ވާހަކަ

މުޅިޖާންހިތާ

(16 އޭޕްރީލް 2017 އާ ގުޅޭ) -- އެނދުގައި ދެފައިވަށްކޮށްލައިގެން އައިރާ އިނީ ފެނުނު ހުވަފެނާމެދު ވިސްނާށެވެ. އޭނާއަށް ހީވީ ގެއަށް އައި ގޮތް ނޭނގެ ޒުވާނާއާ ހެދި ފެނުނު ނުބައި ހުވަފެނެއްކަމުގައެވެ. ޔަގީނުން ވެސް އެއީ ރަނގަޅު ހުވަފެނެއްނޫނެވެ. އެ ހުވަފެނުގެ ވާހަކަ އެކަކު ކައިރީ ވެސް ނުދައްކަން އައިރާ ނިންމީ އެހެންވެއެވެ. ނަމަވެސް ނިޔާނާ މެދު އައިރާގެ ހިތުގައި ބިރުވެރިކަން އުފެދިފައި ވެއެވެ.

ކޯތާފަތުގައިވި ކަރުނައިގެ އަސަރު ދެއަތުން ފުހެލުމާއެކު ގަޑިން ވީއިރެއް ބަލާލަން އައިރާ އޭނާގެ ފޯނު ނެގިއެވެ. ހަތަރެއް ޖަހަން ހުރީ ފަނަރަ ވަރަކަށް މިނެޓެވެ. ހަމައެވަގުތު ނިޔާނުގެ އަޑު އަހާލަން އައިރާ ކެތްމަދުވެފައި ވިއެވެ. ނަފްސުގެ ހަމަޖެހުން ގެއްލިފައިވާއިރު ނިޔާނު ނޫން ފަރާތަކަށް މިވަގުތު އައިރާއަށް ހަމަޖެހުން ގެނެސް ނުދެވޭނެތީއެވެ. އެހެންނަމަވެސް އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އިނުން ނޫންކަމެއް އައިރާއަށް ނުވިއެވެ. ނިޔާނު އޮންނާނީ ނިދާފައިކަން އެނގޭއިރު އޭނާއަށް ގުޅާ ހޭލެއްވި ނަމަވެސް ބުނާނީ ކީކޭކަމެއް އައިރާއަކަށް ނޭނގެއެވެ. އެވަގުތު ގުޅީ ހަމައެކަނި ނިޔާނުގެ އަޑުއަހާލަން ކަމުގައި ބުނެފިނަމަ އެވަރުން އޭނާ އައިރާގެ ވާހަކަ ޤަބޫލެއް ނުކުރާނެކަން އެނގެއެވެ. އަދި އިތުރަށް އައިރާއާ ސުވާލުކުރާނެއެވެ. އެހެންވެއްޖެނަމަ ފެނުނު ނުބައި ހުވަފެނުގެ ވާހަކަ ނިޔާނުގެ ގާތުގައި ނުބުނެއެއް ނުހުރެވޭނެއެވެ. ހާސްކަމުގައި އިނދެ ހަށިފުރާލީ ނޭވާއާއެކު އައިރާ ދެ ލޯ މަރާ ބާރުކޮށްލިއެވެ. އަދި ދެއަތުގެ ތެރޭ އޮތް ފޯނުގައި ބާރަށް ހިފަހައްޓާލިއެވެ.

