ހަބަރު

ބަނދަރު ހެދުމުގެ 37 މަޝްރޫއެއް މިއަހަރު ނިންމަނީ

Apr 18, 2017
3

ލަފާފުރުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކުގެ ބަނދަރު ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން 37 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު މިއަހަރު ނިމޭނެ ކަމަށް އެ މަޝްރޫއުތައް ހިންގާ އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ 2014 ވަނަ އަހަރު ފެށި ބަނދަރުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް 32 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބަނދަރު ހެދުމުގެ 37 މަޝްރޫއެއް ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ އިރު މިހާރު ނުފެށި ހުރި ފަސް ރަށެއްގެ ބަނދަރުގެ މަސައްކަތް ފެށުމަށް ވެސް ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނަނީ މި ހުރިހާ މަޝްރޫއެއް މިއަހަރުގެ ކުރިން ނިންމާނެ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިިދިޔަ ތިން އަހަރުގެ ތެރޭގައި 40 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ނިންމައި ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.

މިއަހަރުގެ ބަޖެޓްގައި ވެސް 70 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ހިންގުމަށް ވަނީ ބަޖެޓްކޮށްފަ އެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ސަރުކާރުގެ އަމާޒަކީ މިދައުރު ނިމުމުގެ ކުރިން މީހުން އުޅޭ ރަށްރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.