ޔޫރަޕްގެ ބާރުގަދަ ގައުމެއް ކަމަށްވާ ފްރާންސްގެ ރިޔާސަތު ހަވާލުކުރާނެ މީހަކު ނިންމަން އެގައުމުގެ ރައްޔިތުން ވޯޓްލާނީ އަންނަ އާދީއްތަ ދުވަހުއެވެ. އެއިންތިހާބު މިފަހަރު މުހިއްމީ ހަމަ އެކަނި ފްރާންސަކަށް ނޫނެވެ. ދުނިޔޭގެ އެންމެން ވެސް ތިބީ ފްރާންސް މީހުން ނިންމާ ގޮތެއް ބަލަން ކެތްމަދުވެފައެވެ. އެއީ އިންތިހާބުގައި މިފަހަރު ވާދަކުރާ ކެންޑިޑޭޓުންގެ ބާވަތުންނެވެ. އޭގެތެ ތޭރައި ދުނިޔެ ހަމަނުޖެހުމަކަށް ވައްޓާލާ ފަދަ ވިސްނުމުގެ ބޭފުޅުން ވެސް ތިބީމައެވެ.
ބޮޑެތި ޕާޓީތަކުގެ ކެންޑިޑޭޓުން
- ފްރަންސްވާ ފިއޮން - ދަ ރިޕަބްލިކަންސް
- ބެންވާ އަމޮން - ސޯޝަލިސްޓް ޕާޓީ
- މެރިންއެ ލިޕެން- ނެޝަނަލް ފްރޮންޓް
- އިމެނުއަލް މެކްރޯން- އެން މާޗް
- ޖީން ލޫކް މިލެންޗިން- އަންސަބްމިސިވް ފްރާންސް
ހަރުކަށި ހިޔާލުގެ ފިއޮން
ފްރާންސްގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ފިއޮން، މިދިޔަ އަހަރު ބޭއްވި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. އެ ޕްރައިމަރީ އޭނާ ކާމިޔާބު ކުރެއްވީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ތަޖުރިބާކާރު ބޭފުޅުން ބަލިކުރައްވާފައެވެ. އެފަދަ އެއް ބޭފުޅަކީ ފްރާންސްގެ ކުރީގެ ރައިސް ނިކޮލަސް ސަރްކޯޒީއެވެ. ޕްރައިމަރީ އެގޮތަށް ކާމިޔާބު ކުރެއްވިޔަސް އޭނާ މިހާރު ހުންނެވީ ތާއީދުގެ ގޮތުން ވަރަށް ފަހަތަށް ވެއްޓިފައެވެ.
ފޮއޮން އަށް ކުރިމަތިވެވަޑައިގެންފައިވާ އެންމެ ބޮޑު މައްސަލައަކީ އަށް އަހަރު ދުވަހު، އޭނާގެ އޮފީހުގެ މަގާމެއްގައި ހުންނެވި ކަމަށް ހައްދަވައިގެން މުސާރައެއްގެ ނަމުގައި އަނބިކަނބަލުންނަށް އެތައް ހާސް ޔޫރޯއެއް ދެއްވި ' ބޮޑު ޚިޔާނާތުގެ މައްސަލަ" ތަހުގީގުކުރަން ފެށުމެވެ. އޭނާ ވިދާޅުވާ ގޮތުގައި އެ ތަހުގީގަކީ ސިޔާަސީ ކަތިލުމެކެވެ. ނަމަވެސް ފްރާންސްގެ އިދާރާތަކުން އޭނާއާ ދެކޮޅަށް ދަައުވާ ކުރަނީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގައެވެ.
އެމައްސަލަ ފެންމަތިވި ފަހުން އޭނާއަށް އޮތް ތާއީދު ވަރަށް ބޮޑުތަނުން ކުޑަވެފައިވާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓްތަކުން ވަނީ އެނގިފައެވެ.
ފިއޮން އުފަންވެވަޑައިގެންނެވީ 1954 ވަނަ އަހަރުއެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ފެށްޓެވީ ގާނޫނީ ދާއިރާއިންނެވެ. ނަމަވެސް ވަރަށް އަވަހަށް ސިޔާސީ ދާއިރާއަށް ވެދެވަޑައިގެން ކުރީ ސަފުން ޖާގަ ހޯއްދެވިއެވެ. އެގޮތުން 1990 ގެ އަހަރުތަކުގައި އެކި އެކި ވުޒާރާތަކުގެ ވަޒީރުކަން ކުރެއްވިއެވެ. އަދި ކުރީގެ ރައީސް ސަރްކޯޒީގެ ވެރިކަމުގައި 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަަމައަށް ފްރާންސްގެ ބޮޑޫވަޒީރުކަން އޭނާ ކުރެއްވިއެވެ.