"އަހަރުމެންގެ ދެމެދަށް މީހަކު ވަންނަނީތަ؟ އަހަރެން ނިޔާނާ ދުރަކަށް ނުދާނަން... ދުވަހަކުވެސް ނުދާނަން. ނިޔާނު އަހަރެން ދޫކޮށެއްނުލާނެ... އަހަރެން ނިޔާނަށް އިތުބާރުކުރަން... އޭނާ ވެސް އަހަންނަށް އިތުބާރުކުރޭ... ދެން ކީއްވެ ފެނުނު ހުވަފެނެއް އެއީ؟ މަންމަ ނުރުހޭތީ ކަންނޭނގެ... ނޫން! އަހަރެން ނިޔާނާ އިނދެގެން މިގެއަށް އައި ފުރަތަމަ ދުވަހުން ފެށިގެން ވެސް މަންމަ ހިތްހަމަނުޖެހޭކަން އެނގޭ. އެކަން މަންމަ ސިއްރެއްނުކުރޭ... މިރެއަކު ނޫން އެ ފަދަ ހުވަފެނެއް ފެންނަންވީ. މަންމަ ނިޔާނު ދެކެ ވަރަށް ލޯބިވޭ. ނިޔާނަށް ދެރައެއް ލިބޭކަށް ނޭދޭނެ. އެކަމަކު އަހަރެން ބިރުގަނޭ. ނިޔާނު ހުރީ ވެސް މާދުރުގައި... އަހަންނަށް ކަމެއްކޮށްދެވޭނޭ ހިސާބަކު ވެސް ނޫން... ނިޔާނާ ވަކިވާން ޖެހިދާނެތަ؟" ވިސްނަން ބޭނުންނުވި ނަމަވެސް އައިރާއަށް ފެނުނު ހުވަފެނުގެ މަންޒަރުތައް ސިކުނޑީގައި ކުލަވެ ދައުރުވަމުންދިޔައެވެ. ހިތަށް އުނދަގޫވެފައި އިން އައިރާ މަޑުމަޑުން ނިތްކުރީގައި ފިރުމާލިއެވެ. އޭނާގެ ބޮލުގައި މަޑު ރިހުމެއް ހުރީއެވެ. އަދި އެނދުން ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގާލިއެވެ. ކޮޓަރީގައި ހުރި ފަނޑު އަލިކަން ނިވާލާ ހުދުއަލިން މުޅި ކޮޓަރި އަލިކޮށްލިއެވެ. ދެއަތް އުރާލައިގެން އިރުކޮޅަކު ހުއްޓި ހުރެފައި ނިތްކުރީގައި ކަނާތް ހިންގާލަމުން ދެ ލޯ މަރާލިއެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލާފައި ފާޚާނާއަށް ވަނުމަށް އައިރާ ތައްޔާރުވެލިއެވެ. ފެންވަރާލަނިކޮށް ބޮލަށް ފިނިކަން އިހުސާސްވެ ރިހުން ކެނޑި މީހާ ހަމައަކަށް އެޅިދާނޭ އައިރާ ހީކުރިއެވެ.

ފެންވަރާ ނިމިގެން އައިސް މޫނު ދޮންނަ ތަށީގެ މަތީގައި ހަރުކޮށްފައި ހުރި ލޯގަނޑަށް އައިރާ ބަލާލިއެވެ. ފުސްވެފައި ހުރި ލޯގަނޑުން ފެންހަރުލާފައި ހުރި އައިރާގެ ކަނާތު އަތުން ފުހެލިއެވެ. މަޑު ރަތްކަމެއް ވެރިވެފައި ހުއްޓެއްކަމަކު މޫނު މަތިން ތާޒާކަން ފާޅުވޭވޭ ހުއްޓެވެ. ދަތްއުނގުޅާ ބުރުސްނަގާ ބޭސް ޖަހާލުމާއެކު އަނގަޔަށް ބުރުސްލިއެވެ. ދަތްއުނގުޅަން ފެށިތާ ގިނައިރެއްނުވެ އައިރާ މޭނުބައި ނުކުރަން ފެށިއެވެ. ދަތްއުނގުޅާ ބޭހުގެ ރަހަ އަނގައިގައި ލީ ސުރެން އައިރާ ހޮޑުލަވާ ގޮތްވެއްޖެއެވެ. އަވަސްއަވަސް ކޮށްލައިގެން ކޯދޮވެލަން އުޅުނު ވަގުތު އޯކަށް ދެމެން ފެށިއެވެ. ހޮޑުލެވޭގޮތްވިއެވެ. އެހެންނަމަވެސް ހޮޑެއްނުލެވުނެވެ. އެންމެންފަހުން ވުޟޫކޮށްލައިގެން އައިރާ ފާޚާނާއިން ނުކުތެވެ.

ފަތިސް ނަމާދުކޮށްގެން ފޭބުމުން ވެސް އައިރާގެ ޠަބީޢަތް ރަނގަޅުވާގޮތެއްނުވިއެވެ. ނެގިމަޑުވެފައި ހުރެ ހެނދުނުގެ ސައިތައްޔާރުކުރަން ނުކުތެވެ. އެއްވެސް ކަމެއް ކުރާހިތެއް އޭނާ ނެތެވެ. އަމިއްލަ ނަފްސަށް މަޖުބޫރުކުރުވަމުން ދިޔަ އައިރާ މަސައްކަތްތައް ނިންމާލުމަށްފަހު ސައިތަށްޓެއް ހަދައިގެން އައީ ކޮޓަރިއަށެވެ. ހަމައެވަގުތު ނިޔާނު އޭނާއަށް ގުޅައިފިއެވެ.

