ދުނިޔެ

ޕެންސްގެ އޭޝިއާ ދަތުރުފުޅުގައި ފުރަތަމަ ވެސް ދެކުނު ކޮރެއާއަށް

Apr 17, 2017

އެެމެރިކާގެ ނައިބުރައީސް މައިކް ޕެންސް އޭޝިއާގެ ހަތަރު ގައުމަކަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ފުރަތަމަވެސް ދެކުނުކޮރެއާއަށް ވަޑައިގެންފިއެވެ. އޭނަ ދެކުނު ކޮރެއާއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.

އުތުރުކޮރެއާއާ އެމެރިކާއާ ދެމެދު ބޮޑު ޒުވާބެއް ހިނގަމުންދާ ދަނޑިވަޅެއްގައި ދެކުނު ކޮރެއާއަށް ވަޑައިގެން ޕެންސް ވަނީ ދެކޮރެއާ ގުޅޭ ، އަސްކަރީ ހަރަކާތްތައް ހިންގުން މަނާ ސަރަހައްދަށް މިއަދު ވަޑައިގެން، އެސަރަހައްދުގެ ހާލަތު ބައްލަވާލައްވާފައެވެ. އަސްކަރީ ހަރަކާތްތައް ހިންގުން މަނާ ސަރަހައްދު 'ޑިމިލިޓަރައިޒްޑް ޒޯން' ( ޑީއެމްޒެޑް) އަކީ ދެކޮރެއާ ގުޅޭ ސަރަހައްދުގައި، ގިނަ އަދަދެއްގެ ލޭންޑް މައިން ވަޅުލާފައިވާ 2.5 މޭލު ފުޅާ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ދެފަރާތުގެ ސިފައިން ހަތަރުކަޅިހަމަކޮށްގެން އަބަދުވެސް ބަލަހައްޓަމުން އަންނަ ސަރަހައްދެކެވެ.

ރޮއިޓާސް ބުނީ ޕެންސްގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ދެކުނު ކޮރެއާ ހެއްދެވީ ނާޒު ހާލަތެއްގައިވާ އެސަރަހައްދާ މެދު އެމެރިކާ އިހުމާލުނުވާނެކަން އެމެރިކާގެ ބައިވެރިންނަށާއި ދުޝްމަނުންނަށް ހަނދާން ކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.

ޑީއެމްޒެޑްގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން ޕެންސް ވިދާޅުވީ އެމެރިކާއިން އެގައުމުގެ ވަރުގަދަ ބައިވެރިވާޔާ އެކު އަބަދުވެސް އޮންނާނެ ކަމަށެވެ. ދެގައުމު ގުޅިގެން މަސައްކަތްކުރާނީ ސުލްހައަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕެންސްގެ ބައްޕާ ފުޅަކީ 1950 އިން 1953 އަށް ހިނގި ކޮރެއާ ހަނގުރާމައިގައި ބައިވެރިވި ސިަފައިންގެ މީހެކެވެ.

އުތުރުކޮރެއާއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޕެންސް ވިދާޅުވީ އެގައުމުގެ މައްސަލައިގައި އެމެރިކާއިން ކެތްތެރިވުމުގެ މުއްދަތު ނިމިފައިވާ ކަމަށެވެ. ނަމަވެސް އަސްކަރީ ގޮތުން ރާވާ ރޭވުންތަކާ މެދު ޓްރަޕް ތަފުސީލުކޮށް ވާހަކަ ނުދައްކަވާނެ ކަމަށެވެ.

ޕެންސް އެމެރިކާގެ ނައިބުރައީސްގެ ހައިސިއްޔަތުން އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވާނެ ކަމަށް އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ކުރިން ބުނެފައި ވަނީ ދެކުނުކޮރެއާ، ޖަޕާން، އިންޑޮނޭޝިއާ އަދި އޮސްޓްރޭލިއާށެވެ.