ނަސާރާ ދީނުގެ ކެތަލިކް މަޒްހަބްގެ އުސޫލުތަކުގައި ވަރުގަދައަށް ހިއްޕަވައިގެން ހުންނަވާ ފިއޮންގެ ސިޔާސަތު ތަކުގެ ތެރޭގައި ދައުލަތުގެ ހަރަދު ކުޑަކުރުމާއި ރިޓަޔާ ކުރާ އުމުރު މަތިކުރުން ހިމެނެއެވެ. އޭނާއަކީ އިސްލާމްދީނުގެ ސަލަފީ އުސޫލުތަކާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އޭނާ ވަނީ މިސްކިތްތައް މޮނިޓާ ކުރުމަށާއި ސައުދީ އަރަބިއްޔާއާއި ގަތަރުފަދަ ގައުމުތަކާ ފްރާންސާ ދެމެދު އޮންނަ ގުޅުންތަކާ މެދު އަލުން ވިސްނަން ގޮވައިލައްވާފައެވެ.
މަގުބޫލުކަން ކުޑަޕާޓީގެ ކެންޑިޑޭޓް އަމޮން
ފްރާންސްގެ މިހާރުގެ ރައީސް ފްރާންްވާ އަލޯންޑްގެ ޕާޓީ ތަމްސީލުކުރައްވާ ކެންޑިޭޑޭޓްގެ ހައިސިއްޔަތުން އަމޮން އަކީ ސިޔާސީ މައިދާނުގައި އެކަހެރިވެފައިވާ ބޭފުޅެކެވެ. އެހެނީ ރައީސް އަލޯންޑްގެ ތާއީދު މިހާރު އޮތީ ވަރަށް ދަށްވެފައެވެ. އޭނާ އުފަންވެވަޑައިގެންނެވީ 1967 ވަނަ އަހަރުއެވެ. އޭނާއަކީ މަތީ ތައުލީމު ނިންމެވުމާ އެކު ސިޔާސީ ދާއިރާއަށް ނުކުންނެވި ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ ޕާަލަމެންޓްރީ އެސިސްޓެންޓެއްގެ މަގާމެވެ. އަލޯންޑްގެ ސަރުކާރުގައި އޭނާ ވަނީ ވަޒީރުކަމުގެ ދެމަގާމެއް އަދާކުރައްވާފައެެވެ.
އަމޮންގެ ސިޔާސަތުތަކުގެ ތެރޭގައި ފްރާންސްގެ ވެލްފެއާ ނިޒާމަށް ބޮޑެތި ބަދަލުތައް ގެނެސް، ކޮންމެ ރައްޔިތަކަށް ވެސް 750 ޔޫރޯގެ އާމްދަނީއެއް ލިބޭނެ ގޮތް ހަމަޖެއްސުމާއި މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ މިންވަރު ހަފްތާއަކު 32 ގަޑި އިރަށް މަދުކުރުން ހިމެނެއެވެ. ވައަތު ފިޔައިގެ އަމޮން އަކީވެސް އިސްލާމްދީނަށް ނަފުރަތުކުރައްވާ ބޭފުޅެކެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަކީ ފްރާންސްގައި ހުއްދަ އެއްޗަކަށް ހަަދަން އޭނާ ވަނީ ގޮވައިލައްވާފައެވެ.
ލިޕެން، ފްރާންސްގެ ޓްރަމްޕް
މިދިޔަ މާޗްމަހު ރަޝިޔާގެ ރައީސްއާ ބައްދަލުކުރެއްވުމަށް ފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލިޕެން ވިދާޅުވީ " އާ ދުނިޔެއެއް ފާޅުވެއްޖެ" ކަމަށެވެ. އޭނާ އުއްމީދުކުރައްވަނީ އެމެރިކާގެ ރައީސް ޓްރަމްޕް ރިޔާސީ ކާމިޔާބު ކުރެއްވި ގޮތަށް އަދި އިނގިރޭސިން އީޔޫއިން ވަކިވާން ނިންމި ވޯޓް ފަދަ ގޮތަކަށް މީހުން ހައިރާން ކޮށް ރިޔާއީ އިންތިހާބު ކާމިޔާބު ކުރައްވާށެވެ. އޭނާ ތަމްސީލުކުރައްވާ ނެޝަލް ފްރޮންޓަކީ ކަނާތުފިޔައިގެ ހަރުކަށި ޕާޓީއެކެވެ.