"ހެލޯ! ފޯނު ކޮޓަރީގައި ބާއްވާފައި ދޯ ތި އުޅެނީ" އައިރާ ފޯނުކޯލު ނެގުމާއެކު ނިޔާނު ބުންޏެވެ.

"ކިހިނެއް ނިޔާނަށް އެނގުނީ"

"ހަމަ ރަނގަޅަށް ދޯ ބުނެވުނީ... އަހަރެން ދެވަނަ ފަހަރަށް ގުޅިތަނާ އައިރާ އާންސާ ތިކުރީ"

"މި އައީ ސައި ތައްޔާރުކޮށްފައި" އެނދުގެ އަރިމަތީ ކަބަޑުގައި ސައިތަށި ބަހައްޓާލަމުން އައިރާ ބުންޏެވެ. އަދި އެނދުގައި އިށީނެވެ.

"އައިރާ ބަލީތަ؟ ރޭގައި ރަނގަޅަށް ނުނިދަނީތަ؟ އަޑު ތަފާތުހެން ހީވަނީ" އައިރާއަށް އައިސްފައި ހުރި ކުޑަކުޑަ ބަދަލު ވެސް ނިޔާނު ފޯނުން ދެނެގަތްލެއް އަވަސްކަމުން އައިރާ ހައިރާންވިއެވެ.

"އަނެއްހެން ބައްޔެއްނޫން... ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ... ވަރުބަލިވާހެން ހީވަނީ. ނިދާލަނިކޮށް އޯކޭ ވެދާނެ"

"ޔަގީންތަ؟ ބޭސްކައްޗޭ ބޮޑަށް ބޮލުގައި ރިއްސަންޏާ. ނޫނީ ޑޮކްޓަރަށް ދައްކަން ދާންވީނު... މަންމަ ހިޔެއްނުވޭ ދާނެހެން. އެކަމަކު ދައްތަ ކައިރީ ބުނެފިއްޔާ އަހަންނަށް ޔަގީން އައިރާއާއެކު ހޮސްޕިޓަލަށް ހިނގައިދާނެކަން... ބައްޕައަށް ގުޅަންތަ"

"ނިޔާނު! ނިޔާނު! ހަމަޖެހިބަލަ... މި ބުނީނު ބޮޑުވަރެއްނުވެޔޭ. ކުޑަކޮށް ނިދާލަނިކޮށް އޯކޭވާނެއޭ... މިއަދު ފަތިސް ނަމާދުކޮށްގެން ނުނިދާ ދުވަހަކީތަ؟" އައިރާގެ ވަރުބަލިކަން އެކުލެވިފައިވި އަޑުގެ ރާގު ބަދަލުކޮށްލިއެވެ. އެއާއެކު ނިޔާނު ވެސް ހީނލިއަޑު އިވިގެންދިޔައެވެ.

"މިކޮޅަށް ވަރަށް ބޯކޮށް ވާރޭ އެބަވެހޭ... އައިރާ މަތިން މިސްވާވަރުން ނުނިދުނު... މިވަގުތު... ހިތަށް އަރާ... އައިރާ އަހަންނާއެކު އައިނަމަ ކިހާ ރޮމޭންޓިކުވާނެ... އޭރުން ހަމަގައިމު ވެސް ފިނިވެގެން އެނދުގައި އޮތް ކަންނެޔޮލުގައި ބައްދާކަށް ނުޖެހުނީސް... އައިރާ... އަހަރެން ވަރަށް..."

"ހޫން! ދެން ނިޔާނު ވެސް..." ނިޔާނުގެ ލާނެތް ވާހަކަތަކުން އައިރާގެ ގެއްލިފައިވާ ހަމަޖެހުން އެނބުރި އަތުވެއްޖެއެވެ. ލޯބިވާ ފިރިމީހާ ކުރާ ސަމާސާތަކުގައި ހީނލާހީނލާ އައިރާ އިނެވެ. އެ ފޯނުކޯލު އެ ދެމަފިރިންގެ ދެމެދުގައިވި ދިގު ރާސްތާ ކުރުކޮށްލަ ދިން ކަހަލައެވެ. އެކަކުގެ އަނެކަކުގެ ބީހުމަކަނުލާ އެ ދެމެދުގައި އޮތް ފުރިހަމަ ލޯބި ދެ ހިތަށް އިހުސާސް ކުރެވެމުންދިޔައެވެ.

* * * *

ހީނހީނ ގޮސް ސަލްމާއާއި ހިދާ ބޯން ތިބި އޮރެންޖު ޖޫސްތަށި އެއްފަރާތްކޮށްލީ ކޮށި އަރާފާނެތީއެވެ. ރުބީނާ ވެސް ފާޑަކަށް ހިނިއައިސްފައި އިނެވެ.

