ދުނިޔެ

މިސްކިތް މައްސަލާގައި ބީޖޭޕީގެ ލީޑަރުންނަށް އުފުލި ދައުވާ އަލުން ބަލަނީ

Apr 19, 2017
2

އިންޑިއާގެ އުއްތަރުޕްރަދޭޝްގެ އަޔޯދިއާ ނަމަކަށް ކިޔާ ރަށުގައި ހުރި ތާރީހީ ބާބްރީ މިސްކިތް ތަޅައިލި މައްސަލާގައި ވެރިކަން ކުރާ ބީޖޭޕީގެ އިސް ބައެއް ލީޑަރުންނާ ދެކޮޅަށް 1993 ވަނަ އަހަރު ކޮށްފައިވާ ދައުވާ އަލުން ބަލަން އިންޑިއާގެ ސުޕްރޯމް ކޯޓުން އަމުރުކޮށްފި އެވެ.

ހަރުކަށި ހިންދޫންގެ ގިނަ ބަޔަކު އެއްވެގެން ބާބްރީ މިސްކިތް ތަޅައިލީ 1992 ވަނަ އަހަރު އެވެ. އެމީހުން މިސްކިތް ތަޅައިލީ އެތަނަކީ އެމީހުންގެ ކަލާންގެއެއް އުފަންވީ ތަނެއް ކަމަށާއި އެތަނުގައި ކުރިން ހުރީ ފައްޅިއެއް ކަމަށް ދައުވާ ކުރަމުންނެވެ. ބީޖޭޕީގެ ލީޑަރުން ކަމަށްވާ ލާލް ކްރިޝްނާ އަދުވާނީ، މުރުލީ މަނޯހަރު ޖޯޝީ، އުމާ ބާރްތީ އާ ދެކޮޅަށް 1993 ވަނަ އަހަރު ދައުވާއެއް އުފުލި އެވެ. އެއީ ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކައި، ގައުމީ އެއްބައިވަންތަކަމަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރި ކަމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާތައް ރާއީބެރިއެލީގެ މެޖިސްޓްރޭޓް ކޯޓުން ކުރިން ވަނީ ބޭރުކޮށްލާފަ އެވެ.

އިންސާފު ނުލިބި ލަސްވާ ނަމަ އެކަން އަވަސް ކުރަން ފިޔަވަޅު އެޅުމަށް އިންޑިއާގެ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއިން ސްުޕްރީމްކޯޓަށް ބާރު އޮވެ އެވެ. ބާބްރީ މިސްކިތް ތަޅައިލި މައްސަލައިގައި ބީޖޭޕީގެ ލީޑަރުންނާ ދެކޮޅަށް އުފުލި ދައުވާ އަލުން ބަލަން އަމުރު ކުރީ އެ ބާރުގެ ބޭނުން ކޮށްގެންނެވެ.

ބާބްރީ މިސްކިތް ތަޅައިލި މައްސަލައިގައި އިންޑިއާގެ ދެ ކޯޓެއްގައި މައިގަނޑު ދެ ދައުވާއެއް އޭރު އުފުލި އެވެ. އެއީ އެމިސްކިތް ތަޅައިލަން މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުމުކުގެ ކުށުގައި ރާއީބެރިއެލީގެ މެޖިސްޓްރޭޓް ކޯޓުގައި އުފުލި ދައުވާ އާއި މިސްކިތް ތަޅައިލި ކަމުގެ ކުށުގައި ލަކަނޫގެ ކޯޓްގައި އުފުލި ދައުވާ އެވެ. ބީޖޭޕީގެ ލީޑަރުންނަށް ރަށްދުވަނީ ރާއީބެރިއެލީ މެޖިސްޓްރޭޓް ކޯޓުގައި އުފުލި ދައުވާ އެވެ. ބީޖޭޕީގެ ލީޑަރުންނާ ދެކޮޅަށް އުފުލާފައިވާ ދަައުވާ އަލުން ބަލާ ނަމަ 900 މީހުންގެ ހެކި ބަސް ނަގަން ޖެހޭނެ އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ދެ ދައުވާ އެއްކޮށްލައިގެން ސީބީއައި ސްޕެޝަލް ކޯޓުން ބެލުމަށެވެ. ލަކަނޫ މައްސަލަ މިހާރު އޮތީ ސީބީއައި ސްޕެޝަލް ކޯޓްގައެވެ.

