ކުޅިވަރު

ދެ އަހަރު ފަހުން އަންޗެލޯޓީ އެނބުރި ބެރުނަބޭއު އަށް

Apr 18, 2017

ދެހާސް ފަނަރަ ވަނަ އަހަރު، ރެއާލް މެޑްރިޑްގެ ކޯޗް ކަމުން، އިޓަލީގެ ކާލޯ އަންޗެލޯޓީ ވަކި ކުރި ފަހުން، ރެއާލްގެ ދަނޑު ސެންޓިއާގޯ ބެރުނަބޭއު ޔެސްޓޭއަށް، އަންޗެލޯޓީ އަންނަ ފުރަތަމަ ފަހަރަށް މިރޭ ވެގެންދާނެ އެވެ. އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށް މިހާރުގެ ކުލަބު، ބަޔާން މިޔުނިކުން މިރޭ ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑެވެ.

ފުރަތަމަ ލެގްގައި، ރެއާލުން ވަނީ ބަޔާންގެ އެލިއަންޒް އެރީނާގައި ބަޔާންގެ މައްޗަށް 2-1 ކާމިޔާބު ހޯދާފަ އެވެ. އެ މެޗުގައި ބަޔާން ކުޅުނީ އެންމެ މުހިންމު ސެންޓާ ސްޓައިކަރު ރޮބަޓް ލެވަންޑޮސްކީ ނުލައެވެ. އޭނާގެ ކޮނޑަށް ލިބުނު އަނިޔާ ގުޅިގެން ލެވަންޑޮސްކީ އެދުވަހު ހުރީ ސަޕޯޓަރުންނާ އެކު މެޗު ބަލާށެވެ.

ނަމަވެސް، އަންޗެލޯޓީއަށް މިހާރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މެޗު ކުޅެވޭ ވަރަށް ލެވަންޑޮސްކީ ފިޓްވެފައި ވުމެވެ.

"ލެވަންޑޮސްކީ އެނބުރި އައުން އަހަރެމެންނަށް އިތުރު އެހީއަކަށް ވާނެ، އަހަރެމެންގެ ސްޓްރެޓެޖީ ބަދަލު ކުރަކަށް ބޭނުމެއް ނޫން، އޭނާ ހުރުމަކީ ލިބޭ ހިތްވަރެއް،" އަންޗެލޯޓީ ބުންޏެވެ. ނަމަވެސް ލެވަންޑޮސްކީ ފަށާނީ ފުރަތަމަ 11 އިން ކަމެއް އަންޗެލޯޓީ ހާމަ އެއް ނުކުރ އެވެ.

ލެވަންޑޮސްކީ އެނބުރި އައިރު، ރެއާލް އަށް ވަނި މައްސަލަ ކުރިމަތިވެފަ އެވެ. އެޓޭކިން ފޯވަޑް ގެރެތު ބޭލް އަށް ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައި، ލިބުނު އަނިޔާއެއްގެ ސަބަބުން، މިރޭގެ މެޗުގައި ނުކުޅެވޭނެ ކަން ވަނީ ޔަގީން ވެފަ އެވެ. ނަމަވެސް ރެއާލް އަށް އޮތް ހިތްހަމަ ޖެހުމަކީ، އިސްކޯ ރަނގަޅު ފޯމެއްގައި ހުރުމެވެ. ސްޕޯޓިން ޖިއޯންއާ ދެކޮޅަށް ކުޅުނު މެޗުގައި، އިސްކޯ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އަންޗެލޯޓީވެސް ވަނީ، އިސްކޯއަށް ތައުރީފް ކޮށްފަ އެވެ.

