ކުޅިވަރު

ބާސާގެ އަމާޒަކީ ޔުވެންޓަސް ކޮޅަށް މަދުވެގެން ފަސް ގޯލް

Apr 19, 2017
3

ބާސެލޯނާގެ އަމާޒަކީ، ޔުވެންޓަސް ކޮޅަށް މަދުވެގެން ފަސް ލަނޑު ޖެހުން ކަމަށް، ބާސާގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި، ފުރަތަމަ ލެގް މެޗުގައި، ޔުވެންޓަސްގެ ދަނޑުގައި ބާސާ ވަނީ ޔުވެންޓަސް އަތުން 3-0 ގެ ނަތީޖާ އަކުން ބަލިވެފަ އެވެ. އެހެންވެ ސެމީ ފައިނަލަށް ދާން ބާސާ ބޭނުން ނަމަ، އެންމެ ކުޑަވެގެން ޔުވެންޓަސް އިތުރު ލަނޑެއް ޖެހިޔަ ނުދީ ބާސާއިން މަދުވެގެން، ހަތަރު ލަނޑު ޖަހަން ޖެހެ އެވެ.

އެންރީކޭ ބުނީ، މިރޭގެ މެޗަށް ނިކުތުމުގެ ކުރިން، ޕީއެސްޖީއާ ދެކޮޅަށް، ބަސާ ކުޅުނު ދެ ވަނަ ލެގް މެޗުގައި، ބާސާއިން ނެރުނު ހިތްވަރު ނެރެން ޖެހޭ ކަމަށެވެ.

"ޕީއެސްޖީގެ މެޗު އަހަރެން، ހަނދާން ކުރަންޏާ އެއީ ވަރަށް އުނދަގޫ މެޗެއް، ބޯޅަ އަތުގައި އޮންނައިރު، އަހަރެމެން އެބަޖެހޭ ވަރަށް ބޮޑަށް ހަމަޖެހި ލައިގެން ކުޅެން މަސައްކަތް ކުރަން، އަދި ބޯޅަ އަތުގައި ނޯންނައިރުވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ،"

"މީގެ އިތުރަށް އަހަރުމެން ބޭނުންވޭ މިފަހަރު މަދުވެގެން ހަތަރު ގޯލް ޖަހަން، އަދި އެ ޓީމު [ޔުވެންޓަސް] ވެސް ލަނޑު ޖަހާނެ ކަން އެނގިގެން އަހަރެމެންގެ ޓާގެޓަކީ މަދުވެގެން ފަސް ގޯލް ޖެހުން، އަހަރެމެން ފުރަތަމަ ގޯލެއް ޖަހައި ފިނަމަ ސަޕޯޓަރުން އަހަރެމެންނަށް އެހީތެރިވެދޭނެ އިތުރު ގޯލްތައް ޖަހަން،" އެންރީކޭ ބުންޏެވެ.

ޔުވެންޓަސްގެ ކޯޗް މެކްސިމިލިއާނޯ އެލެގްރީ ބުނީ، ޗެމްޕިއަންސް ލީގްގެ އިމްތިހާން ކްއާޓާ ފައިނަލާ ހިސާބުން ނުނިމޭނެ ކަމަށާއި އަބަދުވެސް، ގަދަ އަށެއްގެ ތެރޭގައި ޔުވެންޓަސް ހިމެނެން ޖެހޭނެ ކަމަށެވެ.

"އަހަރެމެން އަތުގައި އަބަދުވެސް ބޯޅަ ބާއްވަން ޖެހޭނެ، އަހަރެމެން ބޯޅައިގެ ކޮންޓްރޯލް ހޯދައިފިއްޔާ ބާސެލޯނާ ކޮޅަށް ލަނޑު ޖެހޭނެ، ނަމަވެސް އުނދަގޫ ވަގުތެއްގައި ހަމަޖެހިގެން ތިބުމަކީ ފަސޭހަ ކަމެއްވެސް ނޫން، އަހަރެމެން އެކަމަށް ފޯކަސް ކޮށްގެން ވަރުގަދައަށް ވިއްދައިފިއްޔާ ސެމީ އަށް ދެވޭނެ،" އެލެގްރީ ބުންޏެވެ.

ސެމީ ފައިނަލަށް ދެވިއްޖެނަމަ، މުބާރާތް ކާމިޔަބު ކުރުމުގެ ފުރުސަތު ޔުވެންޓަސްއަށް ބޮޑު ވާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ، ފައިނަލާ ހަމަޔަށް ދިއުމުގެ މަސައްކަތުގައި އޭރުން އެ ބޭއްވުނީ އެންމެ ގާބުރި އެއް ކަމަށެވެ.

ބާސާ އާއި ޔުވެންޓަސްގެ އިތުރުން، މޮނާކޯ އާއި ބްރޫޝިއާޑޯޓަމްނޑް ވެސް މިރޭ މޮނަކޯގެ ދަނޑުގައި ކުޅޭނެ އެވެ.