މަގުމަތީ ނިދާފައި ތިބި ބައެއްގެ ގައިމަތިން ކާރު ދުއްވުމުން އޭގެ ތެރެއިން މީހަކު މަރުވެ ހަތަރު މީހަކު ޒަހަމްވި މައްސަލައެއްގައި ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާންގެ މައްޗަށް އިންޑިއާގެ ކޯޓެއްގައި ކުރިއަށްދާ މައްސަލާގައި، އެ އެކްސިޑެންޓް ހިނގި ރޭ ކާރު ދުއްވީ ސަލްމާންގެ ޑްރައިވަރު އަޝޯކް ސިންގް ކަމަށް އޭނާ ކޯޓުގައި އިއުތިރާފްވެއްޖެ އެވެ.
ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުވެ، ސަލްމާންގެ ދިފާއުގައި ވާހަކަ ދައްކަމުން ސިންގް ބުނީ އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަމުން ދިޔައީ އޭނާ ކަމަށެވެ. މި އެކްސިޑެންޓްގެ ހުރިހާ ޒިންމާ އެއް ނަގަމުން ސިންގް އިތުރަށް ބުނީ މީގެ ކުރިން ކޯޓަށް ހާޒިރުވެ ވާހަކަ ނުދެއްކީ ކޯޓުތަކުގައި މައްސަލަ ހިންގާ ގޮތާ ބެހޭގޮތުން މާ ބޮޑު މައުލޫމާތުތައް ނޭނގޭތީކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ދިން ބަޔާނުގައި ސަލްމާން ބުނެފައި ވަނީ އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން އިނީ އޭނާގެ ޑްރައިވަރު ކަމަށާއި އޭނާ އިނީ މަސްތުގެ ހާލަތުގައި ވެސް ނޫންކަމަށެވެ.
ދައުލަތުން ސަލްމާން ގިނަ އަދަދެއްގެ ލާރި ދިނުމުން އަމިއްލައަށް ހުރިހާ ޒިންމާއެއް ނަގަނީތޯ އެހުމުން އެކަމަށް އިންކާރުކުރަމުން ސިންގް ބުނީ ސަލްމާންގެ ޓޮޔޯޓާ ލޭންޑް ކްރޫޒާ އޭނާ ދުއްވަމުން ދިޔައިރު ސަލްމާން އިނީ ޑްރައިވަރު ސީޓާ އިންވެގެން އިންނަ ޕެސެންޖާ ސީޓްގައި ކަމަށެވެ. އަދި ކާރުގެ ދުއްވަމުން ދަނިކޮށް ކާރުގެ ކުރީ ވާއަތު ފުރޮޅުގެ ހަން ފަޅައިގެން ދިޔުމުގެ ސަބަބުން ކާރު ކޮންޓްރޯލް ނުކުރެވި، ބޭކަރީގެ ޕޭވްމެންޓް މަތީގައި ނިދާފައި ތިބި މީހުންގެ ގައިގައި ޖެހުނީ ކަމަށެވެ.
"ބުރަކި ޖައްސަން ވަރަށް މަސައްކަތް ކުރިން، އެކަމަކު ކޮންޓްރޯލް ނުކުރެވި ގޮސް އެމީހުންގެ ގައިގަ ޖެހުނީ" ސިންގް ކޯޓުގައި ބުންޏެވެ.
އިތުރަށް ސިންގް ބުނީ އެކްސިޑެންޓްގެ ސަބަބުން ސަލްމާން އިން ސީޓުގެ ދޮރު ތާށިވެގެން ނުހުޅުވުމުގެ ސަބަބުން އޭނާ ނިކުތީ ޑްރައިވަރު ސީޓުން ކަމަށެވެ.
މީގެއިތުރުން ކަން ހިނގާ ދިޔަ ގޮތް ކޯޓުގައި ކިޔާދެމުން ސިންގް ބުނީ އެކްސިޑެންޓްވީ ފަހުން އެތަނުގައި އޭނާ ފަސްވަރަކަށް މިނެޓް ވަންދެން މަޑުކުރިކަމަށާއި އެއަށްފަހު އޭނާ ދިޔައީ ބަންޑްރާ ޕްލިސް ސްޓޭޝަނަށް އެކަން ފުލުހުންނަށް އަންގަންކަމަށެވެ. އެހެންނަމަވެސް ޕޮލިހުންގެ ޓީމެއް އެކްސިޑެންޓްވި ތަނަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނިކަމަށެވެ. އަދި އޭނާ ޕޮލިސް ސްޓޭޝަންގައި ފަތިސް ވަންދެން މަޑުކުރިކަމަށާއި ނަމަވެސް ޕޮލިހުން އޭނާގެ ބަޔާން ނަގަން އިންކާރުކުރި ކަމަށެވެ.
އޭގެ އަނެއް ދުވަހު ހެނދުނު ޕޮލިސް ސްޓޭޝަނަށް މީޑިއާވެސް އައި ކަމަށާއި އެހެންނަމަވެސް ޕޮލިސް ސްޓޭޝަންގައި ހުރުމުން މީޑިއާގައި އެވާހަކަ ހާމަނުކުރެވުނީ ކަމަށް ސިންގް ބުންޏެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުމުގައި ދިފާއީ ހެކިން ހުށަހެޅުމަށް އިތުރު ފުރުސަތު ދޭނެކަމަށްވެ އެވެ. އެއަށްފަހު މި މައްސަލައިގެ ހުކުމް ވަރަށް އަވަހަށް ކުރާނެކަމަށް ލަފާކުރެވެ އެވެ.
މި މައްސަލަ ކޯޓުގައި އޮންނަތާ 13 އަހަރުވެފައިވާ އިރު، ސަލްމާން މައްޗަށް ސާބިތުވެއްޖެ ނަމަ މަދުވެގެން ދިހަ ވަރަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ކުރިން ލަފާކުރެވިފައިވީ ނަމަވެސް ސަލްމާންގެ ޑްރައިވަރުގެ ހެކިބަހުން އޭނާ ސަލާމަތްވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް މިހާރު އެބައޮތް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
ކަންމިހެން ވެއްޖެނަމަ ސަލްމާން ޖަލަށްލަފާނެ ކަމުގެ ބިރަށް ތިބި އޭނާގެ ފޭނުންނާއި ފިލްމް އިންޑްސްޓްރީއަށް އުފާވެރި ހަބަރެކެވެ.