ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ފުރޮޅާލައި، ރައީސަށް ގިނަ ބާރުތައް ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް އާދީއްތަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަށް ފާޑުކިޔާ ފަރާތްތަކަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އަރުދުޣާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ތުރުކީގެ ފެންނަ ނުފެންނަ ވޯޓްގެ ކަންތައްތައް މޮނިޓާ ކުރި ފަރާތްތަކުން އެ ވޯޓަށް ފާޑުކިއުމުން އަރުދުޣާން ވިދާޅުވެފައި ވަނީ އެއީ " ސޮލީބީ ވިސްނުމެއް" ކަމަށެވެ. އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ ތުރުކީގައި ވޯޓް ނެގި ގޮތާއި އޭގެ ނަތީޖާއާއި ގާނޫނު އަސާސީއަށް ގެނައި ބަދަލަށް ހުޅަނގު ބައެއް ގައުމުތަކުންނާއި ތުރުކީގެ އިދިކޮޅު ފަރާތްތަކުން ފާޑުކިއުމުންނެވެ.
އަންކަރާގައިވާ ރިޔާސީ ގަނޑުވަރުގެ ސިޑިބަރިމަތީގައި ހުންނަވާ އޭނާއަށް ތާއީދުކުރާ މީހުންނާ މުހާތަބު ކުރައްވައި އަރުދުޣާން ވިދާޅުވީ ފެންނަ ނުފެންނަ ވޯޓް ވޯޓް އޮބްޒާވް ކުރި މީހުންނަށް އެމީހުންގެ " މަގާމު އިނގެން ޖެހޭނެ " ކަމަށެވެ. އެވޯޓަކީ ބައިނަލް އަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ލީ ވޯޓެއް ނޫން ކަމަށް ބުނެ ކިޔަމުން އަންނަ ފާޑުކިއުންތައް ތުރުކީއަށް ނުވެސް އިވޭނެ ކަމަށާއި އެފާޑުކިއުންތައް ތުރުކީން ބަލައިވެސް ނުގަންނާނެ ކަމަށެވެ.
ނޭޓޯގެ މެމްބަރެއްގެ ގޮތުގައި އޮތް ތުރުކީގެ ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ އެކެއްގެ އަތް މައްޗަށް ބާރުތައް ޖަމާކޮށްދޭ ބަދަލެއް ކަމަށް އަރުދުޣާންގެ ވާދަވެރިން ދަނީ ބުނަމުންނެވެ. އެ ބަދަލާ ދެކޮޅަށް ތުރުކީގެ ތާރީހީ އަދި ވިޔަފާރީގެ މަރުކަޒީ ރަށް އިސްތަންބޫލުގައި އިދިކޮޅުމީހުން އިއްޔެގައި މުޒާހަރާތައް ބާއްވާފައެވެ. އިއްޔެގެ މުޒާހަރާގައި ބައިވެރިވި މީހުން ބުނެފައި ވަނީ އެ މުޒާހަރާތަކަކީ އަދި ފެށުމެއް ކަމަށެވެ.
ތުރުކީގައި މިދިޔަ 2016 ވަނަ އަހަރު ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލުމަށް ފައު އިއުލާންކޮށްފައިވާ ކުއްލި ހާލަތުގެ މުއްދަތު ތުރުކީގެ ކެބިނެޓުން އިއްޔެ ވަނީ އިތުރުކޮށްފައެވެ.
ގާނޫނު އަސާސީއަށް ގެންނަ ބަދަލުން ތުރުކީގެ ރައީސަަށް ލިބޭނެ ބާރުތަކަކީ ގަރާރުތައް ނެރުއްވުމާއި ކެބިނެޓް އެކުލަވައިލުމާއި ޕާލަމެންޓް އުވައިލުމާއި އިސް ފަނޑިޔާރުން ކަނޑައެޅުމުގެ ބާރެވެ. އެހުރިހާ ބާރެއް ރައީސަށް ލިބުމުން ތުރުކީގެ ވެރިކަން ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުވާނެ ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރިއްސުރެ އަންނަނީ ބުނަމުންނެވެ. އަދި އެ ބުނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް ތާއީދު ކުރެއެވެ. އެހެންވެ، ފެންނަ ނުފެންނަ ވޯޓަށް ކެމްޕޭން ކުރުން ވެސް ޔޫރަޕްގެ ބައެއް ގައުމުތަކުގައި މަނާކުރި އެވެ. އެގޮތަށް މަނާ ކުރި ގައުމުތަކާ ދެކޮޅަށް އަރުދުޣާން ވަނީ ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކަވާފައެވެ.