ހަބަރު

އަބުރު ގާނޫނުގެ އަދަބުތައް ހުއްޓުވަން އަމުރަކަށް އެދެފި

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން މަޑުޖައްސާލުމަށް ވަގުތީ އަމުރަކަށް ހައިކޯޓުގައި އެދެފި އެވެ.

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ރާއްޖޭގެ ގާނޫނު އަސާސީއިން ކަށަވަރުކޮށްފައިވާ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް އެ ގާނޫނުގެ ބައެއް މާއްދާތައް ހުރި ގާނޫނެއް ކަމަށް ބުނެ އެ މާއްދާތައް އުނިކުރަން ހައިކޯޓަށް ވަނީ މައްސަލައެއް މީގެކުރިން ވައްދާފަ އެވެ. ވަގުތީ އަމުރަށް އެދިފައިވަނީ އެ މައްސަލާގެ ޝަރީއަތް ނުފަށަނީސް އަބުރުގެ ގާނޫނުގެ ދަށުން ބައެއް އިދާރާތަކުން ފިޔަވަޅު އަޅަމުންދާތީ އެވެ.

ވަގުރީ އަމުރަކަށް އެދުނު ސަބަބެއް ކަމަށް ބުނެފައިވަނީ އެ ގާނޫނުގެ މައްސަލަ ހައި ކޯޓުން ބަލައި ނިމުމުގެ ކުރިން އެ ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތައްކޮށް ޖަލު ހުކުމްތައް އައިސް އެ ހުކުމް ތަންފީޒުކޮށް ނިމިއްޖެ ނަމަ އޭގެ ސަބަބުން އެތައް ރައްޔިތުންނަކަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ކުރިމަތިވެދާނެތީ ކަމަށެވެ. އެހެންކަމުން އެދިފައިވަނީ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ހުކުމެއް އިއްވަންދެން އެ ގާނޫނުގެ ދަށުން އެއްވެސް ފިޔަވަޅެއް ނާޅެމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ހައި ކޯޓަށް ވެއްދި މައްސަލާގައި އުނިކޮށްދިނުމަށް އެދިފައިވަނީ އަބުރުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ށ. ނ. ރ. އާއި ނުވަ ވަނަ މާއްދާ އަދި 11، 12 އަދި 14 ވަނަ މާއްދާ، 17 ވަނަ މާއްދާގެ ނ. އާއި ރ، 18 ވަނަ މާއްދާގެ ނ އާއި ރ، 21، 22، 23 ވަނަ މާއްދާ، 25 ވަނަ މާއްދާއިން 31 ވަނަ މާއްދާއާ ހަމަ އަށް، 32 ވަނަ މާއްދާގެ ހ. އާއި ށ. އާއި ނ. އަދި ރ އަދި 36 ވަނަ މާއްދާ އާއި 40 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނުކުތާ އިން ތިން ވަނަ ނުކުތާ އަށް އަދި 40 ވަނަ މާއްދާގެ ށ. އެވެ.

ނޫސްވެރިންނާއި އަމިއްލަ ޖަމިއްޔާތައް އަދި ބޭރުގެ ބައެއް ގައުމުތަކުން ވެސް ދެކޮޅު ހަދަމުން ދަނިކޮށް، ތަސްދީގުކުރި މި ގާނޫނުގެ ދަށުން މިހާތަނަށް އެއްވެސް މީހަކަށް ދައުވާކޮށްފައެއް ނުވެ އެވެ. ނަމަވެސް ގާނޫނުގެ ދަށުން ރާއްޖެޓީވީއަށް ވަނީ ދެފަހަރެއްގެ މަތިން ބޮޑު ޖޫރިމަނާއެއް އައިސްފަ އެވެ.

މި ގާނޫނުގެ ދަށުން މީހެއްގެ ހައްގަށް، ނަމަށް، އަބުރަށް، ގަދަރަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނޫނީ ގެއްލުން ލިބޭ އަދި ސާބިތު ނުހިފޭ ދޮގު ވާހަކައެއް އެއްވެސް ހަބަރު ފަތުރާ ވަސީލަތަކުން ދައްކައިފި ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގައި ޖޫރިމަނާ ކުރެވޭނެ އެވެ.