ދުނިޔެ

މިޔަރެއްގެ ހަަމަލާއެއްގައި އޮސްޓްރޭލިއާ ކުއްޖަކު މަރުވެއްޖެ

Apr 18, 2017

ހުޅަނގު އޮސްޓްރޭލިއާގެ ދެކުނު އައްސޭރިފަށުގައި ރާޅާ އަޅަން އުނު ފުރާވަރުގެ އަންހެން ކުއްޖަކު މިޔަރެއްގެ ހަމަލާގައި މަރުވެއްޖެއެވެ.

ލެޓީޝާ މާރީ ބްރޫވާ ނަމަކަށް ކިޔާ އަށް މިޔަރު ހަމަލާދިނީ އެސްޕިރޭންސް ނަމަކަށް ކިޔާ ރަށުގެ ކައިރީގައިވާ ރާޅާ އަޅާ ސަރަހައްދެއްގައި އޭނާގެ ބައްޕަޔާ އެކު ރާޅާ އަޅަން އުޅެނިކޮށް ކަމަށް އޮސްޓްރޭލިއާ ފުލުހުންނާ ހަވާލާދީ އޭބީސީ ނިއުސް އިން ބުންޏެވެ. އިއްޔެ ހިނގި އެހާދިސާއާ ގުޅިގެން ރާޅާ އަޅާ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރިއެވެ.

އިއްޔެ ހަވީރު އޮސްޓްރޭލިއާ ގަޑިން 4.00 އެހާއިރު ލެޓީޝާ އަށް މިޔަރު ހަމަލާދިން ވަގުތު އޭނާގެ މަންމައާއި ދެ އުޚުތަކު ތިބީ ބަލާށެވެ. މިޔަރު ހަމަލާ ދިނުމުން އޭނާ ސަލާމަތްކުރަން ވަގުތު މޫދުގައި އޭނާއާ ވަރަށް ކައިރީގައި ހުރި އޭނާގެ ބައްޕަ މަސައްކަތް ކުރިއެވެ. ނަމަވެސް ލެޓީޝާ އެއްގަމަށް ގެނެސް ހޮސްޕިޓަލަށް ގެންދެވުނު އިރު އޮތީ މަރުވެފައެވެ. އާއިލާއިން ބުނެފައި ވަނީ އޭނާ މަރުވުމުން ހިތް ހަލާކުވެއްޖެ ކަމަށާއި އެހެން ނަމަވެސް އޭނާ މަރުވީ ކުރާ ހިއްވާ ކަމެއްގައި އުޅެނިކޮށް ކަމަށް ވުމީ ހިތްހަމަޖެހުމެއް ކަމަށެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒްގެ ތަރުޖަމާނަކު އޭބީސީ ނިއުސްއަށް ވިދާޅުވެފައި ވަނީ ލެޓީޝާ އަށް ހަމަލާ ދިނީ ގްރޭޓް ވައިޓް ޝާކް ނަމަކަށް ކިޔާ ވައްތަރުގެ މިޔަރެއް ކަމަށް ބެލެވޭ ކަމަށެވެ. ލެޓީޝާ ގެންގުޅުނު ސާފް ބޯޑުގެ ފޮޓޯއެއް ދިރާސާކުރާ މީހުން ބަލާފައިވާ ކަމަށާއި ފޮޓޯތަކަށް ބަލައިގެން އެއީ ސީދާ ކޮން ކަހަލަ މިޔަރެއް ކަން ބުނަން ދަތި ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ހުޅަނގު އޮސްޓްރޭލިއާގެ އައްސޭރިފަށުގައިވާ ރާޅާ އަޅާ ސަރަހައްދުތަކުގައި މީހުންނަށް މިޔަރު ހަމަލާ ދިނުމަކީ ގިނައިން ހިނގާ ކަމެކެވެ. އެ ސަރަހައްދުގައި 2000 ވަނަ އަހަރުން ފެށިގެން މިހައިތަނަށް އެފަދަ ހަމަލާތަކުގައި 25 މީހުން މަރުވިއެވެ.