ކަނާތު ފިޔައިގެ ހަރުކަށި ލީޑަރެއްގެ ދަރިކަނބަލެއް ކަމަށްވާ ލިޕެން އުފަންވެވަޑައިގެންނެވީ 1968 ގައެވެ. އޭނާއަކީ އިސްލާމްދީނާ ދެކޮޅު، ޔޫރަޕިއަން ޔޫނިއަންއާ ވެސް ދެކޮޅު ބޭފުޅެކެވެ. ރައީސްކަން ލިބިވަޑައިގެންފި ނަމަ، ފްރާންސް އީޔޫއިން ވަކިފާން ފެނޭތޯ ވޯޓެއް ނަގާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ަރައީސަކަށް ވެވަޑައިގަންނަވަން ހުންނެވި މެކްރޯން
އުމުރުފުޅުން 39 އަހަރުގެ މެކްރޯން އަކީ ފްރާންސްގެ ރިޔާސީ އިންތިހާބުގައި މިފަހަރު ވާދަކުރައްވާ އެންމެ އުއްމީދީ ކެންޑިޑޭޓެވެ. މިނިވަން ސިޔާސީ ބޭފުޅަކަށް 2009 ވަނަ އަހަރު ވެވަޑައިގެންނެވުމުގެ ކުރިން އޭނާ އުޅުއްވީ ސޯޝަލިސްޓް ޕާޓީގައެވެ. ކަނާތުފިޔައިގެ ހަރުކަށި ލިޕެންއާ އެކު އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވިއްޖެ ނަމަ އޭނާ ފަސޭހައިން ލިޕެން ބަލިކުރައްވާނެ ކަމަށް މުހައްލިލުން ދެކެއެވެ. އޭނާގެ ސިޔާސަތަކީ އެމެރިކާއާއި އިނގިރޭސިވިލާތުގައި މިހާރު އޮތް ފަދަ ސިޔާސީ ނުތަނަވަސް ކަމަކަށް ފްރާންސް ވައްޓައި ނުލެއްވުމެވެ. އެހެން ކެންޑިޑޭޓުންނާ ހިލާފަށް އޭނާ ވަނީ މުސްލިމުންނާ މެދު ރުޅިވެރި ވާހަކަ ދެއްކެވުމާ ދުރުވެވަަޑައިގެންފައެވެ. މީހުން ހިޖުރަކުރުމާ މެދު ވެސް އޭނާ ގެންގުޅުއްވަނީ ހުޅުވައިލެވިފައިވާ ސިޔާސަތެކެވެ.
ޔޫރަޕާ ދެކޮޅު މިލެންޗިން
މިލެންޗިން އަކީ ޔޫރަޕިއަން ޔޫނިއަން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ އެ ޖަމާއަތުގައި ފްރާންސް އޮތުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޔޫރަޕްގެ ގިނަ ގައުމުތަކަކާއި އެމެރިކާ ބައިވެރިވާ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން ( ނޭޓޯ) އާ އޭނާ ވަކިން ބޮޑަށް ދެކޮޅެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ އެޖަމާއަތުން ފްރާންސް ވަކިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ލިޕެން ފަދަ ހަރުކަށި ބޭފުޅުން ބަލިކުރެއްވޭނީ އޭނާއަށެވެ.
ފްރާންސްގެ އިންތިހާބުގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުންގެ ތެރެއިން ބޮޑެތި ޕާޓީތަކަށް ނިސްބަތްވާ ގިނަ ބޭފުޅުންނަކީ ސުލްހަވެރިކަަމަށް އެހާ ބޮޑަށް ލޯބިކުރައްވާ ބޭފުޅުން ނޫންކަން އެބޭފުޅުންގެ ވާހަކަ ތަކުން ވަނީ ސާބިތުވެފައެވެ. އެހެންވީމާ ޓްރަމްޕް ކާމިޔާބު ކުރެއްވިހެން ހައިރާން ކުރުވަނިވި ގޮތަކަށް މިއިން ބޭފުޅަކު ވެރިކަމަށް ވަޑައިގެންފި ނަމަ ދުނިޔެއަށް އެކަމުގެ ސަބަބުން ޝޮކެއް ލިބޭނެއެވެ. --މައުލޫމާތު / އަލްޖަޒިރާ