ދުނިޔެ

ވޯޓްގެ ކާމިޔާބީއާ އެކު ޓްރަމްޕްގެ މަރުހަބާ އުުރުދުގާންއަށް

Apr 18, 2017

ބީބީސީ ބުނީ ޓްރަމްޕް އަރުދުޣާން އަށް މަރުހަބާ ވިދާޅުވުމަކީ ކުރިން ހަމަޖެހިފައިވާ ކަމެއް ކަމަށާއި އޭނާ އެގޮތަށް ކުރެއްވީ ސޫރިޔާ މައްސަލައަށް ބައްލަވައިގެން ކަމަށެވެ. ސޫރިޔާގެ ޖަމާއަތްތަކާ ހަނގުރާމަ ކުރަން ތުރުކީގެ އެހީ ޓްރަމްޕް ބޭނުން ވެވަަޑައިގަންނަވައެވެ.

މަރުހަބާ ވިދާޅުވާން ޓްރަމްޕް ގުޅުއްވުމަކީ ތުރުކީގެ ނިޒާމު ބަދަލުކުރުމުގެ މައްސަލައިގައި ޔޫރަޕްގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ އަރުދުޣާންއަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމެކެވެ. އަރުދުޣާން އިއްޔެ ވަނީ ވޯޓާ ގުޅިގެން ފާޑުކީ ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ތުރުކީގެ ފެންނަ ނުފެންނަ ވޯޓްގެ ކަންތައްތައް މޮނިޓާ ކުރި ފަރާތްތަކުން އެ ވޯޓަށް ފާޑުކިއުމުން އަރުދުޣާން ވިދާޅުވެފައި ވަނީ އެއީ " ސޮލީބީ ވިސްނުމެއް" ކަމަށެވެ. އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ ތުރުކީގައި ވޯޓް ނެގި ގޮތާއި އޭގެ ނަތީޖާއާއި ގާނޫނު އަސާސީއަށް ގެނައި ބަދަލަށް ހުޅަނގު ބައެއް ގައުމުތަކުންނާއި ތުރުކީގެ އިދިކޮޅު ފަރާތްތަކުން ފާޑުކިއުމުންނެވެ.

އަންކަރާގައިވާ ރިޔާސީ ގަނޑުވަރުގެ ސިޑިބަރިމަތީގައި ހުންނަވާ އޭނާއަށް ތާއީދުކުރާ މީހުންނާ މުހާތަބު ކުރައްވައި އަރުދުޣާން ވިދާޅުވީ ފެންނަ ނުފެންނަ ވޯޓް ވޯޓް އޮބްޒާވް ކުރި މީހުންނަށް އެމީހުންގެ " މަގާމު އިނގެން ޖެހޭނެ " ކަމަށެވެ. އެވޯޓަކީ ބައިނަލް އަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ލީ ވޯޓެއް ނޫން ކަމަށް ބުނެ ކިޔަމުން އަންނަ ފާޑުކިއުންތައް ތުރުކީއަށް ނުވެސް އިވޭނެ ކަމަށާއި އެފާޑުކިއުންތައް ތުރުކީން ބަލައިވެސް ނުގަންނާނެ ކަމަށެވެ.

ނޭޓޯގެ މެމްބަރެއްގެ ގޮތުގައި އޮތް ތުރުކީގެ ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ އެކެއްގެ އަތް މައްޗަށް ބާރުތައް ޖަމާކޮށްދޭ ބަދަލެއް ކަމަށް އަރުދުޣާންގެ ވާދަވެރިން ދަނީ ބުނަމުންނެވެ. އެ ބަދަލާ ދެކޮޅަށް ތުރުކީގެ ތާރީހީ އަދި ވިޔަފާރީގެ މަރުކަޒީ ރަށް އިސްތަންބޫލުގައި އިދިކޮޅުމީހުން އިއްޔެގައި މުޒާހަރާތައް ބާއްވާފައެވެ. އިއްޔެގެ މުޒާހަރާގައި ބައިވެރިވި މީހުން ބުނެފައި ވަނީ އެ މުޒާހަރާތަކަކީ އަދި ފެށުމެއް ކަމަށެވެ.

އަރުދުޣާންއަށް ޓްރަމްޕް މަރުހަބާ ވިދާޅުމުން އަރުދުޣާންގެ ސަޕޯޓަރުން އުފާވާނެއެވެ. އަދި އެއީ އިދިކޮޅު ފާރާތްތަކަށް މާޔޫސްކަމެއް މެދުވެރިވާނެ ކަމެކެވެ. އަދި އެއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެމެރިކާއާއި ދެމެދު އޮތް ހިޔާލުތަފާތުވުން ދައްކުވައިދޭ ކަމެކެވެ.