ވިޔަފާރި

މެގަ މޯލްޑިވިސް ވިއްކާލަން އިންވެސްޓަރުންނާ ވާހަކަ ދައްކަނީ

Apr 18, 2017
1
  • ވިއްކާލާ ހިއްސާގެ މިންވަރު ހާމައެއް ނުކުރޭ
  • ހިއްސާގެ އޮނިގަނޑަށް ބޮޑު ބަދަލެއް އަންނާނެ

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ، މެގަ މޯލްޑިވްސްގެ ހިއްސާ ވިއްކަން ރާއްޖެ އާއި ބޭރުގެ އިންވެސްޓަރުންނާ ވާހަކަ ދައްކަން ފަށައިފި އެވެ.

"އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި މެގަ މޯލްޑިވްސްގެ ބޮޑު ހިއްސާއެއް ގަންނަން ވާހަކަ ދައްކާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރީގެ މާހައުލުގައި ހަރަކާތްތެރިވާ ނަން މަޝްހޫރު ކުންފުންޏެއް ވެސް ހިމެނެ އެވެ.

މި މުއާމަލާތާ ބެހޭ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި މުހިންމު ނިންމުން ފައިނަލްވެ، ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނު ކުރާނެ އެވެ. އަދި މި ބަދަލާއެކު އެ ކުންފުނީގެ މިހާރުގެ ހިއްސާގެ އޮނިގަނޑު ބެހިފައިވާ ގޮތަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

މެގަ މޯލްޑިވްސް ހިއްސާ ގަންނަން އިންވެސްޓަރުން ވާހަކަ ދައްކާ ކަމަށް އަޑުތައް ފެތުރިފައިވާއިރު، އެ ކުންފުންޏަށް ގެއްލުންވާ ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ކަނޑާލާފައިވެ އެވެ. ނަމަވެސް ފަހުން ވަނީ މި މުވައްޒަފުންގެ ބޮޑު ބަޔަކަށް ވަޒީފާ ދީފަ އެވެ. އަދި އިންޑިޔާގެ ދެ މަންޒިލަކަށް ދަތުރުތައްވެސް ފަށާފައިވެ އެވެ. އެހެން ނަމަވެސް އެ ދަތުރު ވެސް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

ނަމަވެސް، މި މުއާމަލާތާ ބެހޭ ގޮތުން އެ ކުންފުނިން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ.

މެގަ މޯލްޑިވްސްއަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު އެހީތެރިކަމެއް ދެމުން ގެންދާ ކުންފުންޏެކެވެ. އެގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް ކޮންމެ އަހަރަކުވެސް އެ ކުންފުނި ހިއްސާ ކޮށްފައިވެ އެވެ. އަދި މެގަ މޯލްޑިވްސްގައި ގިނަ އަދަދެއްގެ ދިވެހިންވެސް ވަޒީފާ އަދާކުރެ އެވެ.

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ގައި ފެށި މެގާ މޯލްޑިވްސް ހިދުމަތް ދޭތާ ފަސް އަހަރުވެއްޖެ އެވެ. އަދި ކުންފުނީގައި ފަސް ފްލައިޓެއް އޮޕަރޭޓް ކުރަމުންދެ އެވެ.