕޮއިންޓަށް ލީޑް ފުޅާ ކުރެވޭނެ އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮސްޕާއާ ޗެލްސީއާ ދެމެދު ހުރީ ހަތަރު ޕޮއިންޓްގެ ފަރަގެވެ. ޗެލްސީއަށް ލިބިފައި ވަނީ 75 ޕޮއިންޓެވެ. ޓޮޓެންހަމް އަށް 71 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓަޑުން ވަނީ މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި ޗެލްސީގެ ގޯލް ހުޅުވާފަ އެވެ. އެންޑޭ ހެރޭރާ ދިން ހިތްގައިމު ޕާހަކުން، ޔުނައިަޓަޑަށް ލީޑް ނަގައި ދިނީ މާކޯސް ރަޝްފާޑް އެވެ.

މެން ޔޫގެ ހާފް ތެރެއިން ޗެލްސީގެ ނިމެންޖާ މެޓައިކް އަތުން ބޯޅަ ހޯދައި، މެދު ރޮނގު ކައިރިން، ސެންޓާ ސާކަލް ތެރޭގައި ހުރެފައި، ހެރޭރާ ބޯޅަ ދިނީ ހާފުގެ މެދެއްހާ ހިސާބުގައި ހުރި، ރަޝްފާޑަ ށެވެ. އޭނާ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނީ ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ ގާތުން ވެސް ނައްޓާލާފަ އެވެ.

މެޓައިކް އަތުން، ހެރޭރާ ބޯޅަ ހޯދަން، ކުރިމަތިލި ވަގުތު ހެރޭރާގެ އަތުގައި ބޯޅާ ޖެހުނު ކަމަށް މެޓައިކް އެޕީލްވެސް ކުރި އެވެ. ނަމަވެސް ރެފްރީއަށް ނުފެނުމުން ނިންމީ ހޭންޑް ނުވާ ކަމަށެވެ.

އެ ލަނޑުގެ ފަހުން ޖޭސް ލިންގާޑަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ، ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. ފަހުން ވެސް، ލިންގާޑް ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން، ބޯޅައެއް ގޯލް އޭރިއާގެ ލައިން މައްޗަށް ހުރަސް ކޮށް ދިފަ އެވެ. ނަމަވެސް އެބޯޅަ ޗެލްސީގެ ޑިފެންޑރު ވަނީ ސާފް ކޮށްލާފަ އެވެ.

ޔުނައިަޓަޑްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓް ތެރޭގަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިންގާޑަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް، ޗެލްސީގެ ކުޅުންތެރިން ހުރަސް އަޅަން ތިބުމުން އޭނާ ބޯޅަ ދިނީ ކުޑަ ތަންކޮޅެއް ފަހަތުގައި ހުރި ހެރޭރާ އަށެވެ. ހެރާރާ ވަނީ އެއްފަހަރުން އެބޯޅާ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ. ބޯޅަ ދިޔައީ ބޯޅަ އަށް ހުރަސް އަޅާން ތިބި ޗެލްސީގެ ކުޅުންތެރިން ތެރެއިން ފުރޭނިގެން ނެވެ. އަދި އެ ބޯޅަ ޗެލްސީގެ ޑިފެންޑަރު ޒޫމާގެ ފައިގައި ޖެހިފައި މިސްރާބު އޮޅުމުން ޗެލްސީގެ ކީޕަރަށްވެސް ބޯޅައަށް ހަރަކާތް ކުރެވުނީ ނުބައި ކޮށެވެ.

މެޗުން މޮޅުވުމުން ޔުނައިޓަޑް ވަނީ ފަސް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ.

މިއަދު ވެސްޓްބްރޮމޮވިޗާ ދެކޮޅަށް 1-0 ން މޮޅުވެ ލިވަޕޫލްވެސް ވަނީ ތިން ވަނަ އަށް ޖެހިލާފަ އެވެ. ލިވަޕޫލްގެ ލަނޑު ކާމިޔާބު ކުރީ ރޮބޭޓޯ ފްރިމީނޯ އެވެ.