ދުނިޔެ

ރަޝިޔާ މީހުންނަށް ޓްރަމްޕް މާ ބިރުވެރި

Apr 18, 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަކީ ވާދަވެރި ރަޝިޔާއާ އެންމެ ރަނގަޅު ގުޅުމެއް ބާއްވަވާނެ ބޭފުޅާ ކަަމަށް ވާނެ ކަަމަށް ރަޝިޔާ މީހުން ކުރިން އުއްމީދުކުރިއެވެ. އޭނާ ރައީސް ކަމަށް ވަޑައިގެންނެވީ ވެސް ރަޝިޔާއިން އަޑިއަޑިން ކުޅުނު ދައުރެއްގެ ސަބަބުން ކަމަަށް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް އެކަން މިހާރު މުޅިން ބަދަލުވެއްޖެއެވެ.

ރަޝިޔާ ސަރުކާރުގެ ރަސްމީ ޓީވީން އިއްޔެގައި ޓްރަމްޕް ސިފަކުރީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް ވުރެ މާބިރުވެރި ބޭފުޅެއްގެ ގޮތުގައެވެ.

ރަޝިޔާގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ހުންނެވި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް އެމެރިކާއިން ވަނީ ވައިގެ ހަމަލާއެއް ދީފައެވެ. ރަޝިޔާއިން އަދިވެސް ސަމާލުކަން ދޭ ގައުމެއް ކަމަށްވާ އަފްޣާނިސްތާނަށް އެމެރިކާއިން ވަނީ ނިއުކްލިއަ ހަތިޔާރު ފިޔަވައި އެންމެ ބާރު ގަދަ ބޮން އަޅާފައެވެ. ރަޝިޔާއިން އެގައުމުގެ ބައެއް ކަމަށް ކަނޑައަޅައިގެން އުޅޭ ކްރައިމިއާގެ ކަންތަކުގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގެންގުޅުއްވި ސިޔާސަތު ޓްރަމްޕް ގެންދަވަނީ ދަމަހައްޓަވަމުންނެވެ. އޮބާމާ ގެންގުޅުއްވި ސިޔާސަތަކީ ރަޝިޔާގެ ނިންމުން ގަބޫލުނުކުރުމާއި ކްރައިމިއާ އަލުން ޔުކްރޭނާ ހަވާލުކުރަން ބާރު އެޅުމެވެ. ޓްރަމްޕާ މެދު ރަޝިޔާއިން ކުރި އުއްމީދު ގެއްލުނީ މި ކަންތައްތަކާ ހެދިއެވެ.

ރަޝިޔާގެ ގައުމީ ޓީވީއަކީ އެގައުމުގެ ސިޔާސަތު ދައްކައިދޭ ގައިޑެއް ކަަމަށް ބަލައިފި ނަމަ ، ފެންނަން އޮތް މަންޒަރަކީ އެމެރިކާގެ އެހެން ރައީސުންނަށް ވުރެ ޓްރަމްޕް އެހެން ގައުމުތަކުގެ ކަންތައްތަކާ ބެހިވަޑައިގަންނަވާ މިންވަރު ކުޑަވާނެ ކަމަށް ކުރީ އުއްމީދު މިހާރު ވަނީ ގެއްލިފައެވެ. އެއީ އުތުރުކޮރެއާގެ ނިއުކްލިއަ މައްސަލައާ މެދު ހަރުކަށިކޮށް ވާހަކަ ދެއްކުމާއި އެ ސަރަހައްދަށް މަނަވަރުތައްް ފޮނުއްވުމުގެ ސަބަބުންނެވެ.

ރަޝިޔާ ސަރުކާރަށް އެންމެ ވަފާތެރި އެއް ޓީވީ ޝަޚުޝިއްޔަތަކީ ޑްމިޓްރީ ކިސެލްޔޯފް އެވެ. ރޮސިޔާ1 ޗެނަލުން ހަފްތާއަކު އެއް ފަހަރު ދައްކާ ހަބަރު ޕްރޮގްރާމެއް ކަމަށްވާ "ވެސްތީ ނިޑެލީ" ގެ މައިގަނޑު އެންކަރަކީ އޭނާއެވެ. ކުރިން ޓްރަމްޕަށް ތާއީދުކޮށް ގިނައިން ވާހަކަ ދެއްކި ކިސެލްޔޯފް މިހާރު ވަނީ ޓްރަމްޕަށް ފާޑުކިޔަން ފަށާފައެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އޭނާ ބުނީ ދުނިޔެ މިހާރު އޮތީ ހަނގުރާމައަކާ އެންމެ އިސްތަށްޓެއްގެ ދުރުމިނުގައި ކަމަށެވެ.

" ހަނގުރާމަ ފެށޭނީ ދެޝަޚުޝިއްޔަތެއްގެ ދެމެދުގައި ހިނގާ ކުރިމަތިލުމަކުން. އެއީ ޑޮނަލްޑް ޓްރަމްޕް އަދި ކިމްޖޮން އުން. ދެމީހުންނަކީ ވެސް ނުރައްކާތެރި ދެމީހުން. އެކަމަކު އެންމެ ނުރައްކާތެރީ ކާކު. އެއީ ޓްރަމްޕް،" ޕްރޮގްރާމްގައި އޭނާ ބުންޏެވެ.

ރަޝިޔާގެ ޕަބްލިކް އޮޕީނިއަން ރިސާޗް ސެންޓަރުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ޓްރަމްޕްމާ މެދު ނުބައިކޮށް ދެކޭ ރަޝިޔާ މީހުންގެ ނިސްބަތް މިހާރު ވަނީ 39 ޕަސެންޓްގައެވެ. މީގެ މަހެއްހާ ދުވަސް ކުރިން އެނިސްބަތް އޮތީ ހަ ޕަސެންޓްގައެވެ.