ހަބަރު

އެލްޖީއޭގެ ބޯޑް ކުޑަކުރާ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

Apr 19, 2017
4

ކައުންސިލްތަކުގެ ބެލެނިވެރިފަރާތް، އެލްޖީއޭގެ ބޯޑަށް ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ލާމަރުކަޒީ ގާނޫނަށް ހުށަހަޅައި މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ އެލްޖީއޭގެ ބޯޑް އެކުލެވިގެން ވާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަކާއި، ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން ބޭފުޅަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއް އަދި ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ހިމެނެ އެވެ.

ރައީސް ތަސްދީގުކުރެއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި މި ފަސް މެންބަރުންގެ ތެރެއިން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ ވަކިކުރުމާއި އައްޔަން ކުރާނީ ސީދާ ރައިސުލްޖުމްހޫރިއްޔާ އެވެ. ދެން ތިބި ތިން މެންބަރުން އައްޔަން ކުރާނީ ވެސް ރައީސް ކަނޑައަޅުމަށް ފަހު މަޖިލީހުން ރުހުން ހޯދައިގެނެވެ. އެ ފަސް މެންބަރުންނަށް ދެވޭ އިނާޔަތްތައް ރައީސް ކަނޑައަޅާއިރު އެ މެންބަރުން ތިއްބަވާނީ ފަސް އަހަރުގެ މުއްދަަކަށް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެލްޖީއޭގެ ބޯޑްގައި މީގެ ކުރިން ނުވަ މެންބަރުން ތިއްބަވަ އެވެ. ކުރިން ގާނޫނު އޮތް ގޮތުން، ބޯޑް އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރައްވާ މިނިސްޓަރެއްގެ އިތުރުން އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އައްޔަން ކުރާ މެންބަރުން ހިމެނޭ ގޮތަށެވެ.