އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން، މެންޗެސްޓާ ޔުނައިޓަޑް ބަލިވި ނަމަ، ގަދަ ހަތަރެއްގެ އުންމީދު ގެއްލޭނެ ކަމަށް، ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯގެ ޓާގެޓަކީ، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގް ޖާގަ އެއް ޔުނައިޓަޑަށް ހޯދައި ދިނުމެވެ. އިނގިރޭސި ލީގުން، ޗެމްޕިއަންސް ލީގްގެ ޖާގަ ލިބޭނީ ގަދަ ހަތަރު ޓީމަށެވެ.
ރޭގެ މެޗަށް ފަހު ވަހަކަ ދައްކަމުން، މޮރީނިއޯ ބުނީ މެޗުން މޮޅުވުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ހިނގައްޖެ ކަމަށާއި، ގަދަ ހަތަރެއްގެ ތެރޭގައި ހިމެނި ޗެމްޕިއަންސް ލީގް ޖާގަ އެއް ހޯދުމަށް އުންމީދު އާ ވެގެން ހިނގައެއްޖެ ކަމަށެވެ.
"ތަފާތު ސަބަބުތަކަށް ޓަަކައި، މިއީ ހިތްހަމަޖެހޭ ނަތީޖާ އެއް، ފުރަތަމަ ކަމަކަށް ލިވަޕޫލާއި މެންޗެސްޓާ ސިޓީ މޮޅު ވެފައި ވުމުން އަހަރެމެން މި މެޗުން މޮޅު ނުވި ނަމަ ޕްރިމިއާ ލީގްގެ ގަދަ ހަތަރަކުން އުންމީދު ގެއްލޭނެ،"
"ޗެލްސީއަކީ ލީގްގެ ލީޑަރު، ލީޑަރު ބަލި ކުރެވުނީމަ ހަމަ ހަގީގަތުގައި ވެސް އެކަމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ، އެފްއޭ ކަޕްގެ ކްއްޓާ ފައިނަލުގައި، ޗެލްސިއާ ދެކޮޅަށް ކުޅުނު މެޗަށް ނިކުތް އިރުވެސް، އެ ޓީމުގެ ދެ ކުޅުންތެރިޔަކު ހިފަހައްޓައިގެން ކުޅެފިނަމަ އެޓީމަށް މައްސަލަ ދިމާވާނެ ކަން އެނގޭ ކަމަށެވެ. އެހެންވެ ރޭގެ މެޗުގައިވެސް އޭނާ ސަމަލުކަން ދިނީ އެކަމަށެވެ.
"ޑިއޭގޯ ކޮސްޓާގެ ފަހަތުން ކުޅޭ ދެ ކުޅުންތެރިން [އެޑެން ހަޒާޑް އާއި ޕެޑްރޯ] ހިފަހައްޓައިގެން ކުޅެފިނަމަ އެކަމުން ޗެލްސީއަށް މައްސަލަ ކުރިމަތިވާނެ ކަން އަހަންނަށް އެނގޭ، ކައުންޓަ އެޓޭކްގައި އެމީހުން ވަރަށް މޮޅު ނަމަވެސް އެމީހުން ކައުންޓަ އެޓޭކް ކުޅެން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އަހަރެމެން އަތުގައި ކޮންޓްރޯލް އޮވޭ،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ އެފްއޭ ކަޕްގައިވެސް 11 ކުޅުންތެރިންނާ އެކު އޭނާ މަސައްކަތް ކުރީ އެގޮތަށް ކުޅެން ކަމަށާއި، ފުރަތަމަ ހާފު އެގޮތަށް ކުޅެ ވުނު ނަމަވެސް، ދެ ވަނަ ހާފުގައި އެ ޕްލޭން މަސަކަތް ނުކުރީ ރަތްކާޑުގެ ސަބަބުން 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުމުން ކަމަށެވެ. މިދިޔަ މަހު 14 ގައި އެފްއޭ ކަޕް ކްއާޓާ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ 35 ވަނަ މިނެޓްގައި ޔުނައިޓަޑްގެ އެންޑޭ ހެރޭރާއަށް ވަނީ ދެ ވަނަ ރީނދޫ ކާޑާކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އެ މެޗުން މެންޔޫ ބަލިވީ 1-0 ން ނެވެ.
މޮރީނިއޯ ބުނީ ޗެލްސީ ބަލިވިޔަސް، އަދިވެސް ލީގްގެ ފޭވަރިޓަކީ އެ ޓީމު ކަމަށެވެ. ޗެލްސީ އާއި ދެ ވަނައިގައި އޮތް ޓޮޓެންހަމްއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ.
"އެ ޓީމު އެ އޮތީ ހުރިހާ ޓީމެއް ވެސް އޮންނަން ބޭނުންވާ މަގާމުގައި، ހަމަޔަގީނުން ވެސް، ޓޮޓެންހަމް އޮތް މަގާމަށް ވުރެ، ޗެލްސީ އޮތް މާގަމު ރަނގަޅު." މޮރީނިއޯ ބުންޏެވެ.