ކުޅިވަރު

ބާސާއަށް މިފަހަރު ނަތީޖާ އަނބުރާލެވޭނެތަ؟

Apr 17, 2017
2

ޔޫރަޕްގެ ފުޓްބޯޅައިގައި މިހަފުތާ ހުރި މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ވަރުގަދަ މެޗުތަކެވެ. އެ ލިސްޓަށް ބުދަ ދުވަހު އިތުރުވާނީ، ސްޕެއިން އާއި އިޓަލީގެ ޗެމްޕިއަންނުން ކަމަށްވަ، ބާސެލޯނާ އާއި ޔުވެންޓަސް، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ކުޅޭ ދެ ވަނަ ލެގް މެޗެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗުގައި އެޓީމުން ވަނީ ބާސާގެ މައްޗަށް 3-0 މޮޅުވެ ބާސާ ހިތްދަތި ކޮށްލާފަ އެވެ.

އެ މެޗަށް ނިކުތުމުގެ ކުރިން ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ބުނެފައި ވަނީ، ބާސާގެ ޑިފެންސް ބަލިކަށި ކަމަށެވެ. އޭނާ ބުނީ ތެދެކެވެ. ބާސާގެ ޑިފެންސްގެ ފަހަތުން، ޔުވެންޓަސްގެ ފޯވަޑުންނަށް ކުޅެން ލިބުނީ ބާސެލޯނާ ޑިފެންސަށް ކުރިމަތިވި މައްސަލަތަކުން ފަހަތުން ޖަގަ ލިބި ތަނަވަސް ކުރެވުނު ފުރުސަތުތަކުގެ ސަބަބުން ނެވެ.

އޭގެ ފަހުން ބާސާ ވަނީ ސްޕެނިޝް ލީގްގައި ރެއާލް ސޮސިއެދާދު އަތުން 3-2 މޮޅުވެ، އެއް ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑްގެ ފަހަތުން ވިއްދާފަ އެވެ. އެ މެޗަށްފަހު ބާސާގެ ކޯޗް ލުއިސް އެންރިކޭ ބުނީ، އެ މެޗުން ލިބުނު މޮޅުން ކުޅުންތެރިންގެ މެދުގައި ޕޮސެޓިވް ރޫހެއް އުފެދިފައިވާ ކަމަށެވެ. ނަމަވެސް ސުވާލަކީ ބާސާއަށް މިފަހަރު ކަމްބެކެއް ހެދޭނެ ހެއްޔެވެ.

ބާސާގެ ޑިފެންސަށް ކުރިމަތި ވެފައިވާ މައްސަލަ އަދިވެސް ހައްލެއް ނެތެވެ. ސެންޓްރަލް ޑިފެންޑާ ޖެރާޑް ޕީކޭ ބުނެފައި ވަނީ، ބާސާގެ ޑިފެންސަށް އަދިވެސް ހަމަ ޖެހުމެއް ނެތް ކަމަށެވެ.

"ތިނެއް ނުވަތަ ހަތަރު ޑިފެންޑަރުންނާ އެކުވެސް އަހަރެމެންގެ ޑިފެންސަށް ސޮލިޑެއް ނުލިބޭ، ކޮންފިޑެންސަށް ބަލައިފިނަމަ އަހަރުމެން އަދިވެސް ހަމަޔަކަށް ނޭޅޭ، ޑިފެންސް ވަރުގަދަ ވެއްޖެއްޔާ ހުރިހާ ކަމެއްވެސް ތާފަތު ވާނެ،" ޕީކޭ ބުންޏެވެ.

ޔުވެންޓަސް މެޗަށް ފަހު ބާސާއަށް އޮތީ، އަންނަ އާދިއްތަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗެވެ. ޕީކޭ ގަބޫލު ކުރާ ގޮތުގައި ޑިފެންސިވް މައްސަލަތައް ހައްލު ނުކޮށްފިނަމަ، ކޮންމެވެސް އެއް މެޗެއްގައި ބާސާއަށް އެކަމުގެ ގެއްލުން ކުރިމަތި ވާނެ އެވެ. އެހެންވެ ޔުވެންޓަސް މެޗުގައި ނަތީޖާ އަނބުރާ ލެވޭނީ ވަރަށް ގިނަ މަސައްކަތްކޮށްގެން ކަމަށް އޭނާ ބުންޏެވެ.