"ތިހެންވީރު ކައިވެނި އިއުލާން ކުރުން އޮތީ ކޮންއިރަކުން... އަހަރުމެންނަށް ކާން ވެސް ދޭންޖެހޭނެ އިނގޭ" ހިދާ ބުންޏެވެ.

"ހީވަނީ ދަރިފުޅު ގާތަށް ގޮސް އެނބުރި އައިސް ލަހެއްނުވެ ޕްރޮޕޯސް ކުރާނެހެން... ކެއުން އޮންނާނީ އޭގެ ފަހުގައެއްނު. ދޯ ސަލް" ހިނިތުންވެލައިގެން އިނދެ ރުބީނާ ބުންޏެވެ.

"އާން! އާން! ޤައިސް، އިންނަން ނާހަނީސް މިކަން އަދި ވީކަމުގައި ބަލައިގެން ނުވާނެ"

"ބޮޑުވެފައި ހުރި ފިރިހެންދަރިއަކު ވެސް ލިބެނީ ދޯ" ހިދާ ދިމާކޮށްލުމުގެ ރާގެއްގައި ބުންޏެވެ.

"ނަސީބެއް ފިރިހެން ކުއްޖެއްކަން... އެވެސް ބޮޑުވެފައި ހުރި... އަހަރެންގެ ނިޔާނަށް ވުރެ ވެސް ދޮށި... ޤައިސްއަކީ ވެސް މަޑުމައިތިރި މީހެއް. އޭނާ ބުނާގޮތުން އެ ދަރިއަކީ ވެސް އެކަހަލަ ކުއްޖެއް... އަހަންނަށް އެކަމުން ބިރުވެރިކަމެއްނެތް... އަހަރެން ބޭނުންވާ މިނިވަންކަން އަހަންނަށް ލިބެންޏާ އެ ނިމުނީ"

"ވަޖީހު ގާތުގައި ވެސް ޤައިސް ދައްކާ ވާހަކައެއް އެއީ އޭނާގެ ދަރިފުޅު މާލެ ގެންނަން ބޭނުންވާ ވާހަކަ... މިހާރު ދެން ބަހަނާއެއް ވެސް ލިބުނީތާ. ބުނަން! ދޮންދަރިއަށް ނިކަން ހެޔޮ މަންމައަކަށްވާތި. އޭރުން ޤައިސްގެ ރުހުން ސަތޭކަ ޕަސަންޓު ރޫބީއަށް ލިބޭނެ" ސަލްމާ މިހެން ބުނެ ރުބީނާގެ ކޮނޑުގައި ޖަހާލިއެވެ.

"ތި ވާހަކައެއް ނޫނޭ. ކުރީން ދުވަހު އަޒުމީ ގެއަށް ގެންގޮސްފައި ޚަބަރެއް ވެސް ފަހުން ނުވި. އަޒުމީ އެހި އެއީ ކޮންކުއްޖެއް ހޯ... ރޫބީގެ ޅީދަރިފުޅު އޭނާއަށް ނިކަން ކަމުގޮސްފި އިނގޭ. އަހަރުމެން ބޭނުން ކަންތައް އެވީނު... ދެން ކޮންއިރަކުން އެކަން ކުރިއަށް ގެންދަނީ"

"އޭނާ ކުއްލިއަކަށް ނިކަން ފާޑަކަށް އުޅެންފަށައިފި... ނިޔާނު ގާތުގައި އެ ވާހަކަ ބުނެދާނެތީ އަހަރެން ފަސްޖެހުނީ. އޭރުން ނިޔާނު ކަމެއްނޫން ވަގުތުން މާލެ އަންނާކަށް"

