ދުނިޔެ

އުތުރު ކޮރެއާއަށް ޓްރަމްޕް ފޮނުވި މަނަވަރުތަކުގެ މިސްރާބު އޮސްޓްރޭލިއާއަށް

Apr 19, 2017

އުތުރު ކޮރެއާއަށް އިންޒާރެއް ދިނުމުގެ ގޮތުން މަނަވަރުތަކުގެ ބިޔަ ފްލީޓެއް ފުރުވާލާފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވީ މިދިޔަ ހަފުތާގެ ކުރީކޮޅުގައެވެ. ނަމަވެސް އޭނާ އޭރު ވިދާޅުވި މަނަވަރުތަކުގެ މިސްރާބު ހުރީ ކޮރެއާއާ ދިމާއަކަށް ނޫންކަން ހާމަވެއްޖެ އެވެ.

ރޮއިޓާސް ބުނީ ޓްރަމްޕް އެހެން ވިދާޅުވި އިރު ވެސް މަނަވަރުތަކުގެ ފްލީޓްގެ މިސްރާބު ހުރީ ކޮރެއަން ޕެނިންސިއުލާއާ ދުރަށް ކަން އެނގިފައިވާ ކަމަށެވެ. އެ ހަފުތާ ނިމުނު އިރު މަނަވަރުތައް ވަނީ ކޮރެއާ އާ ކުރިއަށްވުރެ ވެސް ދުރަށް ގޮސްފައި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. އެޅުނދުތައް މިހާރު ވަނީ އިންޑޮނޭޝިއާގެ ޖާވާ ޖަަރީޒާ އާއި ސުމަޓްރާ ޖަޒީރާއާ ދެމެދުގައިވާ ސަންޑާ ކަނޑު އޮޅި ހުރަސްކޮށް އިންޑިއާ ކަނޑަށް ނުކުމެފަ އެވެ. މިސްރާބު ހުރީ އޮސްޓްރޭލިއާއާ ދިމާލަށެވެ.

އެމެރިކާގެ ޕެސިފިކް ކޮމާންޑުން އިއްޔެ ބުނީ މަނަވަރުތައް އޮސްޓްރޭލިއާއަށް އެދަނީ ކުރު މުއްދަތުގެ ތަމްރީނެއްގައި ބަައިވެރިވާން ކަމަށާއި ތަމްރީނު ނިމުމުން ދާނީ ހަމަ ކޮރެއާ ކައިރިއަށް ކަމަށެވެ.

މަނަވަރުތައް ދާ ތަނަކާބެހޭ ގޮތުން އެމެރިކާއިން މި އޮޅުވައިލި އޮޅުވައިލުމާ މެދު ކޮރެއާ ސަރަހައްދުގެ ކަންތައްތައް ދިރާސާ ކުރާ މާހިރުން ވަނީ ނުތަނަވަސް ކަމެއްގައެވެ. އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާ މެދު ރުޅިވެރިކަން ފާޅުކޮށް، ހަމަނުޖެހުމެއް ފެށިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން ގެންދާ ވަގުތެއްގައި މިހެން ކަންތައް ވުމުން އެމެރިކާގެ އިތުބާރު ނުގެއްލޭނެތޯ އެބޭފުޅުން ސުވާލު އުފައްދަވަ އެވެ.

"ކަލޭމެން އެމީހުންނަށް ބިރު ދައްކާފައި ކަލޭމެން ބިރު ދެއްކުމުގައި ބުރަދަނެއް ނެތުނީމާ، އެމީހުންނާ މެދު ކަލޭމެން ގެންގުޅޭ އެއްވެސް ސިޔާސަތެއްގެ އަގެއް ނުހުންނާނެ،" ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ސްކޫލް އޮފް އެޑްވާންސްޑް އިންޓަނޭޝަނަލް ސްޓަޑީސް '38 ނޯތު ގްރޫޕްގައި އުޅުއްވާ ކޮރެއާގެ ކަންކަމާ ބެހޭ މާހިރެއް ކަމަށްވާ ޖޮއެލް ވިޓް ރޮއިޓާސްއަށް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އެމެރިކާއިން ފޮނުވި މަނަވަރުތަކުގެ ކަންތައް ނިމިފައި މިވަނީ އެފަދަ ގޮތަކަށް ކަމަށެވެ.

އުތުރު ކޮރެއާއިން ހިންގާ ރުޅިއެރުވުމުގެ އަމަލުތައް ހުއްޓައި ނުލާ ނަމަ އެގައުމާ ދެކޮޅަށް އެމެރިކާ އެކަނި ނަމަވެސް ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް ކުރިން ވަނީ ވިދާޅުވެފައެވެ. ކޮރެއާ ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުން ޗައިނާއިން އޭރު ފާޅުކުރިއެވެ. އުތުރުކޮރެއާއިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓް ނާކާމިޔާބު ވުމުން އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗްއާރް މެކްމާސްޓާ ވިދާޅުވީ އުތުރު ކޮރެއާގެ ނާކާމިޔާބު މިސައިލް ޓެސްޓަށް ރައްދުދޭން އަޅާނެ ގިނަ ފިޔަވަޅުތަކަކާ މެދު އެމެރިކާގެ ބައިވެރިންނާއި ޗައިނާއާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެކަމުން ދޭހަކޮށްދެނީ އުތުރު ކޮރެއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅުއްވަން ޓްރަމްޕް ނުނިންމަވާ ކަމެެވެ.

"މިއީ އަހަރެމެން ހުރިހާ ފިޔަވަޅުތަކެއް އަޅަން ވީ ވަގުތު، އަސްކަރީ ފިޔަވަޅު ފިޔަވައި. މިކަން ސުލްހަވެރި ގޮތަކަށް ހައްލުކުރަން،" ބީބީސީ 'ދިސް ވީކް " ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މެކްކާސްޓާ އިއްޔެ ވިދާޅުވިއެވެ.