ހަބަރު

ތަހުގީގަށް ރައުދާގެ ހަށިގަނޑު ކޮނެގެން ނަގަނީ

ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ ހަށިގަނޑު ކަށްވަޅުން ނަގައި، އަލުން އޮޓޮޕްސީ ހެދުމުގެ ހުއްދައަކަށް ކޯޓުގައި އެދުމަށް އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ބަންގްލަދޭޝްގެ ފުލުުހުންގެ ސީއައިޑީ ޑިޕާޓްމަންޓުން ނިންމައިފި އެވެ.

ރައުދާގެ ހަށިގަނޑު ވަޅުލާފައިވަނީ ބަންގްލަދޭޝްގެ ރާޖްޝަހީ ހަތިމް ހާން ގަބުރުސްތާނުގައެވެ. ރައުދާ ވަޅުލީ އޮޓޮޕްސީ ހެދުމަށްފަހު އެވެ. ނަމަވެސް އާއިލާއިން އެ ރިޕޯޓު ގަބޫލެއް ނުކުރެ އެވެ. އެހެންކަމުން ސީއައިޑީ ބޭނުން ވަނީ އަލުން އާ އޮޓޮޕްސީއެއް ހެދުމަށެވެ.

އެކަމާ ގުޅޭ ޕެޓިޝަން އަދި ކޯޓަށް ހުށަހަޅާފައިނުވި ނަމަވެސް ސީއައިޑީގެ ސުޕަރިންޓެންޑެންޓް ނަޒްމުލް ކަރީމް ހާން ވަނީ ބަންގްލަދޭޝްގެ ބައެއް ނޫސްތަކަށް އެ މަސައްކަތް ކުރަމުންދާކަން ޔަގީންކޮށްދީފަ އެވެ.

އޭނާ ވިދާޅުވެފައިވަނީ، ރައުދާގެ އޮޓޮޕްސީ ރިޕޯޓުން އޭނާ މަރުވީ އަމިއްލައަށް ކަމަށް ހާމަވި ނަމަވެސް އޭނާގެ ބައްޕަ އެކަން ގަބޫލު ނުކުރާ ކަމަށެވެ. އެހެންކަމުން އަލުން އޮޓޮޕްސީ ރިޕޯޓެއް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. މައްސަލާގެ ތަހުގީގުގައި އެއްވެސް އުނި ކަމެއް ބާއްވަން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްގައި ރައުދާ މަރުވެފައިވާއިރު އާއިލާއިން ދަނީ ރައުދާ ގަސްދުގައި މަރާލީ ކަމަށް ތުހުމަތުކުރަމުންނެވެ. އެކަމުގެ އެންމެ ބޮޑު ތުހުމަތެއް އާއިލާއިން ކުރަނީ އޭނާގެ އެކުވެރިޔާ ސީރަތު ޕަރްވީން މުހައްމަދަށެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް އެ ގައުމަށް ދިޔަ ދިވެހި ފުލުހުންގެ ޓީމުން ބުނެފައިވަނީ ރައުދާގެ މަރުގައި އެއްވެސް އަދާޔާ ހިލާފު ކަމެއް ފާހަގަނުވާ ކަމަށެވެ. އަލާމަތްތައް ހުރީ އަމިއްލައަށް މަރުވުމާ ދިމާލަށް ކަމަށެވެ. ސީރަތަށް ތުހުމަތުކުރެވޭ ވަރުގެ ހެއްކެއް ވެސް ނެތް ކަމަށް ދިވެހި ފުލުހުން ވަނީ ބުނެފަ އެވެ.