ދުނިޔެ

ކެރެލާގައި ސްވައިން ފްލޫ، ޑެންގީ އަދި މެލޭރިއާ ފެތުރެނީ

Apr 17, 2017

އިންޑިއާގެ ސްޓޭޓްކުގެ ތެރެއިން ދިވެހިން އެންމެ ގިނައިން ޒިރާތްކުރާ ކެެރެލާ ސްޓޭޓްގައި އެޗް1އެން1 ( ސްވައިން ފްލޫ) އާއި ޑެންގީއާއި މެލޭރިއާ ފެތުރޭތީ ސަމާލުވާން އެ ސްޓޭޓްގެ ސިއްހަތާ ބެހޭ އިދާރާތަކުން ހޮސްޕިޓަލްތަކަށާއި ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

ކެރެލާގެ ހެލްތު ޑިޕާޓްމަންޓާ ހަވާލާދީ ދަން ހިންދޫ ނޫހުން ބުނީ އެ ބަލިތައް ފެތުރޭތީ އެބަލިތައް ޖެހޭ މީހުންނަށް ފަރުވާ ކުރަން ބޭނުންވާ ބޭހާއި އިކްއިޕްމެންޓްތައް ސިއްހީ ހިދުމަތްދޭ ހުރިހާ ތަންތަނަކަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބުނީ ހޮސްޕިޓަލްތަކުގައި އެބަލިތަކަށް ފަރުވާ ކުރަން ބޭނުންވާ ވަސީލަތްތައް ހުރި މިންވަރު ބަލަން ކެރެލާގެ ހެލްތު ޑިޕާޓްމަންޓުން ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ.

ބަލިތައް ފެތުރޭތީ ސަމާލުވާން ރައްޔިތުންނަށާއި ހޮސްޕިޓަލްތަކަށް އެންގި ނަމަވެސް ކެރެލާ ސަރުކާރުން އެބަލިތަކާ ބެހޭ ތަފާސް ހިސާބުތައް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެޗް1އެން1 އަށް ވަކިން ހާއްސަކޮށް ސަމާލުވާން ހެލްތު ޑިޕާޓްމަންޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ކެރެލާގެ ހެލްތު މިނިސްޓަރު ކޭކޭ ޝިލާޖާ ވިދާޅުވެފައި ވަނީ އެޗް1އެން1 ފެތުރޭތީ ކެރެލާ މީހުން މާބޮޑަށް ހާސްވާން ޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ. ނަމަވެސް އެބައްޔަށް ފަރުވާ ކުރުމުގައި ޑޮކްޓަރުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކެރެލާގައި ސްވައިން ފްލޫ ފެތުރެން ފަށާފައި މިވަނީ އެގައުމުގެ އުތުރުގެ ބައެއް ސްޓޭޓްތަކުގައި އެބަލި ފެތުރޭތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.

ކެރެލާ ސްޓޭޓްގެ ވެރިރަށް ތިރުވަނަންތަ ޕޫރަޕްގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެއެވެ. އަދި ބޭސްފަރުވާއަށް ދިވެހިންގެ ގިނަ ބަޔަކު އެރަށަށް އަބަދުވެސް ދަތުރުކުރެ އެވެ.