"ރޫބީ ބިރުވެސް ގަނޭ... އަނެއްކޮޅުން އެ އަންހެންކުއްޖާގެ ކިބައިން ސަލާމަތްވާން ވެސް ބޭނުންވޭ. ކޮންމެވެސް އެއްގޮތެއް ނިންމަން މަށަށް ފެންނަނީ. ނިޔާނު އެ އަންހެންކުއްޖާއާއެކު އުޅެނީ ހަމަޖެހިގެން. ރޫބީއަށް ގޯހެއް ވެސް ނޫނެއްނު. އެ އަންހެންކުއްޖާ އުޅޭ ގޮތުން އެނގޭ ރޫބީގެ ރުހުން ލިބެން އޭނާ ވަރަށް އެދޭކަން. އަބަދަށް ނިޔާނު ގެއްލޭވަރުކަމެއް ރޫބީއަށް ނުކުރެވެނީސް ހުއްޓާލަންވީނު... އަނެއްކާ ތި އުޅެނީ ޤައިސްއާ އިންނަންވެގެން. އޭރުން ރޫބީ އުޅޭނީ ޤައިސްއާއެކު އެ ގޭގައެއްނު. އެ އަންހެންކުއްޖާގެ އެއްވެސް އުނދަގުލެއް ނުޖެހޭނެ. ރޫބީއާއި ނިޔާނާ ދެމެދުގައި އޮންނަ ގުޅުން ވެސް ރަނގަޅުވާނެހެން އަހަންނަށް ހީވަނީ. ނިޔާނު ދުށުމަށް ރޫބީ ބޭނުންވުމުން އޭނާއަށް ގުޅާލަން ޖެހޭނީ. އަހަންނަށް ޔަގީން ނައިސް ހުންނާކަށް ނުކެރޭނެކަން. އޭނާގެ އަންހެނުންނާ ނުލާ ނިޔާނާ ބައްދަލު ވެސް ކުރެވުނީ އޭރުން" ކުރިއަށް ރައްކާތެރިވުމަށް ސަމާލުކަން ދޭ ސަލްމާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

"ނޫނީ އެބައޮތް އެހެން ގޮތެއް" ރުބީނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ހިދާ ބުންޏެވެ.

"އެއީ ކޮންގޮތެއް؟" ސަލްމާއާއި ރުބީނާއާ ދެ މީހުންނަށް އެއްފަހަރާ އަހާލެވުނެވެ.

"އަޒުމީއަކީ މާ ރަނގަޅު ކުއްޖެއްނޫން. އޭނާއަކީ އަރާމު ދިރިއުޅުމެއް ހޯދަން ބޭނުންވެފައި ހުރި ޒުވާނެއް. އެކަމަކު އަތުގައި ރީތި އެއްޗެއް ޖެހިއްޖެނަމަ އޭގެ އަޖުމަ ބަލާނުލާ ނުހުންނާނެ. މަށަށް ފެންނަނީ ތަނަކަށް ދާން އެންމެން އެކުގައި. އެތަނުގައި އަޒުމީއާއި އެ އަންހެންކުއްޖާ ކުރާކަމެއް ކޮށްފާނެ. އޭރުން ރޫބީ އަތުގައި ހެކި ވެސް އޮންނާނެ. ރޫބީގެ އަޑު ވެސް ނިޔާނު އަހަން މަޖުބޫރުވާނެ. އެއްފަހަރުން އެކަން ނިންމާލެވޭނެ. ދަރިއަކު ވެސް ނެތް. ދުރުކޮށްލަން ފަސޭހަ ވެސް ވާނެ" ހިދާގެ ސިކުނޑިއަށް އައި މޮޅު ޚިޔާލު އޭނާ ކިޔައިދިނީ ޔަގީންކަމާއެކުއެވެ.

"އެވަރުގެ ކަމެއްކުރަން ކޮންތާކަށް ދާނީ" ސަލްމާ އެހިއެވެ.

"ޝަހުބާންމެން ގޭ ކުދީން ދޭތެރެއަކުން ދަތުރުދާނެ ފަޅު ރަށަކަށް. މިހިސާބާ މާދުރެއް ނޫން. އެ ރަށަށް ދާނީ. ކިހިނެއްވާނީ އެގޮތް" ނުބައި ގޮތަކަށް ހިދާ ހިނިތުންވެލިއެވެ.

"ރޫބީ! އަހަރެން މި ދެއްކި ވާހަކައާ މެދު ވިސްނާފައި އިނގޭ ގޮތެއް ނިންމާނީ" ސަލްމާގެ ހިތްބިރުގަންނަނީއެވެ. ނިޔާނަށް ކަންތައްތައް އެނގިއްޖެއްޔާ ވެދާނެ ގޮތަކާމެދު ރުބީނާ ނުވިސްނާ ވަރަށް ސަލްމާ ވިސްނާ ކަހަލައެވެ.

