ހަބަރު

ވޯޓާސް ލިސްޓްގައި ސޮއިކުރަން ޖޭޕީ ވެސް ދެކޮޅު ހަދަނީ

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓާޒް ލިސްޓްގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ އެ ލިސްޓްގައި ސޮއި ކުރަން އިދިކޮޅު ޕާޓީ އެމްޑީޕީ ދެކޮޅު ހަދާފައިވަނިކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ވެސް އެކަމަށް ދެކޮޅު ހަދައިފި އެވެ.

ވޯޓާޒް ލިސްޓްގައި ކެންޑިޑޭޓުން މިހާރު އަންނަނީ ސޮއި ކުރަމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ކުރި ހުކުމެއްގެ ދަށުން އިންތިހާބުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ކޮންމެ ދާއިރާއަކުން ވެސް ވާދަކުރާ ކެންޑިޑޭޓުން އެ ދާއިރާއެއްގެ ވޯޓާޒް ލިސްޓްގައި ސޮއި ކުރަން ޖެހެ އެވެ. އަދި އިންތިހާބުގައި ވޯޓްލާނީ އެ ލިސްޓްގެ މައްޗަށެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، އެ ޕާޓީއަކީ ލޯކަލް ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަށް އަބަދުވެސް ގޮވަމުންދާ ޕާޓީއެއް ކަމަށާއި އެހެންކަމުން ލިސްޓްތަކުގައި ސޮއިކުރުމަށް މިއަދު އިލެކްޝަނަށް ދިޔަ ކަމަށެވެ. ނަމަވެސް އިލެކްޝަނުން ސޮއިކުރުމަށް ދިނީ ތަފާތު ތިން ލިސްޓެއް ކަމަށް އެ ޕާޓީ އިން ބުންޏެވެ.

"އެއް ލިސްޓްގައި ފޮޓޯ ޖަހާފައި އައިޑީ ކާޑް ނަންބަރު ހުރި، އަނެއް ލިސްޓްގައި ފޮޓޯއެއް ނެތް، އަނެއް ލިސްޓްގައި މުހިންމު ގިނަ މައުލޫމާތުތައް ހުރީ އުނިކޮށްފަ، އައިޑީ ކާޑް ނަންބަރު ވެސް ނެތް،" އަލީ ސޯލިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތަފާތު ތިން ލިސްޓެއްގައި ސޮއި ނުކުރެވޭނެ ކަމަށާއި އެއް ލިސްޓެއް ދިނުމުން ޖޭޕީއިން ސޮއިކުރާނެ ކަމަށެވެ. އައިޑީ ކާޑް ނުހިމަނާ ހަދާފައިވާ ލިސްޓަކީ ވޯޓްލާ މައުރަޒުގައި ބެހެއްޓުމަށް ހަދާފައިވާ ލިސްޓެއް ކަމަށް އިލެކްޝަނުން ބުނާ ކަމަށާއި ނަމަވެސް މީގެ ކުރިން ވެސް މައުރަޒްތަކުގައި ބަހައްޓާފައިވާ ލިސްޓްތަކުގައި އައިޑީކާޑް ނަންބަރު ޖަހާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިންތިހާބަށް އެއްބާރުލުން ދޭނަން، އެއް ލިސްޓެއް ދެއްވާ، ޖޭޕީއިން އޭރަށް ސޮއިކުރާނެ، އިންތިހާބު އިތުރަށް ލަސްވާނެ ގޮތަށް އަމަލު ނުކުރުމަށް ގޮވާލަން،" އަލީ ސޯލިހް ވިދާޅުވި އެވެ.

އިންތިހާބުތަކަށް އަމާޒުކޮށް 2013 ގައި ސުޕްރީމް ކޯޓުން އެކުލަވާލި ގައިޑްލައިނުގައި ވޯޓާސް ލިސްޓު އާއްމުކުރަން ޖެހޭނީ ވޯޓުލާ މީހާގެ ނަމާއި ގޭގެ އެޑްރެހާއި އައިޑީ ކާޑު ނަމްބަރު އެނގޭ ގޮތަށް ކަމަށް ކަނޑައަޅާފަ އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، ސޮއިކުރުމަށް ތިން ލިސްޓެއް ދީފައިނުވާނެ ކަމަށާއި ސޮއިކުރަން ދީފައިވާނީ އެންމެ ލިސްޓެއް ކަމަށެވެ. އެ ލިސްޓްގައި އައިޑީ ކާޑާއި ފޮޓޯ ވެސް ޖަހާފައި ހުންނާނެ ކަމަށެވެ. އަދި ލިސްޓަކީ ސްޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ހަދާފައިވާ ލިސްޓެއް ކަމަށެވެ.

އިލެކްޝަނުން މިއަދު ވަނީ ވޯޓާސް ލިސްޓްގެ އަވަސްގެ ނޫސްވެރިންނަށް ވެސް ދައްކާލާފަ އެވެ. އިލެކްޝަނުން ދެއްކި ލިސްޓްގައި ފޮޓޯ އާއި އައިޑީކާޑް ނަންބަރު ޖަހާފައި ހުއްޓެވެ.

އެ ލިސްޓްގައި އައިޑީކާޑް ނަންބަރު ނެތުމުން ވޯޓްލާ މީހާ އަކީ ރަނގަޅު މީހާކަށް ކަށަވަރު ކުރަން ހުރަސްތަކެއް ހުންނާނެ ކަމަށް ބުނެ އިއްޔެ އެމްޑީޕީއިން ވެސް ވަނީ ލިސްޓްގައި ސޮއިކުރުމަށް ދެކޮޅު ހަދާފަ އެވެ.