ދުނިޔެ

ތެޔޮ ހުސްވެގެން ޣައްޒާގެ އިންޖީނުގެ ހުއްޓުމަކަށް

Apr 17, 2017

އިސްރާއީލުން ހިސާރުކޮށްފައި އޮންނަތާ އަހަރުތަކެއް ވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތްދެމުން އައި މައި ޕަވަޕްލާންޓްގައި ބޭނުންކުރާނެ ތެޔޮ ނެތިގެން އިއްޔެގައި އެތަނުގެ މަސައްކަތް ހުއްޓިއްޖެ އެވެ.

ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ތެޔޮ ހުސްވުމުގެ ޒިންމާ ޕަލަސްތީނުގެ ހަކަތައާއި ގުދުރަތީ ވަސީލަތްތަކާ ބެހޭ އިދާރާއިން އަޅުވަނީ ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނު މީހުންގެ ސަރުކާރުގެ ބޮލުގައި ކަަމަށެވެ. ޣައްޒާއަށް އެތެރެކުރާ ޑީސަލުން ޓެކްސް ނެގުން ހުއްޓައިލަން އެ އިދާރާއިން ވަނީ ރާމަﷲ ގައިވާ މަޙުމޫދު ޢައްބާސްގެ ސަރުކާރަށް ގޮވާލާފަ އެވެ.

ޣައްޒާގެ އިންޖީނުގެއިން ދެމުން އައި ކަރަންޓްގެ ހިދުމަތް މެދުކެނޑުމުން އެރަށުގައި ދިރިއުޅޭ ދެމިލިޔަން މީހުން ބަރޯސާ ކުރަން ޖެހޭނީ އިސްރާއީލާއި މިސްރުން ފޯރުކޮށްދެމުން އަންނަ 143 މެގަވޮޓްގެ ކަރަންޓަށެވެ. އެހާލަތުގައި ޣައްޒާ މީހުންނަށް ކަރަންޓް ލިބޭނީ ދުވާލަކު ހަތަރު ގަޑި އިރު ނުވަތަ އެއަށް ވުރެ ވެސް މަދު ވަގުތުކޮޅަކަށެވެ. ޣައްޒާގެ ރައްޔިތުންނަށް މިހާރުވެސް ކުރިމަތިވެފައިވާ ބޯފެނުގެ ދަތިކަން އެކަމުގެ ސަބަބުން އިތުރަށް ބޮޑުވެގެންދާނެއެވެ. އެއީ ޣައްޒާގައި ފެންސާފުކުރާ ޕްލާންޓްގެ މަސައްކަތް ކަރަންޓް ނެތުމުން ހުއްޓޭނެތީއެވެ. ޣައްޒާގެ ބިމުގެ ފެނުގެ 96 ޕަސެންޓަކީ ބުއިމަށް ބޭނުން ކުރަން ކަމުނުދާ ފެނެވެ.

ޣައްޒާގެ އިންޖީނުގެއިން އާއްމު ހާލަތުގައި ކަރަންޓް ދޭ އިރުވެސް އެރަށުގައި ކަރަންޓް ލިބެނީ ދުވާލަކު އަށް ގަޑި އިރުއެވެ. އެއީ އެކި ފަހަރު މަތިންނެވެ. ޣައްޒާގެ ރައްޔިތުންނަށް ދުވާލަކަށް 450 މެގަވޮޓް އާއި 500 މެގަވޮޓްއާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންވެއެވެ. އެރަށުގެ އިންޖީނުގެ ނުހުއްޓޭ އިރުވެސް ލިބެމުން އައީ އޭގެ ދެބައިކުޅަ އެއްބައި މިންވަރުގެ ކަރަންްޓެވެ.