ކުޅިވަރު

މާދަމާ ރޭ ބޭލް އާއި ލެވަންޑޮސްކީއަށް ނުކުޅެވޭނެ ކަމުގެ ބިރު

Apr 17, 2017
1

ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ބަޔާން މިއުނިކާ ރެއާލް މެޑްރިޑް ކުޅޭ ދެ ވަނަ ލެގް މެޗުގައި، ބަޔާންގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ އާއި ރެއާލްގެ ގެރެތު ބޭލްއަށް ނުކުޅެވޭނެ ކަމުގެ ބިރު ބޮޑު ވެއްޖެ އެވެ.

އަނިޔާގެ ސަބަބުން، ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް، ލެވަންޑޯސްކީ ނުކުޅެ އެވެ. ނަމަވެސް، އޭގެ ފަހުން އޭނާ ބުނެފައިވަނީ، ރެއާލްގެ ދަނޑުގައި ކުޅޭ މެޗަށް އޭނާ ފިޓްވާނެ ކަމަށެވެ.

އެކަމަކު އަދި ވެސް އޭނާ އަށް ކުޅެވޭނެ ކަމާމެދު 100 ޕަސަންޓް ޔަގީނެއް ނޫނެވެ. ބަޔާންގެ ކޯޗް ކާލޯ އަންޗެލޯޓީ ގަބޫލު ކުރާ ގޮތުގައި، ލެވަންޑޮސްކީ ނެތަސް ބަޔާން އަކީ އެންމެ ފުރިހަމަ ޓީމެކެވެ.

"ލެވަންޑޮސްކީއާ އެކު އަހަރެމެންނަކީ ވަރުގަދަ ޓީމެއް، އަދި އޭނާ ނެތަސް އަހަރެމެން ވަރުގަދަ،" ލެވަންޑޮސްކީ ނެތަސް މެޗަށް އަސަރު ނުކުރާނެ ކަން ހާމަ ކޮށް ދިނުމުގެ ގޮތުން އަންޗެލޯޓީ ބުންޏެވެ.

ދެހާސް ސާދަ ވަނަ އަހަރު ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑުން ބަޔާން އަށް ލެވަންޑޮސްކީ ބަދަލުވި ފަހުން، ބަޔާން ކުޅުނު 148 މެޗުގެ ތެރެއިން، އޭނާ އަށް ފުރުސަތު ގެއްލުނީ އަށް މެޗުން ނެވެ.

ޗެމްޕިއަންސް ލީގްގައި ބަޔާނާއެކު އޭނާއަކީ ރެކޯޑް ރަނގަޅު ކުޅުންތެރިޔެކެވެ. ޗެމްޕިއަންސް ލީގްގައި ބަޔާންގައި ކުޅުނު 32 މެޗުގައި އޭނާ ވަނީ 22 ލަނޑު ޖަހާފަ އެވެ.

ބޭލް އަށް މައްސަލަ ކުރިމަތިވީ، ބަޔާންއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގް މެޗުގަ އެވެ. އެ މެޗުގައި އޭނާގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން، ބަޔާންއާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗުގެ އިތުރުން، އަންނަ އާދިއްތަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ނުކުޅެވޭނެ އެވެ.

ބޭލްއަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ކުރިމަތިވި އަނިޔާއާ ގުޅިގެން ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުރެ އެނބުރި އައިފަހުން، އޭނާގެ ކުރީ ކުޅުން އަދި ދެއްކޭ ގޮތެއް ނުވެ އެވެ.

އޭނާގެ ޖާގަ ފޫބައްދަން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބޭނުން ކުރާނީ މާކޯ އެސެންސިއޯ ނުވަތަ އިސްކޯ ކަމަށް ބެލެވެއެވެ. ބަޔާންއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗުގައި، ބޭލް ބަދަލުކޮށް ފުރުސަތު ދިނީ މާކޯ އެސެންސިއޯ އަށެވެ.