ބާބްރީ މިސްކިތް ތަޅައިލިތާ 25 އަހަރުވީ އިރު އެ މައްސަލައިގައި ހެކިބަސްދޭން ތިބި އެތައް ބަޔަކާއި ކޯޓްތަކަށް އެކަމާބެހޭ މައްސަލަތައް ވެއްދި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ހަރުކަށި ހިންދޫންގެ ބަޔަކު ބާބުރީ މިސްކިތް ތަޅައިލީ 1992 ވަނަ އަހަރު އެވެ. އެ ހާދިސާއާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 2000 މީހުން މަރުވި އެވެ.

މިސްކިތް ހުރި ތަނަކީ ހިންދޫއިންގެ ކަލާނގެއެއް ކަމަށް ބުނާ މީހަކު އުފަންވީ ތަން ކަމަށާއި އެތަން ލިބެން ޖެހޭނީ ހިންދޫއިންނަށް ކަމަށް އެމީހުން ދަނީ ދައުވާކުރަމުންނެވެ. މުސްލިމުން ބޭނުންވަނީ އެތަނުގައި އާ މިސްކިތެއް ބިނާ ކުރާށެވެ.

އެ މައްސަލަ އައްލާހު އާބާދުގެ ހައިކޯޓަށް ބަޔަކު ހުށަހެޅުމުން ދިގު ދެމިގެން ދިޔަ ޝަރީއަތަކަށް ފަހު 2010 ވަނަ އަހަރު ހުކުމް ކުރީ ބާބުރީ މިސްކިތް ހުރި ތަނުގެ ބިމުގެ ތިންބައިކުޅަ ދެބައި ހިންދޫއިންނަށް ދިނުމަށާއި އަނެއްބަައި މުސްލިމުންނަށް ދިނުމަށެވެ. އެ ތަނަކީ ހިންދޫއިންގެ "ރާމް" ނަމަކަށް ކިޔާ ކަލާންގެއެއްގެ ކަމަށް ބުނާ މީހާގެ އުފަން ތަން ކަމަށް ވެސް އެ ހުކުމުގައި ވެއެވެ. އެ ހުކުމް ދެ ބައި މީހުން ވެސް އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރިއެވެ. ސުޕްރީމް ކޯޓުން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެ މައްސަލައިގެ އަޑު އެހުންތައް ބާއްވަމުންނެވެ.

ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން އިންޑިއާގެެ އުއްތަމަ ފަނޑިޔާރު ޖަގްދީޝް ސިން ކިހާރު ވަނީ މިދިޔަ މާޗްމަހު ގޮވައިލައްވާފަ އެވެ. ގޮވައިލެއްވީ މައްސަލައިގެ އަޑު އެހުންތައް ކޮންމެ ދުވަހު ބާއްވައި، އަވަހަށް މައްސަލަ ނިންމަން އެދެން ފެށުމުންނެވެ. ކިހާރު ވިދާޅުވީ އެފަދަ ޚައްސާސް މައްސަލަތައް ނިންމަން ވާނީ މަޝްވަރާކޮށްގެން ކަމަށެވެ. އެކަމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

އިންޑިއާގެ އެކި ކޯޓްތަކުގައި ބާބްރީ މިސްކިތުގެ މައްސަލަ ހިނގާތާ ގިނަ އަހަރުތަކެއް ވެފައި ވާއިރު އެ މައްސަލަ ކޯޓަށް ފުރަތަމަ ވެއްދި މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ މަރުވެފައެވެ.