ހަބަރު

ޒުވާނުންނަށް ހާއްސަކޮށް 67،000 ވަޒީފާ އުފެއްދިއްޖެ

Apr 19, 2017
6

ޒުވާނުންނަށް ހާއްސަކޮށް މިދިޔަ ތިން އަހަރު ތެރޭ 67،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދައި، ޒުވާނުންނަށް ފޯރުކޮށްދީފައިވާ ކަމަށް، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީން މިދިޔަ ތިން އަހަރު، ހާސިލުކޮށްފައިވާ ކާމިޔާބު ތަކާ ބެހޭގޮތުން މިއަދު ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، އެކި ސިނާއަތް ތަކާއި އެކި ދާއިރާތައް ހިމެނޭ ގޮތުން، ޒުވާނުންނަށް ހާއްސަކޮށް ޖުމުލަ 67،838 ވާޒީފާ އުފެއްދައި، ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސްގެ ތެރެއިން އުފެދުނު 3165 ވަޒީފާ އަކާއި، އަދި އެކި ކުންފިތަކުގެ ފަރާތުން އުފެދިގެންދިޔަ 5159 ވަޒީފާ އަކެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިގްތިސޯދުގައި އެންމެ ބޮޑު ހިއްސާއެއްވާ ތިން ސިނާއަތް ކަމަށްވާ ފަތުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާއިން 18390 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް އުފެދިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރަޖިސްޓާ ކޮށްފައިވާ ދާއިރާގެ އިތުރުން، އިގްތިސޯދީ ގޮތުން ތަރައްގީ ރާއްޖެއަށް ގެނައުމަށް މެގަ ޕްރޮޖެކްޓްތަކެއް ފާސް ކުރައްވާ އަދި އިކޮނަމިކް ކައުންސިލުން ކުރިއަށް ގެންދަވާއިރު، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ޒުވާނުންނަށް ވަކި އަދަދެއްގެ ވަޒީފާ ކްރިއޭޓްވާ ގޮތަށް އިކޮނަމިކް ކައުންސިލުން މިވަނީ ކަނޑައަޅުއްވާފަ،" މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

އިރުތިޝާމް ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އަދަދަށްވުރެ އިތުރަށްވެސް މިހާރު ވަޒީފާ ފުރުސަތު އުފެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕްރައިވެޓް އެހެން ސިނާއަތްތަކުން ޒުވާނުންނަށް އެތަކެއް ހާސް ވަޒީފާ ފުރުސަތުތައް ފޮރުކޯށްދީފައިވާ ކަމަށެވެ.

"ވަޒީފާ ފޯރުކޮށް ދިނުމުގެ މަސައްކަތްތަކަށް ބަލާލާއިރު ފަތުރުވެރިކަމުގެ ދާއިރާ އާއި ދަނޑުވެރިކަމާ މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގެ ފުރުސަތާއި އަދި ތަފާތު ފެއާތަކުގެ ތެރެއިން ޒުވާނުންނަށް އެކެޑެމިކް ލެވަލްގެ އެކި ފުރުސަތުތަތަކާއި ސިއްހީ ދާއިރާއިންވެސް ޒުވާނުން ވަޒީފާގެ ފުރުސަތުތައް އަދި ރިސޯޓް ތަކާއި އެކިއެކި އަމިއްލަ ކުންފުނިތައް ކަމަށްވާ އެމްޕީއެލް އާއި އެމްޓީސީސީ ފަދަ ކުންފުނިތަކުންވެސް ވަނީ ޒުވާނުންނަށް ވަޒީފަގެ ފުރުސަތުތައް ހުޅުވާލައްވަފަ،"

ޔޫތު މިނިސްޓްރީން މިދިޔަ އަހަރު ބޭއްވި 'ކިއްސަރު ޖޮބް ފެއާ' އަކީ އެހެން އަހަރު ތަކުގައި ބޭއްވުނު ފެއާތަކަށް ވުރެ ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިގެން ދިޔަ ފެއާއެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ކިއްސަރު ފެއާއިން މިދިޔަ އަހަރު ވަނީ 500 ވުރެ ގިނަ ވަޒީފާ ހުޅުވާލާފަ އެވެ. މީގެ އިތުރުން 8000 ނަރުހުން ތަމްރީން ކޮށް ހިދުމަތަށް ނެރުމުގެ ޕްރޮގްރާމެއްވެސް މިދިޔަ އަހަރު ކިއްސަރު ފެއާއިން އިއުލާން ކުރި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފެއާ މިދިޔަ އހަރަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށާއި މިދިޔަ އަހަރަށްވުރެ ގިނައިން ވަޒީފާގެ ފުރުސަތުތައް މިއަހަރުގެ ފެއާއިން ހުޅުވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން، ރަށްރަށުގައި ގާއިމު ކުރާ ޔޫތު ސެންޓަރުތަކަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީން ކުރުމަށް މާލޭގައި މިދިޔަ އހަރުވެސް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދެވުނު ކަމަށާއި މިއަހަރުވެސް އިތުރު ރަށްރަށުގައި ޔޫތު ސެންޓަރުތައް ގާއިމުވެގެން ދިއުމާއެކު ޔޫތު ސެންޓަރުތަކުގެ ތެރެއިންވެސް އިތުރު ވަޒީފަތަކެއް އުފެދިގެން ދާނެ ކަމަށެވެ.

ޔުޓު މިނިސްޓަރީން މިއަހަރު ޓާގެޓްކޮށްފައި ވަނީ މިއަހަރު ނިމެންވާއިރަށް، ސަރުކާރުގެ ކުޅިވަރު އިންފްރާސްޓްރަކްޗާ މަޝްރޫތަކުގެ 80 ޕަސަންޓް މަސައްކަތް މިއަހަރު ނިންމުމަށެވެ.