"ކުރަން އަހަންނަށް ފެންނަނީ. އެއްފަހަރުން އަހަރުމެންގެ ދިރިއުޅުމުން އެ އަންހެނާ ބޭރުކޮށްލެވެންޏާ ބޭރުކޮށްލަންވީ. ނުކެރިގެން މަޑުކުރަންޏާ ޖެހޭނީ ހަމަ މަޑުކުރާހާ. ހިދާ! މީ ރަނގަޅު ދުވަސްކޮޅެއް. ޤައިސް ވެސް އެ އުޅެނީ ފުރަން. އޭނާ ފުރާ ދުވަހެއް މިއަދު އޮޅުން ފިލުވާނަން. ހިދާ ތިބުނާ ރަށަކަށް ދަތުރު ހަމަޖައްސާ. އަހަރެން ބޭނުމެއްނޫން ޤައިސްއަށް އެނގޭކަށް"

"އޯކޭ ޑަން... މިއަދު ހަމަ ތިކަމާ އުޅޭނަން" ހިދާގެ ޚިޔާލު ރުބީނާ ޤަބޫލުކުރީތީ އޭނާ އިނީ ނިކަން ބޮޑަށް ހިނިތުންވެލައިގެންނެވެ.

* * * *

ރުބީނާގެ ސިއްރު ރޭވުން ކުރިއަށް ގެންދިޔައިރު އައިރާގެ ޠަބީޢަތް ރަނގަޅު ނޫންކަން އޭނާއަށް ފާހަގައެއް ނުވެއެވެ. ކޮޓަރިން ނުކުމެ އުޅޭލެއް މަދުކަމާއި އައިރާގެ މޫނުމަތިން ފާޅުވާ ވަރުދެރަކަމުގެ އަސަރުތައް ދުށުމަށް އެ ގޭތެރޭގައި އެއްވެސް ލޮލެއް ނުވެއެވެ. ދުވަހަކަށްވުރެ ދުވަހެއް ވަރުދެރަވާތީ އައިރާއަށް ވެސް އަމިއްލަ ހާލާ މެދު ވިސްނަން މަޖުބޫރިވިއެވެ. ކޮންމެ ދުވަހަކު ހެނދުނު މޭނުބައި ކުރުމާއި ކިރިޔާ ވަހެއް ދުވާއިރަށް ވެސް އުނދަގޫވާކަމުގެ އިތުރުން އަންހެނަކަށް ވީތީ ކޮންމެ މަހަކު ހަށިގަނޑުން ފާޅުވާ ކަންތައްތައް މެދުކެނޑިފައިވާކަން ވެސް ފާހަގަކުރެވުނެވެ. އެއާއެކު ފުރަތަމަ ވެސް އައިރާއަށް ހިނިތުންވެލެވުނެވެ. އެއްވެސް މީހެއް ގާތުގައި ބުނުމެއްނެތި ބަނޑުބޮޑުތޯ ބެލުމަށް ގޭގައި ބޭނުންކުރެވޭނެ ޓެސްޓުކިޓެއް ހޯދިއެވެ. ނަތީޖާ ހޯދުމަށް ޓަކައި ފާޚާނާއަށް އަވަހަށް ވަނެވެ. ގިނައިރެއްނުވެ އައިރާއަށް ހަޅޭލަވައިގަނެވިއްޖެއެވެ. އެހާ އަވަހަށް އަނގަމަތީ ކަނާތު އަތް ޖައްސާބާރުކޮށްލިއެވެ. އޭރު އެ މޫނުމަތިގައިވަނީ އުފާވެރިކަމެވެ. ޔަގީން ކުރުމަށް ދެވަނަ ޓެސްޓުކިޓު ވެސް ބަލާލިއެވެ. ދެ އެތިން ފެންނަން އޮތީ އެއް ނަތީޖާއެކެވެ.

"އަލްޙަމްދުލިއްﷲ! ނިޔާނަށް ގުޅަންވީ... ނޫން. ނުބުނާނަން. ސަޕްރައިޒްކޮށްލާނީ... ވަރަށް އުފާވާނެ... އުފަލުން ނޭނގެ ކުރާނެކަމެއް ވެސް. ހަފްތާއެއް ފަހުން މާލެ އަންނާނެ.. އޯ ގޯޑް... އަހަރެން ބަލީކީ ނޫން... ބަލިވެ އިނީ" ފާޚާނާ ތެރޭ ހުރެ މޮޔައަކު ފަދައިން އައިރާ ހުނުނެވެ. މީހަކަށް އަޑުއިވިދާނޭތީ އަނގަމަތީ އަތް އަޅައިގެން ހުރެއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަތުގައި އޮތް ދެ ޓެސްޓު ސްޓިކުކޮޅު މޫނު ދޮންނަ ތަށީގައި ބާއްވާލުމާއެކު ފޯނު ހިފައިގެން އައިސް ފޮޓޯއެއް އައިރާ ނެގިއެވެ. އަދި އެ ފޮޓޯ ލިޒީއަށް ވަގުތުން ވައިބަރ ކޮށްލިއެވެ. އެކުވެރިޔާގެ ފޯނުކޯލު މިނެޓެއްގެ ތެރޭ އަތުވެއްޖެއެވެ.