ބާސާގެ ފޯވަޑް ނޭމާ ގަބޫލު ކުރާ ގޮތުގައި، ޔުވެންޓަސްއާ ދެކޮޅަށް ބާސާއަށް ނަތީޖާ އަނބުރާ ލެވޭނެ އެވެ. އޭނާ ބުނީ އެކަމަށް ބޭނުން ވަނީ ވިސްނުން ބަދަލު ކުރުން ކަމަށެވެ. އަދި ޕޮސެޓިވް ވިސްނުމަކުން ވިސްނައި ނަތީޖާ އަނބުރާ ލެވޭނެކަމަށް މުޅި ބާސެލޯނާ ގަބޫލު ކޮށްފިނަމަ، އެކަށް އެޓީމަށް ކުރެވޭނެ ކަމަށް ނޭމާ ދެކެ އެވެ.

ނަމަވެސް، އޮތް ސުވާލަކީ، ބާސާގެ ދިފާއީ ލައިނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލު ކުރާނެ ގޮތަކީ ކޮބައި ހެއްޔެވެ. އަވޭގޭމް ގައި 3-0 ބަލިވެފައި ވުމުން، ބާސާއިން ބޮޑަށް ސަމާލުކަން ދޭން ޖެހިފައި ވަނީ އެޓޭކް ވަރުގަދަ ކުރުމަށެވެ. އެހެން ވެއްޖެނަމަ ޑިފެންސަށް އަސަރު ކުރާނެ އެވެ.

ނަތީޖާ ބަދަލު ކުރަން ކޯޗް އެންރީކޭ، ބާސާގެ ލައިންއަޕް އަތުރާލާނެ ކަމަށް ބެލެވެނީ 3-4-3 ގެ ފޯމޭޝަނަށެވެ. އެނޫން ފޯމޭޝަނަކަށް ޓީމު އަތުރާލައިފިނަމަ ގިނަ ލަނޑު ޖަހުމުގެ ފުރުސަތު ހަނިވާނެ އެވެ. ދެން އޮތީ ޕީއެސްޖީއާ ދެކޮޅަށްވެސް އެޓީމުން އެކަން ކޮށްފައި ވާތީ މިފަހަރުވެސް އެކަން ކުރާނެކަމަށް ގަބޫލު ކޮށްގެން ތިބުމެވެ. އެކަން ކުރެވޭނީ ޓީމު ކުޅުމުގެ ތެރެއިން ލަނޑު ޖެހުމުގެ އިތުރަށް، ޕެނަލްޓީ އާއި ހިލޭ ޖެހުންތަކުންވެސް ލަނޑު ކާމިޔާބު ކޮށްގެންނެވެ. ޕީއެސްޖީ މެޗުގައިވެސް ނަތީޖާ އަނބުރާ ލެވުނީ އެހެނެންނެވެ.

ޕީއެސްޖީގެ މެޗުގައި ބާސާ ގެންގުޅުނު ޓެކްޓިކްސް ޔުވެންޓަސްގެ ކޯޗް އެލެގްރީ ވަރަށް ރަނގަޅަށް މުތޯލިއާ ކުރާނެ ކަމަށް ބެލެވެ އެވެ. އެހެންވެ ލުއިސް ސުއަރޭޒް ޕެނަލްޓީ އޭރިއާ ތެރެއަށް ޑައިވް ކުރުމުގެ ފުރުސަތު ނުދީ ވާނެ ގޮތަކަށް، ޔުވެންޓަސް މަސައްކަތް ކުރާނެ އެވެ. އަނެއް ކޮޅުން، ޔުވެންޓަސް އަކީ ދިފާއީ ގޭމުގައި މުޅި ޔޫރަޕްގައި ވެސް ވަރުގަދަ ނަމަކެވެ.