"ހޮނިހިރު ދުވަހު އިސްކޯ ވަނީ ވަރަށް މޮޅަށް ކުޅެފައި، ލޫކަސް ވަޒްކޭޒް އަބަދުވެސް މޮޅަށް ކުޅޭ، ހަމޭސް ރޮޑްރިގޭޒްވެސް ރަނގަޅު، ނަމަވެސް އަހަރެން ފޯކަސް ކުރަނީ އަހަރެންގެ ޓީމުގެ ކުޅުންތެރިންނަށް،"

ފުރަތަމަ ލެގްގައި ބަޔާންއަށް ކުރިމަތިވި މައްސަލަ އަންޗެލޯޓީ ވަނީ ދެނެގެން ފަ އެވެ. އެހެންވެ މިރޭގެ މެޗުގައި އޭނަ ހުރީ އެ ހުރިހާ ބަގަނޑެއް ބަންދަން ތައްޔާރު ވެގެންނެވެ.

"ފުރަތަމަ ލެގްގައި ދިމާވި މައްސަލަ ތަކުގެ ކުރު ތަފްސީލަކަށް ދަންޏާ އަހަރެމެންނަށް ކުރިމަތިވި މައްސަލައަކީ، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިނިވަން ކަމާއެކު ގޯލަށް ހަމަލާ އުފެއްދުމުގެ ފުރުސަތު ދިނުން، ގޯލް އޭރިއާ ކުރިމަތީގައި އޭނާ އަށް ޖަގަ ލިބޭ ކަމަަށްވަންޏާ އޭނާ ލަނޑު ޖަހާނެ،"

"އަހަރުމެންނަށް އެނގޭ، ހަމަލަ ތަކުގައި ރެއާލް ކިހާ ނުރައްކާ ކަން، އެކަމަކު 2-0 ، 3-1، 3-2 އެއީ އަހަރެމެންނަށް އުނދަގޫ ނަތީޖާ އެއް، ނަތީޖާ އާ މެދު އަހަންނެއް ނުވިސްނަން،" އަންޗެލޯޓީ ބުންޏެވެ.

އޭނަ ބުނީ ރެއާލްގެ ކުޅުންތެރިން ލަނޑު ޖަހަ ފަދައިން އެ ޓީމު ކޮޅަށް ފަސޭހައިން ގޯލްވެސް ވަންނާނެ ކަމަށެވެ.

ބޭލް ނެތްތަން ފޫބައްދާނެ ކުޅުންތެރިޔަކު ޒިދާން ކަނޑައަޅާއިފި

ނޫސް ކޮންފަރެންސްގައި ޒިދާން ބުނީ ބޭލްގެ މަގާމު ފޫބައްދާނެ ކުޅުންތެރިޔަކު އޭނާ ކަނޑައަޅައިފި ކަމަށެވެ. ނަމަވެސް އެއީ ކޮންކުޅުންތެރިޔެއް ކަން އޭނާ ހާމަ އެއް ނުކުރެ އެވެ. އެއީ އިސްކޯ އަށް ވެދާނެތޯ ސުވާލު ކުރުމުން، ޒިދާން ބުނީ، ރެއާލްގެ އެހެން ކުޅުންތެރިނެކޭ އެއްގޮތަށް، އިސްކޯވެސް ހުރީ ކުޅެން ތައްޔަރަށް ކަަމަށެވެ.

"ބޭލް ޖާގަ ފުރާނީ ކޮން ކުޅުންތެރިޔެއްތޯ އަހަރެން ކަނޑައަޅާއިފިން، އެކަމަކު އަހަރެން މިވަގުތު ހާމަ އެއް ނުކުރާނަން ކޮން ކުޅުންތެރިޔެއް ކަމެއް، އެ ކުޅުންތެރިޔަކާ އެކު ކުޅުމުގެ ސްޓައިލަށް ބަދަލު އަންނާނެތޯ ބުނަންވެސް އަހަރެން ބޭނުމެއް ނޫން،" ޒިދަން ބުންޏެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅޭތީ އެޓީމުން ދަނީ ސަޕޯޓަރުންގެ ފޯރި ވަރުގަދަ ކުރުމަށް ހާއްސަ ކަންތައްތަކެއް ހިންގަމުން ކަމަށް ޒިދާން ބުންޏެވެ. ރެއާލް އާއި ބަޔާން މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން 11:45 ގަ އެވެ.