"ސީރިއަސް ފޮޓޯއެއްތަ އެއީ" ޤަބޫލުނުކުރެވިފައި ހުރި ލިޒީ އެހިއެވެ. އައިރާ އުފަލުން ހުރެ އެއްބަސްވަމުންދިޔައެވެ. އޭނާއަށް ލިބިފައިވާ އުފާވެރިކަމުގައި ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ. އެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލާފައިވެއެވެ.

ލިޒީއާ ވާހަކަދައްކަން އައިރާ ކޮޓަރީގައި އިން ވަގުތު ދޮރުގައި މީހަކު ޓަކިޖެހިއެވެ. ފޯނުކޯލު ކަނޑާލުމުގެ ބަދަލުގައި ފޯނު ހިފައިގެން ހުރެ އައިރާ އައިސް ދޮރުހުޅުވިއެވެ.

"މަންމަ ބުނީ މާދަމާ މި އުޅެނީ ދަތުރުދާންވެގެންނޯ. އެންމެން ދާންވާނެޔޯ ބުނާށޯ" ދޮރުމަތީ ހުރި މައުރީން ވާހަކަދެއްކިއެވެ. ހައިރާންވެފައި އައިރާއަށް ހުރެވުނީ ދޭނެ ޖަވާބެއް ނޭނގިފައެވެ.

"އޯކޭ! އެހެން ބުނާށޭ ބުނީމަ މި އައީ އެ ވާހަކަ ބުނެލަން" އިރުކޮޅަކު އައިރާއަށް ބަލަން ހުރެފައި ދެ ބުމަ ހިއްލާލައިގެން ހުރެ މައުރީން ބުންޏެވެ. އަދި އޭނާ ދާން ހިނގައިގަތެވެ.

މަޑުމަޑުން ދޮރު ލައްޕާލާފައި އައިރާ އައިސް އެނދުގައި އިށީނެވެ. އޭރު ފޯނުގެ އަނެއްކޮޅުގައި ހުރި ލިޒީއަށް މައުރީން ދެއްކި ވާހަކަ އަޑުއިވުނެވެ. އޭނާ ވަގުތުން އެއީ ކޮން ދަތުރެއްތޯ އޮޅުން ފިލުވުމަށް އައިރާގެ ގާތުގައި ސުވާލުކުރިއެވެ.

"އައިރާ! ފަސްޓް ޓްރިމެސްޓަރގައި ޓްރެވެލް ކުރާކަށް ނުވާނެ. އިޓްސް ނޮޓް ސޭފް"

"ފުރަތަމަ ފަހަރަށް މަންމަގެ ކަމެއްގައި އަހަރެން ބައިވެރިކުރަން އެ އުޅެނީ... ނޫނެކާ ބުނަންވީތަ؟ އަހަރެން ބަނޑުބޮޑުކަން ނިޔާނަށް އެނގުމުގެ ކުރީން މަންމަމެނަށް އެނގޭކަށް ބޭނުމެއްނޫން"

"އައިރާގެ ފުރަތަމަ ޕްރެގްނެންސީގައި ވަރަށް ކެއާފުލްވާންޖެހޭނެ... ޕްލީޒް... ތިހާލުގައި އިނދެ އައިރާ އެއްވެސް ތާކަށް ދާކަށް އަހަރެން ޤަބޫލެއްނޫން. ނިޔާނު އެނބުރި އަންނަންވާއިރަށް ބަލައިގެން އުޅޭންވާނީ... ދަތުރު ނުދާތި. ކޮންމެވެސް ބަހަނާއެއް ދައްކާ. ނިޔާނު މަންމައަށް އައިރާ ޕްރެގްކަން އެނގުނީމަ މާ އުފާވާނެ. މިހާރު އެއްޗެހިކިޔަސް އަޅާލާނެކަމެއްނެތް" ގަޑިއިރަކަށް ދިގުވެގެން ދިޔަ ފޯނުކޯލު ނިމުނީ ލިޒީ އެދުނު ގޮތަށް ކަންތައްކުރާނަން ކަމުގައި އައިރާ އެއްބަސްވެގެންނެވެ.

"ކީކޭ ބުނީ" ސިޓިންރޫމުގައި އިން ރުބީނާގެ ގާތަށް މައުރީން އައުމުން ސުވާލުކުރިއެވެ.

"ނުބުނޭ އެއްވެސް އެއްޗެއް" ސޯފާއަށް ވެއްޓިގަންނަމުން ފަރުވާކުޑަ ގޮތަކަށް މައުރީން ބުންޏެވެ.

"މީނަ ގާތުގައި ބުނެގެން އެއްކަމެއް ވެސް ނުވާނެ ރަނގަޅަކަށް"

"މަންމާ! ބުނާށޭ ބުނީމަ މައު މި އައީ ބުނެފައޭ... ދެން އޭނާ އަނގައިން ނުބުނަންޏާ، މައު ކީއްތަ ކުރާނީ" ރުބީނާ ހިތްހަމަނުޖެހުމުން މައުރީން ވެސް އޭނާގެ އަޑަށް ބާރުލާފައި ބުންޏެވެ. އިތުރަށް އެއްޗެއް ނުބުނެ ތުންއަނބުރާލާފައި ރުބީނާ އިނެވެ. އޭނާ ވިސްނަމުން ދިޔައީ އައިރާއާ މެދުއެވެ. ކޮންމެ ގޮތަކުން ވެސް އޭނާ ގޮވައިގެން އެ ދަތުރު ދާނޭ ގޮތަކާމެދު ޚިޔާލު ކުރަމުން ދިޔައެވެ.

"އަހަރެން ގޮސް ބުނަންވީ ކަންނޭނގެ... އޭނާގެ ކުރިމައްޗަށް އަރާ އެއްޗެއް ބުނުމަކުން އަހަންނަށް އުނިވާނެ ކަމެއް ނޯންނާނެ. ވިއްޔާ ވާނީ ފައިދާ... ކުރިމަތީ ހުރެ އަހަރެން އެދިފިއްޔާ ނޫނެކޭ ބުނާކަށް ނުކެރޭނެ... ސަލް ބުނިހެން އެ އަންހެނާއަށް އަހަރެންގެ ރުހުން ހޯދުން ވަރަށް މުހިންމު" ރުބީނާ އޭނާގެ ހަވާނަފްސާ މަޝްވަރާކުރަމުން ދިޔައެވެ. އެހެން އިންދާ މެންދުރު ކާން ހަދަން އައިރާ ކޮޓަރިން ނުކުމެގެން އައިސް ބަދިގެ ބަޔަށް ވަންތަން ރުބީނާއަށް ފެނުނެވެ. އަދި މީ ރަނގަޅު ވަގުތެއްކަމުގައި އޭނާގެ ހިތް ބުންޏެވެ. ނަމަވެސް މަޑުކޮށްލައިގެން އިނީ އައިރާ ކާން ހަދާ ނިމުމުން ކާމޭޒު ދޮށާ ކައިރިވެލާ ވާހަކަދައްކަން ފަށާނީ ކަމުގައި ނިންމައިގެންނެވެ.

ސިޓިންރޫމުގައި ތިބި ރުބީނާއާއި މައުރީނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އައިރާ އައިސް ކައްކާފައި ހުރި ރިހަކޮޅު ހޫނުކޮށް މޭޒުމައްޗަށް ނެގިއެވެ. އަދި ތަރުކާރީ ސެލަޑެއް ތައްޔާރުކުރާން ފެށިއެވެ. އެހެންޏާ އެ ގަޑީގައި ރުބީނާއާއި މައުރީން ސިޓިންރޫމުން ނުފެންނާނެއެވެ. މިއަދު އެ މީހުން ތިބީތީ އައިރާއަށް އުނދަގޫ ވެސް ވިއެވެ. ޚާއްޞަކޮށް ރުބީނާ އޭނާގެ ހަރަކާތްތަކަށް ބަލާހެން ހީވެގެންނެވެ. ތައްޔާރުކުރި ސެލެޑުތަށި މޭޒުމަތީ ބެހެއްޓުމާއެކުހެން ކުއްލިއަކަށް އައިރާ ހޮޑުލަވައިގަތެވެ. ކާއެއްޗިއްސާ ކައިރިވެގެން އުޅޭއިރު މިފަހަކަށް އައިސް އޭނާއަށް އެހެންވެއެވެ. ހައިރާންކަން ލިބިފައި އިން ރުބީނާ ތެދުވަން އުޅުނީ އައިރާ ދުވެފައި ކޮޓަރިއަށް ދިއުމުންނެވެ.
(ނުނިމޭ)