ހަބަރު

ލިސްޓްގައި އެންމެން ސޮއި ނުކުރިއަސް ތާރީހުގައި އިންތިހާބު ބާއްވާނެ: އީސީ

Apr 19, 2017
8

ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާޒް ލިސްޓްގައި ސޮއި ނުކުރި ނަމަވެސް، ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާޒް ލިސްޓްގެ ސައްހަކަން ކަށަވަރު ކުރުމުގައި އޮޅުންތަކެއް ހުރި ކަމަށް ބުނެ، އެމްޑީޕީ އާއި ޖޫމްހޫރީ ޕާޓީ އިން ވަނީ އެ ޕާޓީގެ ފަރާތުން އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުން ލިސްޓްގައި ސޮއި ނުކުރާނެ ކަމަށް އިއްޔެ ބުނެފަ އެވެ.

"އަވަސް" އިން ކުރި ސުވާލެއްގެ ޖަވާބުގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ ވޯޓާޒް ލިސްޓްގައި މިހާރު ވެސް ވަރަށް ގިނަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށްފައިވާ ކަމަށާއި ވޯޓާޒް ލިސްޓްތައް ތައްޔާރުކޮށްފައި ވަނީ ސުޕްރީމް ކޯޓްގެ ގައިޑްލައިންއާ އެއްގޮތަށް ކަމަށެވެ. އަކްރަމް ވިދާޅުވީ ހުރިހާ ކެންޑިޑޭޓުން ވޯޓާޒް ލިސްޓްގައި ސޮއި ނުކުރި ނަމަވެސް އިންތިހާބު ބޭއްވޭނެ ކަމަށާއި ސުޕްރީމް ކޯޓުން މީގެ ކުރިން އެގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ އިންތިހާބު އިތުރަށް ފަސްކުރަން ޖެހޭނެ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިހާބުގައި ވޯޓްލާން ބޭނުން ކުރާ ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ވެސް ކޮމިޝަނުން މިހާރު ވަނީ ފަށައިފަ އެވެ. އަދި މި މަހުގެ ފަހ ހަފްތާގެ ތެރޭގައި ހުރިހާ ރަށްތަކަށް ވެސް ވޯޓްލުމުގައި ބޭނުންވާ ސާމާނު ފޮނުވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ރާވައިފަ އެވެ.