ހަބަރު

އޭސީސީ އާއި އައިޔޫއެމް ގުޅިގެން ކޮރަޕްޝަނާއި ދެކޮޅަށް މަހާސިންތާ އެއް ބާއްވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އާއި އައިޔޫއެމް ގުޅިގެން ކޮރަޕްޝަން ނައްތާލުމަށް މަހާސިންތާއެއް ބޭއްވުމަށް ރާވާފައިވާ ކަމަށް އެސީސީގެ ނައިބު ރައީސް، މުއައްވިޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އިސްލާމި ޔުނިވާސިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއައްވިޒް ވިދާޅުވީ، މި މަހާސިންތާ އަކީ، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ދައުލަތުގެ އިދާރާތަކާއި، ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރާ އިދާރާތައް ގުޅިގެން ބާއްވާ މަހާސިންތާ އެއް ކަމަށެވެ. އަދި މި މަހާސިންތާއަކީ، ގައުމީ ފެންވަރުގައި ކޮރަޕްޝަން ނައްތާލުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ގޮތުން ބާއްވާ މަހާސިންތާ އެއް ކަމަށް ވެސް މުއައްވިޒް ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ، މި މަހާސިންތާގައި ބައިވެރިވާ މުއައްސަސާ ތަކުން ކޮންމެ މުއައްސަސާ އަކުން ވެސް ދިރާސާ ކަރުދާހެއް ހުށަހަޅައިގެން ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އަދި މި މަހާސިންތާގައި ބައިވެރިވުމަށް ދައުވަތު ފޮނުވި ދައުލަތުގެ މުއައްސަސާ ތަކުގެ ގިނަ މުއައްސަސާތަކުން މަހާސިންތާގައި ބައިވެރިވުމަށް މިހާރު ކަރުދާސް ފޮނުވާފައި ވާކަމަށް ވެސް މުއައްވިޒް ވިދާޅުވި އެވެ.

މަހާސިންތާގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީސް، އޮޑިޓާ ޖެނެރަލް އޮފީސް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، އެމްއެމްއޭ އަދި ސިވިލް ސާވިސް ކޮމިޝަން ހިމެނެ އެވެ.

"ކޮންމެ މުއައްސަސާ އަކަށް ވެސް އެމުއައްސަސާގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ކޮރަޕްޝަނާއި ގުޅުން ހުރި މައުލޫ އެއް ދީ، އިލްމީ ދިރާސީ ކަރުދާހެއް ތައްޔާރުކޮށް ހުށަހަޅަން ޖެހޭނީ. އަދި މި މަހާސިންތާގައި އެމައުލޫތަކާއި ބެހޭގޮތުން ވާހަކަ ދެކެވި، ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެން ދާނެ." މުއައްވިޒް މިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވީ، މި މަހާސިންތާގައި ޖިނާއީ އަދުލުގެ ނިޒާމް ތަންފީޒުކުރުމުގައި އަމާނާތްތެރިކަން އިސްކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ހައްލުތަކާއި ބެހޭގޮތުންނާއި، ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތާއި، ނެޝަނަލް އިންޓަގްރިޓީ ޕްލޭން އަދި ކޮރަޕްޝަން ހުއްޓުވުމަށް ހިންގާ ހަރަކާތްތަކާއި ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ބޮޑެތި ތަހުލީލުތަކުގައި ދިމާވާ ގޮންޖެހުންތަކާއި ހައްލުތަކާ ބެހޭގޮތުން ދިރާސާ ތަކެއް ކޮށް ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަހާސިންތާ ކުރިއަށް ދާނީ އަންނަ މެއި މަހުގެ 10 އަދި 11 ވަނަ ދުވަހު އައިޔޫއެމް ގައި ކަމަށް މުއައްވިޒް ވިދާޅުވި އެވެ.