ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިހުމާލުވެގެން 40 މައްސަލަ

ނުކުޅެންދުންތެރިކަން ހުންނަ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ރާއްޖޭގައި އަދިވެސް ގިނަ ކަމަށާއި އެކަމަށް މުޖުތަމައު ހޭލުންތެރިކޮށް އެ ކުދިން އެފަދަ ކަންކަމުން ދުރުކުރަން ކުރަން ޖެހޭ މަސައްކަތް އަދިވެސް އިތުރުކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެން ހިންގި ސައިން ލެންގުއޭޖް ދަސްކޮށް ދިނުމުގެ ކޯސް ނިންމާލުމުގެ ގޮތުން ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒެނީޝާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގޭތެރެއިންނާއި، ގެއިން ބޭރުން ލިބޭ އެކި ބާވަތުގެ އަނިޔާ އާއި އިހުމާލުގެ މައްސަލަތައް ވަރަށް ގިނަކަން ފާހަގަ ކުރެވޭ ކަމަށެވެ. މިނސްޓާ ވިދާޅުވީ، ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ވެސް އެފަދަ 40 އަށް ވުރެ ގިނަ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅިފައި ވާކަމަށެވެ. މިނިސްޓާ ވިދާޅުވީ، މި ޓްރެއިނިން ކޯހުގައި ލިބުނު ފަންނީ ގާބިލްކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އަނިޔާއާއި އިހުމާލުގެ މައްސަލަތައް ތަހުގީގުކުރުމަށާއި، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދާއިރާތަކުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްްޓަރު ވިދާޅުވި އެވެ.

"މިނިސްޓްރީއަށް ހުށަހެޅޭ ތަފާތު މައްސަލަތަކުގެ ބޭރުންވެސް އަޑު އެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ، މެދުވެރިއެއްގެ އެހީ އަކާއި ނުލައި މުއާމަލާތު ކުރުމަށްޓަކައި އިޝާރާތް ބަސް ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއް. މި ކޯހުގެ ސަބަބުން އިތުރު ފަރާތްތަކުން އިޝާރާތް ބަސް ދަސްކުރުމަށް ހިތްވަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރަން" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ސައިން ލެނގުއޭޖް އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް މިއަށް ވުރެ އެޑްވާންސް ލެވެލް ކޯސްތަކެއް ބޭއްވުމަށް މިނިސްޓްރީ އިން ތައްޔާރުވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިސްޓަރު ވިދާޅުވީ، އަޑުއެހުމުގެ ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދޭ ފަރާތްތަކުން ވެސް މި ފަދަ ކޯސްތައް އިންތިޒާމްކޮށް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މުޖުތަމައުގެ ވަކިވަކި ފަރުދުން ވެސް ސައިން ލެންގުއޭޖް ދަސްކުރުމަކީ، ހަމަހަމަ މުޖުތަމައެއް ގާއިމް ކުރުމަށް ލިބޭ ބާރެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތިން ބެޗަކަށް ބަހާލައިގެން ޖެނުއަރީ މަހުން ފެށިގެން މާޗު މަހާ ހަމަޔަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ޖުމްލަ 74 ބައިވެރިން ތަމްރީން ފުރިހަމަ ކޮށްފައި ވާކަމަށް މިނިސްޓްރީ އިން ބުންޏެވެ. އޭގެ ތެރޭގައި، މިނިސްޓްރީގެ މުވައްޒަފުންނާއި، ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލެ އާއި އަތޮޅު ތަކުން ވަޒީފާ ދީފައިވާ ދައުލަތުގެ ކުންފުނިތަކުގެ ކަމާބެހޭ މުވައްޒަފުން ކޯހުގައި ބައިވެރިިވެ ކޯސް ފުރިހަމަކޮށްފައި ވެއެވެ.