ހަބަރު

ޓާޓާގެ ފްލެޓް އެޅުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފި

Apr 19, 2017
7

މާލޭގެ ދެ ބިމެއްގައި ފްލެޓް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލް ކުރަން ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓް އެޅުމަށް ޓާޓާ އެކު ސަރުކާރުން ސޮއި ކުރި އެއްބަސްވުމުގެ ދަށުން، އޯޑިއޯން އާއި ނާދީ ބިމުގައި 127 ލަގްޒަރީ ފްލެޓް އެޅުމުގެ މަސައްކަތް ފަށަން ދިން މުއްދަތު މީގެ ހަތަރު މަސް ކުރިން ހަމަވެފައިވާ ކަމަށެވެ. އެއްބަސްވުމުގެ ދަށުން ޓާޓާއަށް އިތުރު 90 ދުވަސް އެ މަސައްކަތް ފަށަން ދިން ނަމަވެސް އެ މުއްދަތުގައި ވެސް އަމަލީ މަސައްކަތް ފަށާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، އެ އެއްބަސްވުން ބާތިލް ކުރަން ނިންމައި އެކަން މިހާރު ޓާޓާއަށް އަންގާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ގާކޮށި އަދި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިން ދަށުން ފްލެޓް އެޅުމުގެ އެއްބަސްވުމުގެ ދަށުން ޓާޓާ އިން ނާދީ ބިމުގައި އަޅަނީް ޖެހެނީ މަތީ ފަންތީގެ 74 ފްލެޓް އެވެ. އަދި އޯޑިއޯން ބިމުގައި 54 ލަގްޒަރީ ފްލެޓް އަޅަން ޖެހެ އެވެ. ނާދީ ބިމުގައި 76،000 އަކަ ފޫޓް ހުންނަ އިރު، އޯޑިއޯން ބިމުގައި ހުންނަނީ 173،000 އަކަފޫޓެވެ. އެ ދެ ބިމުގައި ހަދާ ފްލެޓްތަކުގެ ބިންގާ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވަނީ ރަމްޒީ ގޮތުން އަޅައިފަ އެވެ. އެހެން ނަމަވެސް މަސައްކަތް ނުފަށަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވުމާ ގުޅިގެން އުފެދުނު މައްސަލަތަކާ ގުޅިގެން ޓާޓާގެ ފްލެޓްގެ މަޝްރޫއު ހުއްޓުމަކަށް އައެވެ. ގާކޮށްޓާއި އަރަބިއްޔާގެ ބިމުގައި އަޅާ ސޯޝަލް ހައުސިންގެ ފްލެޓްތައް ވެސް އެ ކުންފުންޏަށް ނިންމުނީ މިދިޔަ އަހަރު އެވެ. ނަޝީދުގެ ސަރުކާރުގައި ވެސް ކަނޑައެޅިފައިވާ މުއްދަތަށް ފްލެޓްތައް ނުނިންމިގެން އެކި ދުވަސްވަރު އެއްބަސްވުމަށް ވަނީ ބަދަލުތައް ވެސް ގެނެސްފަ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ނަޝީދުގެ ސަރުކާރުގެ ފްލެޓްތައް އެޅުމަށް ޓާޓާއާ އެކު އެއްބަސްވުން ހަދާފައި ވަނީ ވަރަށް ދޯދިޔާކޮށް ސަރުކާރަށް އެކަމުން ގެއްލުން ލިބޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެ މަޝްރޫއުގެ ތެރޭގައި ސޯޝަލް ހައުސިންގެ ކޮމްޕޮނެންޓެއް ހިމެނޭތީ އުނދަގުލުގައި ވެސް އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސަރުކާރުން މަސައްކަތް ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުން ބޮޑު ދެ ބިމެއް ކުންފުންޏަކަށް ދީގެން ފްލެޓްތައް އެޅުމަކީ އެހާ ގަބޫލު ކުރެވޭ ވިސްނުމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި މި ސަރުކާރުން ފްލެޓް އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން މާ ރަނގަޅު ބިންތައް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.