ކުޅިވަރު

ޗެލްސީއަށް 50 ގެ ފުރުސަތެއް، އެންމެ ވަރުގަދަ ޓީމަކީ ޓޮޓެންހަމް

Apr 17, 2017
1

އިނގިރޭސި ޕްރިމިއާ ލީގް ކާމިޔާބު ކުރުމަށް މިހާރު ޗެލްސީއަށް އޮތީ 50 ޕަސަންޓްގެ ފުރުސަތެއް ކަމަށާއި، މިހާރު ލީގްގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ޓޮޓެންހަމް ހޮސްޕާ ކަމަށް، ޗެލްސީގެ ކޯޗް، އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ރޭ މެންޗެސްޓާ ޔުނައިޓަޑް އަތުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން، ކޮންޓޭ ބުނީ، މެޗުން މޮޅުވުމަށް ކުރަން ޖެހޭ މަސައްކަތުގައި އޭނާގެ ކުޅުންތެރިން އެންމެ ރަނަގަޅަށް މޯޓިވޭޓް ކުރެވިފައި ނެތް ކަމަށާއި މެޗުން ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.

"އެ ޓީމު [ޔުނައިޓަޑް] މެޗުން މޮޅުވާން ބޭނުންވާކަން އަހަރެމެންނަށް ވުރެ މާބޮޑަށް ހާމަ ކުރި، އަހަރެމެންނަށް ވުރެ މާ ވަރުގަދަ އަޒުމެއް އެމީހުންގެ އޮތް، މާބޮޑަށް ވެސް މޯޓިވޭޓް ވެފައި، މިއީ ވަރަށް ފަސޭހަ ކަމެއް، އެކަމަކު މިހާލަތުގައި މި އުޅެނީ ކޯޗްގެ މައްސަލަ އެއް، މާނައަކީ މެޗުން މޮޅުވުމުގެ އަޒުމެއް ކޯޗް ކުޅުންތެރިންނަށް ރަނގަޅަކަށް ފޯރު ކޮށެއް ނުދޭ،" އޭނާގެ އަމިއްލަ ނަފުއްސަށް ނިސްބަތްކޮށް ކޮންޓޭ ބުންޏެވެ.

މި އަހަރު ފެށުނު ފަހުން ލީގްގައި ޗެލްސީ މިހާތަނަށް ބަލިވީ އެންމެ ދެ މެޗުން ނެވެ. މިއަހަރު އެންމެ ފުރަތަމަ އެ ޓީމު ބަލި ކުރީ ކްރިސްޓަލް ޕެލަސް އެވެ. ކޮންޓޭ ބުނީ އެ މެޗުން ބަލިވުން ޗެލްސީއަށް ހައްގު ނޫން ކަމަށާއި ނަމަވެސް ރޭ ގެ މެޗުން ބަލިވުން ހައްގު ކަމަށެވެ. ރޭގެ މެޗުގައި ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވޭ ކަމަށް އޭނާ ފާހަގަ ކުރި އެވެ. ލީގްގައި ޗެލްސީ އަށް ދެން އޮތީ ބާކީ ހަ މެޗެވެ.

"ކުރިއަށް އޮތް ހަ މެޗާ މެދު އަހަރެމެން ޖެހޭނީ ފައިނަލެއް ކަމުގައި ދެކެން، ލީގް އޮތީ ހުޅިވިފަ އަހަރެމެންނަށް ވެސް އޮތީ 50 ޕަސަންޓްގެ ފުރުސަތެއް، އަހަރެމެންނަށް ތާވަލުގެ ކުރީގައި ނިންމާލެވިއްޖެއްޔާ ވަރަށް ރަނގަޅު، އެހެންނޫނީ އަހަރެމެން ޖެހޭނީ ދެން އެހެން ޓީމެއް ތަށި ގެންދާއިރު އަތް ޖަހަން ތިބެން،"

ޗެލްސީއާ ދެން އޮތީ އެފްއޭ ކަޕްގެ ސެމީ ފައިނަލު މެޗުގައި އަންނަ ހޮނިހިރު ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗެވެ.

"އަހަންނަށް ޔަގީން އެ މެޗު ފަސޭހަ ނުވާނެ ކަން، އަހަންނަށް ހީވާ ގޮތުގައި، ޓޮޓެންހަމަކީ މިހާރު އެންމެ ވަރުގަދަ ޓީމު، އެމީހުން އޮތީ ރަނގަޅު ފޯމެއްގައި، އަދި އެމީހުން އޮތީ ވަރަށް ވަރުގަދަ ރޫހެއް ގައި، އެމީހުންނަށް އިހްސާސްވާ ކަހަލަ އެޓީމަށް ތާރީހް ބަދަލު ކޮށްލުމުގެ ފުރުސަތު އެބައޮތް ކަން، އަހަރެމެންނަށް އެކަން އެނގިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް،" ކޮންޓޭ ބުންޏެވެ.