ހަބަރު

ހުޅުމާލޭގައި ފްލެޓް އަޅަން ހަތަރު ކުންފުންޏަކާ ހަވާލުކޮށްފި

މެދުފަންތީގެ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ފްލެޓްތައް އެޅުމަށް ހަތަރު ކުންފުންޏަކަށް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މީގެކުރިން ވަނީ ބިން ދޫކުރި ހަތް ފަރާތް އިއުލާނު ކޮށްފަ އެވެ. އެ ކުންފުނިތަކަކީ މަލާ ހައި ރައިޒިން ކޮންސްޓްރަކްޝަނާއި އިނޮކާ ޕްރައިވެޓް ލިމިޓެޑާއި އެސޯސިއޭޓް ބިޒްނަސް އެޖެންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ކީ ސްޓޯން އިންޓަނޭޝަނަލް ގްލަޓް އިންވެސްޓްމަންޓް އާއި ޖަވާހިރު އިލެވަން އަދި ގެލޮން ޕްރައިވެޓް ލިމިޓެޑް އެވެ.

މިއަދު އެއްބަސްވުމުގައި ސޮއިކުރައްވާފައިވާ އިނޮކާ ޕްރައިވެޓް ލިމިޓެޑާއި އެސޯސިއޭޓް ބިޒްނަސް އެޖެންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޖަވާހިރު އިލެވަންއާއެކު އެވެ. އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

އެޗްޑީސީއިން ބުނީ، ބާކީ ތިން ކުންފުންޏާއެކު ވެސް ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

ހުޅުމާލޭގައި މެދުފަންތީގެ ފްލެޓްތައް އަޅަން ހުޅުވާލާފައިވާ ބިން ތަކަކީ ގާތްގަނޑަކަށް 2500 އަކަފޫޓްގެ ހަތް ބިމެކެވެ. މި ބިންތައް އެކުންފުންޏަށް ދޫކުރަން ނިންމާފައިވަނީ އަކަފޫޓެއް 1،200 ރުފިޔާ އަށް ކަމަށް އެޗްޑީސީން މީގެކުރިން ބުނެފައިވެ އެވެ. މި ފައިސާ ބިމުގެ ޑީޓެއިލް ޑްރޯވިން ފާސްކުރާތާ ދެ އަހަރުގެ ތެރޭގައި އެޗްޑީސީ އަށް ދައްކަން ޖެހެ އެވެ.

މި ބިން ތަރައްގީކޮށް ވިއްކުމުގެ ހުރިހާ ހަރަދެއް ކުރަންވާނީ ބީލަން ކާމިޔާބު ކޮށްފައިވާ ކުންފުނިންނެވެ. ބިމުގައި އަށް ބުރިއަށް އިމާރާތް ކުރެވޭނެ އެވެ.