ދުނިޔެ

ނިއުކްލިއަ ހަނގުރާމައެއް ފެށެނީ؟!

Apr 17, 2017
1

ނިއުކްލިއަ ހަތިޔާރޭ ބުނީމާ ޖަޕާނު މީހުން ގައިމުވެސް ބިރުން ރޫރޫ އަޅާނެ އެވެ. އެ ހަތިޔާރުގެ ބިރުވެރިކަން ދުނިޔޭގައި މިހާތަނަށް ތަޖުރިބާ ކޮށްފައި ވަނީ ވެސް އެމީހުން އެކަންޏެވެ. އެކަމަކު އޭގެ ނުރައްކާތެެރިކަން ދުނިޔޭގެ އެންމެނަށް ވެސް ކޮންމެވެސް ވަރަކަށް ނޭނގި އޮތުމަކީ ދުރުކަމެކެވެ. ޖަޕާނުގެ ހިރޯޝީމާއަށް އެމެރިކާއިން އެޅި އެޓޮމިކް ބޮމުގެ ސަބަބުން 135000 މީހުން މަރުވިއެވެ. އަދި ނަގަސާކީއަށް އެޅި ބޮމުގެ ސަބަބުން 64000 މީހުން މަރުވި އެވެ. އެ ދެރަށުން އެހުރިހާ އެންމެން މަރުވީ އެންމެ ދެ ބޮމުގެ ސަބަބުންނެވެ. އެމެރިކާނުން އެޅީ ކޮންމެ ރަށަކަށް ބޮމެކެވެ.

ނިއުކްލިއަ ހަތިޔާރަކީ މިހާ ނުރައްކާތެރި ހަތިޔާރަކަށް ވާއިރު، އެމެރިކާ އާއި އުތުރު ކޮރެއާއާ ކުރާ ޒުވާބުގައި އުތުރު ކޮރެއާއިން ބުނަމުން ދަނީ އެގައުމު އޮތީ ނިއުކްލި ހަމަލައެއް ދޭން ތައްޔާރަށް ކަމަށެވެ. އެގައުމުން އެފަދަ ހަމަލާއެއް ދޭނަމަ އެހަމަލާ އަމާޒު ކުރާނެ ކަމަށް ބެލެވެނީ ދެކުނު ކޮރެއާއަށް ނުވަތަ ޖަޕާނަށެވެ. ނުވަތަ އެ ދެގައުމަށެވެ. އެހެނީ ސަރަަހައްދުގައިވާ އެމެރިކާއާ އެންމެ ގުޅުން ބޮޑު ދެގައުމަކީ އެއީ އެވެ. އެމެރިކާއާ ހިސާބަށް ދަތުރުކުރެވޭ ވަރުގެ މިސައިލެއް އުތުރު ކޮރެއާއިން އުފެއްދިކަން އަދި އެނގޭކަށް ނެތެވެ. އެހެންވީމާ އުތުރަށް ކުރެވޭނެ ކަމަކީ ކައިރީގައިވާ އެމެރިކާގެ މަސްލަހަތު ތަކަށް ހަމަލާ ދިނުމެވެ.

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޖޭ ޓްރަމްޕް ވަޑައިގެންނެވި ފަހުން އުތުރު ކޮރެއާއިން ވަނީ ގިނަ ހަތިޔާރުތަކެއް ޓެސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި ބިމުން ފޮނުވާލާ ދުރު ރާސްތާ މިސައިލްތަކާއި ސަބްމެރިން އިން ފޮނުވާލާ މިސައިލްތައްް ހިމެނެއެވެ. ޓެސްޓްތައް ކުރަން ފެށުމާ އެކު ޓްރަމްޕް ވަނީ އުތުރަށް އިންޒާރު ދެއްވަން ފަށްޓަވާފަ އެވެ. އުތުރު ކޮރެއާއިން އުފައްދަމުން އަންނަ ބިރުވެރިކަމުގެ މައްސަލަ ހައްލު ކުރަން އެމެރިކާއިން އެކަނި ވެސް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ވިދާޅުވި އިރު ވެސް ޓްރަމްޕް ގެންދެވީ އުތުރު ކޮރެއާ މައިތިރި ކުރަން ފިޔަވަޅު އަޅައިދޭން ޗައިނާ ސަރުކާރުގައި އެދެމުންނެވެ. އަމިއްލައަށް ފިޔަވަޅު އަޅާނީ ޗައިނާއިން އެކަމާ އަޅާ ނުލާ ހާލަތެއްގައި ކަން ދޭހަވާ މޭރުމަކުން ޓްރަމްޕް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

"އުތުރު ކޮރެއާގެ މައްޗަށް ޗައިނާގެ ވަރަށް ބޮޑު ނުފޫޒެއް އޮވޭ. ޗައިނާއިން ނިންމާނެ އުތުރުކޮރެއާ މައްސަލައިގައި އަހަރެމެންނަށް އެހީވާން ނުވަތަ ނުވާން. އެމީހުން އެހީވެއްޖެ ނަމަ އެއީ ޗައިނާއަށް ވަރަށް ރަނގަޅު ކަމަކަށް ވާނެ. އެމީހުން އެކަން ނުކޮށްފި ނަމަ އެއީ އެއްވެސް ބަޔަކަށް ރަނގަޅުކަމަކަށް ނުވާނެ،" މި އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އޭގެ ފަހުން ޗައިނާއާއި އެމެރިކާގެ ގުޅުމަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ޗައިނާގެ ރައީސް ޝީޖިންޕިން ވަނީ އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ ބައްދަލު ކުރައްވާފަ އެވެ. އުތުރު ކޮރެއާގެ މައްސަލައިގައި ޗައިނާއިން އެހީވާނެ ކަމަށް އެ ދަތުރަށް ފަހު އެމެރިކާއިން ބުންޏެވެ. ނަމަވެސް ޗައިނާއިން ރަސްމީ ސިފައެއްގައި އެކަން ހާމައެއް ނުކުރެއެވެ.

