ހަބަރު

ސްވައިން ފްލޫގެ މައްޗަށް ހޯދުނު ކާމިޔާބީ އޭޑީކޭއިން ފާހަގަކޮށްފި

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރުނު އެޗް1އެން1 ނޫނީ ސްވައިން ފްލޫ ވައިރަސް ކޮންޓްރޯލްކޮށް އާންމު ހާލަތަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެނެވުނު ގެނެވުން އެކަމުގައި ބޮޑު ހިއްސާއެއް އަދާކުރި އޭޑީކޭ ހޮސްޕިޓަލުން މިރޭ ފާހަގަކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިރޭ މި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފުލާގައި އޭޑީކޭ ފްލޫ ކްލިނިކްގައި މަސައްކަތްކުރި ޑޮކްޓަރުންނާއި އެހެން ވެސް މުވައްޒަފުންނަށް ވަނީ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް ދީފަ އެވެ. އަދި އޭޑީކޭއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ވެސް އަގު ވަޒަންކުރި އެވެ. މި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ހަފުލާގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، އެޗް1އެން1އާ ދެކޮޅަށް ކުރި މަސައްކަތްތަކީ ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ. އޭޑީކޭގެ މުވައްޒަފުން ވަނީ އެއްވެސް ވަރުބަލި ކަމެއް ނެތި، ބަލިވެގެން އައި ކޮންމެ މީހަކަށް ވެސް އޯގާތެރިކަމާއެކު ހިދުމަތްދީ ހިނިތުންވުމަކާއެކު ގެއަށް ފޮނުވައިދީފަ ކަމަށް އައްފާލް ވިދާޅުވި އެވެ. މިރޭ ފާހަގަކުރާ އެންމެ މުހިންމު ކަމަކީ އެއީ ކަމަށެވެ.

"އަޅުގަނޑުމެން އުފާކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެންނާއި އަދިވެސް ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތް ދޭ އެހެން ތަންތަނުން ކުރި މަސައްކަތުން އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެން މިތީ މި ފެތުރުނު ރޯގާ އާންމު ހާލަތަށް ގެނެސް، މި ހާލަތުގަ ބާއްވަން މަސައްކަތް ކުރަން ޖެހޭ ހިސާބުގަ،" އައްފާލް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ، ރޯގާއާ ގުޅިގެން އޭޑީކޭއިން ހިންގި ކަންކަމަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރި ކަމެއް ކަމަށެވެ. ފްލޫ ކްލިނިކުން ހިލޭ ހިދުމަތްދިންއިރު އެއީ ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާގެ ހިދުމަތްތައް ކަމަށް ވެސް ވިދާޅުވި އެވެ.

އޭޑީކޭއިން ވަނީ ނުވަ ދުވަސް ވަންދެން ފްލޫ ކްލިނިކް ހިންގައި، 1،659 މީހުންނަށް ހިދުމަތްދީފަ އެވެ. ހަތަރު ދުވަހު މޯބައިލް ފްލޫ ކްލިނިކް ވެސް ހިންގި އެވެ. މީގެއިތުރުން މާޗް މަހުގެ 15 ދުވަހުން ފެށިގެން އިންފްލްއެންޒާ ވެކްސިން ވެސް އެ ހޮސްޕިޓަލުން އަންނަނީ ޖަހައިދެމުންނެވެ. މިހާތަނަށް 10،383 މީހަކަށް ވެކްސިން ޖަހައިފައިވެ އެވެ.

އޭޑީކޭ ހޮސްޕިޓަލަށް ދެއްކި މީހުންގެ ތެރެއިން 65 މީހެއް އިންފްލްއެންޒާއަށް ޓެސްޓްކޮށްފައިވެ އެވެ. އެޗް1އެން1 އަށް ޕޮޒިޓިވްވެފައިވަނީ އޭގެ ތެރެއިން 28 މީހެކެވެ. އޭޑީކޭ ހޮސްޕިޓަލްގައި އެ ބަލީގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ، މިފަދަ ހާލަތެއްގައި ރަނގަޅު ފިޔަވަޅު އެޅުމުން ހާމަވެގެން ދަނީ ސިއްހީ ދާއިރާގައި ރަނގަޅު އެމެޖެންސީ ޓާސްކް ފޯހެއް އެބަ އޮތް ކަމާއި މިފަދަ ހާލަތެއްގައި ޕެނިކް ނުވެ ޕްރައިވެޓް ސެކްޓާއާއެކު މަސައްކަތް ކުރިއަށް ގެންދެވޭ ހިސާބަށް ސިއްހީ ދާއިރާ އައިސްފައިވާކަން ކަމަށެވެ.