ކުޅިވަރު

ރެފްރީގެ ގޯސް ނިންމުންތަކާއެކު، ރެއާލް ސެމީއަށް

Apr 19, 2017
13

ރެފްރީގެ ގޯސް ނިންމުންތަކާއެކު، ބަޔާން މިޔުނިކްގެ މައްޗަށް 4-2 ން އަކުން ކާމިޔާބު ހޯދައި، 6-3 ގެ އެގްރިގޭޓް ނަތީޖާއިން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ފުރަތަމަ ލެގް އަމިއްލަ ދަނޑުގައި ކުޅެ ބަލިވުމުން، ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާން މިޔުނިކުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ ފުރަތަމަ ލީޑް ނެގީ ބަޔާންއިން ނެވެ. ލިބުނު ޕެނަލްޓީ އަކުން، އެ ޓީމަށް ލީޑް ނަގައިދިނީ އަނިޔާގެ ސަބަބުން ފުރަތަމަ ލެގް މެޗުގައި ނުކުޅެވުނު، ރޮބަޓް ލެވަންޑޮސްކީ އެވެ. އޭނާ ލީޑް ނެގީ 53 ވަނަ މިނެޓްގަ އެވެ. ނަމަވެސް، މެޗުގެ 76 ވަނަ މިނެޓްގައި، ކެސެމީރޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ބޮލުން ކާމިޔަބު ކުރި ލަނޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗު އެއްވަރުކޮށް، ރެއާލް އަށް ހިތްހަމަޖައްސައިލައިގެން އޮވެވުނީ ސިކުންތު ކޮޅެއްހާ އިރު އެވެ. ބަޔާންނުން އުފައްދި ހަމަލާއެއްގައި، ސާޖިއޯ ރާމޯސްއަށް ހެދުނު މިސްޓޭކެއްގައި، އޭނާ އަތުން ބައިކޮޅަށް ގޯލެއް ވަދެ، އަލުން އެގްރިގޭޓް ނަތީޖާ ހަމަހަމަ ވިއެވެ.

ސުވާލު އުފެދިގެން ދިޔަ ފައުލެއްގައި، ބަޔާންގެ އެލެކްސް ވިޑާލްއަށް ރެފްރީ ވަނީ، ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ނަމަވެސް، ރެއާލްގެ ކެސެމިރޯއަށް ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް، ކާޑު ދައްކަންޖެހޭ އިތުރު ފައުލެއް ކުރި ނަމަވެސް، ރެފްރީ ރީނދޫ ކާޑް ނުދައްކާކަން ފާހަގަ ކޮށް ލެވެ އެވެ.

އެގްރިގޭޓް ނަތީޖާ އެއްވަރުވުމުން، ކުޅުނު އެކްސްޓްރާ ޓައިމްގައި ރޮނާލްޑޯ ވަނީ އޮފް ސައިޑް ޕޮޒިޝަންގައި ހުރެގެން ދެ ލަނޑު ޖަހާފަ އެވެ.

މެޗުގެ 104 ވަނަ މިނެޓްގައި ރޮނާލްޑޯ ލަނޑު ޖެހިއިރު އޭނާ ހުރީ އޮފްސައިޑްލައިނާ ފޫޓެއްހައި އެތެރޭގަ އެވެ. ނަމަވެސް މާސެލޯ ދިން ފުރުސަތުގައި ރޮނާލްޑޯ ލަނޑު ޖެހިއިރު އޭނާ އޮތީ އޮފްސައިޑް ޒޯންއާ ވަރަށް ބޮޑަށް އެތެރޭގަ އެވެ. ނަމަވެސް މެޗުގެ ރެފްރީ ހަންގޭރީގެ ވިކްޓާ ކަސައި ނިންމީ އެ ދެ ލަނޑު ވެސް އޮފްސައިޑް ނުވާ ކަމަށެވެ.

ރޮނާލްޑޯ ޖެހި ލަނޑަކީ ޗެމްޕިއަންސް ލީގްގައި، އޭނާ ކާމިޔަބު ކުރި 100 ވަނަ ގޯލެވެ. އަދި ރޭގެ މެޗަކީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް، ޗެމްޕިއަންސް ލީގްގައި ކުޅުނު 100 ވަނަ މެޗު ވެސް މެއެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ މާކޯ އެސެންސިއޯ އެވެ.

އެންމެ ފަހުގެ ރަނަރަފު އެތުލެޓިކޯ މެޑްރިޑް، އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ނަމަވެސް، ފުރަތަމަ ލެގް މެޗު 1-0 ން ކާމިޔާބު ކުރުމުން އެތުލެޓިކޯ ފައިނަލަށް ދަތުރު ކުރީ، 2-1 ގެ އެގްރިގޭޓް ނަތީޖާ އިން ނެވެ.