ދެން އިވިގެން ދިޔައީ ދެކޮރެއާގެ ކައިރިއަށް އެމެރިކާއިން މަނަވަރުތަކެއް ފުރުވައިލި ހަބަރެވެ. އޭގެ ކުރިން އެމެރިކާއިން ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާފައެވެ. ޗައިނާއިން އުތުރުކޮރެއާ މައްސަލައިގައި ސީރިއަސްވީ އެހިސާބުންނެވެ. ދެން ޗައިނާއިން ވަނީ އުތުރު ކޮރެއާއަށް ނަސޭހަތްތެރިވެފައެވެ. އަދި އެ ނަސޭހަތާއި އެކު ދަތިކުރުމުގެ ބައެއް ފިޔަވަޅު ވެސް ވަނީ އަޅާފައެވެ. އެގޮތުން އެގައުމާއި އެކު ކުރަމުން އައި ބޯޓްދެލީގެ ވިޔަފާރި ޗައިނާއިން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އަދި ޗައިނާއިން އެގައުމަށް ކުރާ ވައިގެ ދަތުރުތައް މިއަދުން ފެށިގެން ހުއްޓައިލާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.

އެފިޔަވަޅު ތަކަށް ފަހުގައި ވެސް ޗައިނާއިން ފާޅުކުރަމުން ދިޔައީ ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުމެވެ. އިތުރު މިސައިލްތައް ޓެސްޓް ނުކުރަން އެގައުމުން އައީ އުތުރަށް ނަސޭހަތް ދެމުންނެވެ. ނަމަވެސް އުތުރު ކޮރެއާއިން އިއްޔެ ވަނީ މިސައިލެއް ޓެސްޓް ކުރަން އަނެއްކާވެސް މަސައްކަތްކޮށްފަ އެވެ. އެކަން ނާކާމިޔާބު ވިޔަސް އެމެރިކާއިން ދުށީ އެއީ ރުޅިއެރުވުމެގެ އަމަލެއްގެ ގޮތުގައެވެ.

ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުން އެކަމުގެ ސަބަބުން އިތުރުވި އެވެ. ނަމަވެސް ޓްރަމްޕްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗްއާރް މެކްމާސްޓާ އިއްޔެ ވިދާޅުވީ އުތުރު ކޮރެއާގެ ނާކާމިޔާބު މިސައިލް ޓެސްޓަށް ރައްދުދޭން އަޅާނެ ގިނަ ފިޔަވަޅުތަކަކާ މެދު އެމެރިކާގެ ބައިވެރިންނާއި ޗައިނާއާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެކަމުން ދޭހަކޮށްދެނީ އުތުރު ކޮރެއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅުއްވަން ޓްރަމްޕް ނުނިންމަވާ ކަމެެވެ.

"މިއީ އަހަރެމެން ހުރިހާ ފިޔަވަޅުތަކެއް އަޅަން ވީ ވަގުތު، އަސްކަރީ ފިޔަވަޅު ފިޔަވައި. މިކަން ސުލްހަވެރި ގޮތަކަށް ހައްލުކުރަން،" ބީބީސީ 'ދިސް ވީކް " ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މެކްކާސްޓާ އިއްޔެ ވިދާޅުވިއެވެ.

ޗައިނާ ބައިެވރި ކޮށްގެން އުތުރު ކޮރެއާގެ މައްސަލަ ހައްލުކުރާ ނަމަ އަސްކަރީ ފިޔަވަޅު އެޅުމަކީ ދުރު ކަމެކެވެ. އެހެނީ ކޮރެއާ ސަރަހައްދުގައި ހަނގުރާމައެއް ފެށިއްޖެ ނަމަ އެކަމުގެ އެންމެ ބޮޑު ގެއްލުމެއް ވާނީ އެ ގައުމަށެވެ. އުތުރު ކޮރެއާގައި މިހާރު އޮތް ވެރިކަން ވެއްޓިއްޖެ ނަމަ ދެކުނު ކޮރެއާގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ޗައިނާއާ ދެމެދު އޮތް ފަރުދާ ކެހިގެން ދާނެއެވެ. އެއީ ޗައިނާއިން އެއްގޮތަކަށް ވެސް ބޭނުންވާނެ ގޮތެއް ނޫނެވެ. އެހެންވީމާ އުތުރު ކޮރެއާއާ ހެދި ނިއުކްލިއަ ހަނގުރާމައެއް ފެށުމަކީ ދުރުކަމެކެވެ.